ގޯޅިގަނޑުގެ މައްޗަށް ކުރިހޯދާ ޒެފްރޯސް އެސްސީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ. ގުރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި ޒެފްރޯސް ސެމީއަށް ދަތުރުކުރީ ރޭގެ މެޗު 2 – 1 އިން ކާމިޔާބުކޮށްގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ގޯލް ކާމިޔާބު ކޮށްފައިވަނީ ޒެފްރޯސްގެ ޙުސައިން ޝާހިންއެވެ. ގޯޅިގަނޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެ ޓީމުގެ އަޙްމަދު އާސިފްއެވެ. އަދި މެޗު ނިމެން ކައިރިވެފައިވަނިކޮށް ޒެފްރޯސް މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު އިސާމްއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޒެފްރޯސްގެ ޙުސައިން ޝާހިންއެވެ.
ރޭގެ ދެވަނަ މެޗުން ގާގަނޑު ބަލިވި ނަމަވެސް ގާގަނޑު ސެމީގެ ޖާގައެއް ކަށަވަރު ކުރީ ފައިދާ ގޯލުން ކުރި ހޯދާ ގުރޫޕުގެ ދެވަނައިގެ ގޮތުގައެވެ. މި މެޗު ތަންގަނޑު ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ގާގަނޑު އެފްސީއިންނެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ އިރުފާން މުޙައްމަދެވެ. ތަންގަނޑުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ޝަމްވީލް މުޙައްމަދު ކާމިޔާބުކުރި ލަނޑާއިއެކުއެވެ. އަދި ތަންގަނޑު އެފްސީ މެޗުން މޮޅުވި ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނު އަލީ ޝިޔާހުއެވެ.
ރޭގެ މެޗުތަކާއިއެކު މުބާރާތުގެ ގުރޫޕް ސްޓޭޖުގެ މެޗުތައް ނިމުނުއިރު މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރެއެވެ. ސެމީފައިނަލްގެ ފުރަތަމަ މެޗުގައި މާދަމާ ރޭ 21:30 ގައި ބައްދަލުކުރާނީ ގުރޫޕް އޭގެ އެއްވަނަ ހަވާސް އެސްސީ އަދި ގުރޫޕް ބީގެ ދެވަނަ ގާގަނޑު އެފްސީއެވެ. ސެމީގެ ދެވަނަ މެޗުގައި 22:30 ގައި ބައްދަލުކުރާނީ ގުރޫޕް ބީގެ އެއްވަނަ ތަންގަނޑު އެފްސީ އަދި ގުރޫޕް އޭގެ ދެވަނަ ޒެފްރޯސް އެފްސީއެވެ.
މިއަހަރުގެ މުބާރާތް އިންތިޒާމްކުރަނީ މީދޫ ކައުންސިލާއި މީދޫ ޖަމްޢިއްޔަތުއް ޞަލާހު ގުޅިގެންނެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ މީދޫ ޓައިމްސްއެވެ.