ރައީސް ޔާމީނަށް ވެރިކަން ލިބިއްޖެނަމަ މިހާރަށްވުރެ ބޮޑެތި އަނިޔާ ރައްޔިތުންނަށް ލިބެމުންދާނެކަމަށް ނަސީމް ވިދާޅުވެއްޖެ
ރައީސް ޔާމީނަށް ދެވަނަ ދައުރަކަށް ވެރިކަން ހަވާލުކޮށްފިނަމަ ދިވެހި ރައްޔިތުންނަށް މިހާރަށްވުރެ ބޮޑެތި އަނިޔާ ލިބޭނެކަމަށް އިދިކޮޅު ކޯލިޝަންގެ މީދޫ ކެމްޕެއިން ޓީމުގެ މެނޭޖަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.   ނަސީމް މިހެން ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓު އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާޢީދު ހޯދުމުގެ ގޮތުން ރ. މީދޫ ކެމްޕެއިން ޓީމުގެ  ފަރާތުން ރޭ ޕެޝަންވިލާ ގޭ ކަންމަތީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.   ރޭގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނަސީމް ވިދާޅުވީ ރައީސް ޔާމީނަކީ އެތަކެއް ގޮތަކުން ދިވެހި ރައްޔިތުންނަށް އަނިޔާވެރިވެފައިވާ ބޭފުޅެއްކަމަށާއި އެމަނިކުފާނު ވެރިކަމަށް އައުމުގެ ކުރިން އެމްޑީޕީގެ ވެރިކަމުގައި ކަރަންޓުގެ ޚިދުމަތަށް ސަބްސިޑީ ދެމުން އައި ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން އެ ސަބްސިޑީވެސް ކަނޑާލެއްވިކަމަށެވެ.    އޭގެއިތުރުން މިދިޔަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއާއި ގުޅިގެން ޖެހިގެން އައި ދުވަހު އާސަންދަ ޚިދުމަތް މެދުކަނޑާލި ކަނޑާލުމަކީވެސް އެމަނިކުފާނުގެ އަނިޔާވެރިކަން ރަމްޒުކޮށްދޭކަމެއް ކަމަށް ނަސީމް ފާހަގަކުރެއްވިއެވެ. ނަސީމްގެ ވާހަކައިގައި އިތުރަށް ފާހަގަކުރެއްވިގޮތުގައި މިފަދަ ގޮތަކަށް ރައީސް ޔާމީނުގެ ވެރިކަމުގައި ކާޑު އަގުވެސް ބޮޑުކޮށްފައިވާކަމަށާއި އަދި އިންތިޚާބާއި ދިމާކޮށް އަނެއްކާވެސް ކުރިން ހުރި އަގަށް އެތަކެތި ބަދަލުކޮށް އެއީ ރައީސް ޔާމީން ހެޔޮފުޅުކަމުން ކޮށްދިން ކަމެއްކަމަށް ދައްކަން މަސައްކަތްކޮށްފައިވާކަމަށެވެ. 
"އެހެންކަމުން އަޅުގަނޑު މިދަންނަވަނީ ރައީސް ޔާމީނަށް ދެވަނަ ދައުރެއް ދީފިނަމަ އަލުގަނޑުމެންނަށް މިހާރަށްވުރެ ބޮޑެތި އަނިޔާ ލިބޭނެ"، ނަސީމް ވިދާޅުވިއެވެ.   ރޭގެ ބައްދަލުވުމުގައިވެސް ވާހަކަދެއްކެވި ގިނަ ބޭފުޅުންވަނީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓަކީ ފަސްބައި ސާފު ޞާލިޙު ބޭފުޅެއްކަމަށް ތަކުރާރުކޮށް ވިދާާޅުވެފައެވެ. 
ކިޔުންތެރިންގެ ހިޔާލް

2018-09-20 07:27:13
މަސްއޫދު
މީދޫގައި ކެމްޕެއިން ކުރަނީ ހަމައެކަނި އިދިކޮޅު ކޯލިޝަނުންތޯ
އެންމެ މަގުބޫލު: 7 ދުވަސް
...