ލިޓަަސް މީދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގެ ރޭގައި ކުޅުނު ފުރަތަމަ މެޗު ފޯރިގަދަ ކުޅުމަކަށްފަހު ޒެފްރޯސް އެފް.ސީއިން ކާމިޔާބުކޮށްފިއެވެ.

ގުރޫޕު އޭގައި ހިމެނޭ ޒެފްރޯސް އަދި އެފް.ސީ ޔުނައިޓެޑް ބައްދަލުކުރި މެޗު ޒެފްރޯސްއިން ކާމިޔާބުކުރީ 3 ލަނޑު 2 ލަނޑުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޒެފްރޯސްއަށް މޮޅު ކުޅުމެއް ކުޅެދިން އިޝާން (ޝާންޓޭ)އެވެ. މި މޮޅާއެކު ތިން ޕޮއިންޓާއެކު ގުރޫޕު އޭގެ ދެވަނައަށް ޒެފްރޯސްވަނީ ޖެހިލާފައެވެ.

ރޭގެ ކުޅުނު ދެވަނަ މެޗުގައި ގުރޫޕު ބީގެ ދެ ޓީމުކަމަށްވާ ގާގަނޑު އެފް.ސީ އަދި ގޮށްރާޅު އެސް.ސީ ބައްދަލުކުރި މެޗު ނިމުނީ 1 ލަނޑު 1 ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ގޮށްރާޅުގެ ސާޖިދުއެވެ.

މި މުބާރާތުގައި މިރޭވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޒެފްރޯސް އަދި ހަވާސްއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ލިންކޭޖް އަދި ގާގަނޑުއެވެ.

މިއަހަރުގެ މުބާރާތް އިންތިޒާމްކުރަނީ މީދޫ ޖަމްޢިއްޔަތުއް ޞަލާހުންނެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ މީދޫ ޓައިމްސްއެވެ.