މާދަމާ ފެށުމަށް ހަމަޖެހިފައިވާ މީދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގައި ބައިވެރިވެފައިވާ ޓީމުތަކުގެ ޖާޒީތަކުން މިފަހަރު ފެންނަ އެންމެ ހިތްގައިމު މަންޒަރަކީ ފަލަސްޠީނަށް އޮތް ލޯބި ދައްކުވައިދީފައިވާކަމެވެ.

މުބާރާތުގައި ބައިވެރިވާ ގިނަ ޓީމުތަކުން ވަނީ ޖާރޒީތަކުގައި އެކި ގޮތްގޮތަށް ފަލަސްޠީނަށް އޮތް ލޯބި ހާމަކޮށްދީ ރީތި ޑިޒައިންތަކެއް ތައްޔާރުކޮށްފައެވެ. މީގެ އިތުރުން މުބާރާތުގައި ވާދަކުރާ ގޯޅިގަނޑު ސްޕޯޓްސް ކުލަބުން ވަނީ ސަޕޯޓަރުންގެ ޖާރޒީ ވިއްކައިގެން ލިބޭ ފައިސާ ފަލަސްޠީނުގެ ފަންޑަށް ހަދިޔާ ކުރުމަށްވެސް ނިންމާފައެވެ.

މުބާރާތުގައި ވާދަކުރާ ތަންގަނޑު އެފް.ސީގެ ޖާޒީ

މި މުބާރާތުގައި ޖުމްލަ 8 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަކީ ހަވާސް ސްޕޯޓްސް ކުލަބު، ތަންގަނޑު އެފް.ސީ، ޒެފްރޯސް އެފް.ސީ، ގޯޅިގަނޑު އެފް.ސީ، ގޮއްރާޅު، ގާގަނޑު އެފް.ސީ، ލިންކޭޖް ބްރަދާޒްގެ އިތުރުން އެފް.ސީ ޔުނައިޓެޑްއެވެ.

ކޮންމެ ރެއަކުވެސް މުބާރާތުގެ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ރޭ ބައްދަލުކުރާނީ މިދިޔަ އަހަރުގެ ޗެމްޕިއަން ހަވާސް ސްޕޯޓްސް ކުލަބު އަދި ގޯޅިގަނޑު އެސް.ސީއެވެ. މާދަމާ ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ލިންކޭޖް ބްރަދާޒް އަދި ތަންގަނޑު އެފް.ސީއެވެ.

މުބާރާތުގައި ވާދަކުރާ ގާގަނޑު އެފް.ސީގެ ޖާރޒީ

މިއަހަރުގެ ކައުންސިލް ފުޓްސަލް ފިއެސްޓާ ހިންގުން ހަވާލުކޮށްފައިވަނީ މީދޫ ޖަމްޢިއްޔަތުއް ޞަލާހުއަށެވެ. މި މުބާރާތުގެ މީޑިއާ ޕާޓްރަނަކީ މީދޫ ޓައިމްސްއެވެ.