އިއްތިހާދުގެ ވެރިކަމެއްގައި މީދޫގެ ބިމުގެ ދަތިކަން ހައްލުކޮށްދޭނަން - ފައިސަލް ނަސީމް
އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި މީދޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކޮށްދެއްވާނެކަމަށް އިދިކޮޅު ކޯލިޝަނުގެ ރަނިންގމޭޓު އޮނަރަބަލް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.   ފައިސަލް މިހެން ވިދާޅުވީ އިދިކޮޅު ކެނޑިޑޭޓާއި ރަނިންމޭޓު ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަތުން ފާހަގަކުރުމުގެ ގޮތުން ރޭ، ރ. މީދޫގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްވަމުންނެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ބޭއްވި މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަން ވެގެންދާނީ ހަމަހަމަކަމާއެކު ރަށްރަށަށް ތަރައްޤީ ގެނެސްދޭނެ ވެރިކަމެއްކަމުގައިކަމަށާއި އަދި (ތަރައްޤީގެ މަޝްރޫއުތައް ހިންގެވުމުގައި) އެރަށެއްގެ ނުވަތަ އެދާއިރާއެއްގެ މެމްބަރު ހުރީ ކޮން ޕާޓީއެއްގަތޯއާއި ކައުންސިލަރުންގެ ފިކުރަކީ ކޮބައިތޯ އެ ސަރުކާރުން ނުބައްލަވާނެކަމަށެވެ.   ފައިސަލްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ މިހާރުގެ ރައީސް ޔާމީނުގެ ވެރިކަމަށް ނޫނެކޭ ބުނަންޖެހޭ ސަބަބުތައް ބައިވަރު އެބަހުރިކަމަށެވެ. އެގޮތުން މިސަރުކާރު ގެނެސްދިނުމަށް އެންމެ ބޮޑަށް މަސައްކަތްކޮށްދެއްވި ރައީސް މައުމޫނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ އަށް ދިނީ އަނިޔާކަމަށެވެ.  "ހެޔޮ ބަހެއް ވިދާޅުވި ކޮންމެ މީހަކު ކުށްވެރިކުރައްވަމުން މިދަނީ"، ފައިސަލް ވިދާޅުވިއެވެ.   މީދޫގެ ވަށައިގެން 3 މިނެޓާއި 15 މިނެޓާއި ދޭތެރޭގެ ދަތުރަކުން ދެވޭ ހިސާބުގައި 8 ވަރަކަށް ރިސޯޓު އެބައޮތްކަމަށް ވިދާޅުވެ ފައިސަލް ވިދާޅުވީ އެބޭފުޅުންގެ ވެރިކަމެއްގައި މި ރިސޯޓުތަކުގައި ވަޒީފާގެ ފުރުސަތުތައް އިތުރަށް ފުޅާކޮށް މި ވަޒީފާތަކަށް މީހުން ތަމްރީނުކުރުމަށްޓަކައި ހޮސްޕިޓޭލިޓީ ޓްރެއިނިންގ ސެންޓަރެއް މީދޫގައި ޤާއިމުކޮށްދެއްވާނެކަމަށެވެ.    މީގެއިތުރުން މީދޫގެ ޒުވާނުން އެންމެ ބޭނުންވާފަދަ ފުޓުބޯޅަ ދަނޑެއް އަޅައިދެއްވާނެކަމަށްވެސް ފައިސަލްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. ފައިސަލްގެ ވާހަކަފުޅުގައި މީދޫގެ ސިއްހީ މަރުކަޒުގެ  އަޕްގްރޭޑްކޮށް އިތުރު ޚިގުމަތްތައް ލިބޭގޮތަށް ބަދަލުކޮށްދެއްވާނެކަމަށްވެސް ވިދާޅުވިއެވެ. މީގެއިތުރުން ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ދައުރުފުޅާކޮށް މީދޫގެ ކައުންސިލާއި ގުޅިގެން ރަށުގައި ތިބެގެން ކޯސްތައް ފުރިހަމަކުރެވޭނަފަދަ ގޮތްތައް ޤާއިމްކޮށްދެއްވާނެކަމަށް ފައިސަލްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
އެކިއެކި ސަބަބުތަކާހުރެ ވަޒީފާގެ ބިރުވެރިކަން އެތައް ބަޔަކަށް ކުރިމަތިވެއްޖެކަމަށް ވިދާޅުވެ އެބޭފުޅުންގެ ސަރުކާރެއްގައި ﷲގެ ވާގިފުޅާއެކު ނުހައްޤުން ވަޒީފާ ގެއްލިފައިވާ ހުރިހާ ފަރާތްތަކަށް އެންމެ ފުރަތަމަ ދުވަހު ވަޒީފާ ޔަޤީން ކޮށްދެއްވާނެކަމަށް ފައިސަލް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި އިކޮޅު ކޯލިޝަނަށް ތާއީދުކުރައްވާ ކައިރި ރަށްރަށުގެ ސަޕޯޓަރުންވެސް ބައިވެރިވެފައިވެއެވެ. ރޭގެ ޖަލްސާއަކީ އިދިކޮޅު އެމްޑީޕީ ބައިވެރިވެ މީދޫގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ޖަލްސާކަން ފާހަގަކޮށްލެވެއެވެ.         
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...