ތިބާގެ ވެރި ރައްބުގެ ސުވާލަށް ތިބާ ތައްޔާރުކުރީ ކޮންކަމެއްހެއްޔެވެ ؟
އެއްދުވަހަކު ފުޟައިލް އިބްނު ޢިޔާޟް ރަޙިމަހުﷲ އަށް މުސްކުޅިވެފައި ހުރި ބޭކަލަކު ފެނިވަޑައިގަތެވެ. އެހިނދު ފުޟައިލް ރަޙިމަހުﷲ އޭނާ ކައިރިން އެއްސެވެ. " ތިބާގެ ޢުމުރަކީ ކިހާވަރެއްތޯއެވެ ؟ " ޖަވާބުގައި އޭނާ ބުންޏެވެ. " ތިމަންނަގެ ޢުމުރުން 60 އަހަރު މިހާރުވެއްޖެއެވެ. " އެހިނދު ފުޟައިލް ރަޙިމަހުﷲ ދެންނެވިއެވެ. " އެހެންވީމާ ތިބާގެ ވެރި ރައްބާ ބައްދަލުވުމަށް ކުރާ ދަތުރުގައި 60 އަހަރުވެއްޖެތާއެވެ.

 " އެހިނދު އޭނާއަށް އެކަން އިހުސާސްކުރެވި މާޟީއާ މެދު ވިސްނަންފެށިއްޖެއެވެ. އަދި ބުންޏެވެ. " ހަމަކަށަވަރުން ތިމަންމެންނީ ﷲ އަށް މިލްކުވެވޮޑިގެންވާ ބަޔެކެވެ. އަދި ހަމަކަށަވަރުން ތިމަންމެންނީ އެކަލާނގެ ހަޟްރަތަށް އެނބުރިދާނޭ ބަޔެކެވެ. " އެހިނދު ފުޟައިލް ރަޙިމަހުﷲ ދެންނެވިއެވެ. " ތިބާ ތިބުނި ބަހުގެ މާނަ އެނގޭހެއްޔެވެ ؟ ތިބާ އަކީ ވެރިފަރާތެއްގެ މިލްކެކެވެ. އަދި އެ ވެރިފަރާތެއްގެ ހަޟްރަތަށް ތިބާ އެނބުރި ދާންވެސް ޖެހޭނެއެވެ. " އެހިނދު އޭނާ ބުންޏެވެ " އާއެކެވެ. ތިމަންނައަކީ ﷲ ގެ މިލްކެކެވެ. އަދި އެކަލާނގެ ހަޟްރަތަށް ތިމަންނަ އެނބުރި ދާންވެސް ޖެހޭނެއެވެ. " ދެން ފުޟައިލް ރަޙިމަހުﷲ ދެންނެވިއެވެ. " ތިބާއަކީ، ތިބާގެ ވެރި ރައްބުގެ މިލްކެއްކަމާއި އަދި އެއިލާހުގެ ހަޟްރަތަށް އެނބުރި ދާންޖެހޭކަން ތިބާއަށް އެނގޭކަމުގައި ވާނަމަ، އެއިލާހު ތިބާއާ ސުވާލުވެސް ކުރައްވާނެކަން ދަންނަންޖެހޭނެއެވެ. 

އެހެންކަމުން ތިބާގެ ވެރި ރައްބުގެ ސުވާލަށް ޖަވާބުދިނުމަށް ތިބާ ތައްޔާރުކުރީ ކޮންކަމެއްހެއްޔެވެ ؟ " އެހިނދު އޭނާ ރޯންފެށިއެވެ.    
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...