ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމެއް ފޯކައިދޫ ސްކޫލަށް ޒިޔާރަތްކޮށްފި
ތަޖުރިބާ ހޯދައި، މައުލޫމާތު ބަދަލުކުރުމުގެ ދަތުރެއްގައި ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމެއް ށ. ފޯކައިދޫ ސުކޫލަށް ޒިޔާރަތްކޮށްފިއެވެ.   މިދިޔަ ބުރާސްފަތި ދުވަހު، ދެ ދުވަހުގެ މުއްދަތަށް ކުރި މި ދަތުރުގައި ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 10 އަދި 12ގެ ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންނާއެކު 80އަށްވުރެ ގިނަ މީހުން ބައިވިއެވެ. މިދަތުރުގައި ދެ ސްކޫލުގެ ޓީޗަރުން ދެ ސްކޫލުގެ ކުދިންނަށް ކުލާސްތައް ނަގައިދިނުމުގެ އިތުރުން ދެ ސްކޫލުގެ މެނެޖްމެންޓުންވެސްވަނީ މައުލޫމާތު ހިއްސާކުރުމުގެ ބައްދަލުވުންތައް ބާއްވާފައެވެ. އަދި  ދެ ސްކޫލުގެ ޕީޓީއޭވެސް ވަނީ ބައްދަލުކޮށް މައުލޫމާތު ބަދަލުކޮށްފައެވެ. މީގެއިތުރުން ދެ ސްކޫލުގެ ސްޓޫޑެންޓް ކައުންސިލާއި ޕްރިފެކްޓް ބޯޑުންވެސްވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.    މިދަތުރުގައި ދެ ސްކޫލުގެ ދަރިވަރުންގެ މެދުގައި ފުޓްބޯޅަ މެޗަކާއި ނެޓްބޯޅަ މެޗެއްކުޅެވުނެވެ. ފުޓުބޯޅަ މެޗު 2 ލަނޑު 1 ލަނޑުން ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމު ކާމިޔާބުކުރި އިރު ނެޓްބޯޅަ މެޗެ ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމުން ކާމިޔާބުކުރީ 13 ލަނޑު 4 ލަނޑުންނެވެ.    މި ދަތުރާގުޅޭގޮތުން މީދޫ ޓައިމްސްއަށް މައުލޫމާތުދެއްވަމުން ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ލީޑިންގ ޓީޗަރ ޢަބްދުﷲ ޝިހާމް ވިދާޅުވީ މިދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއްކަމަށާއި ވަރަށް ގިނަ ގޮތްގޮތުން ފައިދާކުރި ދަތުރެއްކަމަށެވެ.  މި ދަތުރުގައި ބައިވެރިވި ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމަށް ފޯކައިދޫއިން އެރުވި ފުރިހަމަ މެހުމާންދާރީއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށްވެސް ޝިހާމް ވިދާޅުވިއެވެ. 

މީގެއިތުރުން ޢަބްދުﷲ ޝިހާމް ވިދާޅުވީ މި ދަތުރުކުރުމުގައި މާލީގޮތުން އެހީތެރިވެދެއްވި މަޑުއްވަރީ  ދާއިރާގެ  އިންތިހާބީ މެމްބަރު އާދަމް ޝަރީފަށްވެސް ޝުކުރު އަދާކުރައްވާކަމަށެވެ. އަދި މި ދަތުރު ކުރުމުގައި ދޯނި  ހަމަޖައްސަވައިދެއްވި ޖޯލި މޯލްޑިވްސް ރިސޯޓުގެ މެނެޖްމެންޓަށްވެސް ޝިހާމްވަނީ ޝުކުރު އަދާކުރައްވާފައެވެ. 

ރ. އަތޮޅު ތައުލީމީ މަރުކަޒުން އަންނަނީ ކޮންމެ އަހަރަކުވެސް ގްރޭޑް 10 އަދި 12  ގެ  ދަރިވަރުންނާއެކު  ތަޖުރިބާ ހޯދުމުގެ  ދަތުރުތައް  އެކި ސްކޫލުތަކަށް ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...