އައިއޯއައިޖީ 2023 ރާއްޖޭގައި ބޭއްވުމަށް ރަސްމީކޮށް ބިޑު ހުށަހަޅައިފި
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ދިވެހިރާއްޖޭގައި ބޭއްވުމަށް ހުށަހަޅަންޖެހޭ ރަސްމީ ބިޑް، ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަޙްލޫފް މިއަދު ހުށަހަޅައި ދެއްވައިފިއެވެ.     މޮރީޝަސްގެ އިންޓަރކޮންޓިނެންޓަލް ހޮޓަލްގައި މިއަދު ހެނދުނު ބޭއްވި ބިޑް ހުށަހެޅުމުގެ ހަފްލާގައި މި މުބާރާތް 2023 ވަނަ އަހަރު ބޭއްވުމަށް ރާއްޖެއާއެކު ވާދަކުރަމުންދާ މަޑަގަސްކަރ އަދި ކޮމޮރޮސް އިންވެސް ވަނީ ރަސްމީކޮށް ބިޑް ހުށަހަޅާފައެވެ.     ރާއްޖޭގެ ބިޑް ހުށަހަޅުއްވަމުން މިނިސްޓަރ މަޙުލޫފް ވިދާޅުވީ މި މުބާރާތަކީ ދިވެހިންގެ ހިތްތަކާއި ގުޅިލާމެހިފައިވާ މުބާރާތެއް ކަމަށެވެ. އެގޮތުން އައިއޯއައިޖީއަކީ ދިވެހިރާއްޖެއިން އެންމެ ފުރަތަމަ ބައިވެރިވި ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްކަމާއި، ދިވެހިރާއްޖެއިން ބައިނަލްއަގްވާމީ ފުޓުބޯޅައިގައި ޖެހި ފުރަތަމަ ގޯލް ޖެހީ މިމުބާރާތުގައިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.     އެ ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކަނޑު ހުރަސްކޮށް މި މުބާރާތުގައި ބައިވެރިވުމަށް ރާއްޖެއިން މި ސަރަހައްދުގެ އެހެން ގައުމުތަކަށް ދަތުރުކުރާތާ 40 އަހަރުވީ ކަމަށާއި އަދި އެންމެ ފަހަރަކުވެސް މުބާރާތުގައި ބައިވެރިނުވެ ދޫކޮށްލާފައިނުވާނެ ކަމަށެވެ. އެކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ މިއީ ރާއްޖެއަށް މުބާރާތް ބޭއްވުމުގެ ފުރުސަތު ދޭންވީ ފަހަރުކަމަށް ވިދާޅުވެފައެވެ.     ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މުބާރާތަށް ދޭ އަހައްމިއްޔަތު އެނގިގެންދަނީ، މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން ރައީސް ސޯލިހުގެ މަންދޫބުންގެ ގޮތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއި އެމަނިކުފާނު މުބާރާތުގައި ބައިވެރިވާ ގައުމުތަކަށް ދަތުރުކުރެއްވިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ގައުމުތަކުގެ އެންމެ އިސްވެރިންނާއި ބައްދަލުކޮށް ރާއްޖެއިން މިމުބާރާތް ބާއްވަން ކުރާ ބިޑަށް ތާއީދު ހޯއްދެވުމަށް ދެ ވަޒީރުން ވަނީ ބުރަ މަސައްކަތްތަކެއް ކުރައްވާފައެވެ.   ފޮޓޯ: ޔޫތް މިނިސްޓްރީ
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...