މި މަހުގެ 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މީދޫ ކައުންސިލް ފުޓްސަލް ފިއެސްޓާ ހިންގުން މީދޫ ޖަމްޢިއްޔަތުއް ޞަލާހުއާއި ހަވާލުކޮށްފިއެވެ.

މުބާރާތް ހިންގުން އެމް.ޖޭ.އެސް އާއި ހަވާލުކޮށްފައިވަނީ އެކަމަށް އެދި ހުޅުވާލި ބިޑް ކާމިޔާބުކޮށްގެންނެވެ. މިއީ ކައުންސިލްގެ މުބާރާތެއް އައުޓްސޯސްކޮށް ކުރިއަށް ގެންދާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މީދޫ ކައުންސިލްގެ ރައީސް ހަސަން ޝަރީފް ވިދާޅުވީ، މުބާރާތް އައުޓްސޯސްކޮށް ހިންގަން ނިންމީ މީދޫއަކީ ފެންވަރު ރަނގަޅު މުބާރާތްތަކެއް ބާއްވާ ރަށަކަށްވެފައި ކައުންސިލްގެ މުވައްޒަފުން މަދުވެފައި ޒުވާނުން އެދޭ ފެންވަރުގެ ރަނގަޅު މުބާރާތެއް ބޭއްވޭނެ ގޮތަކީ އައުޓްސޯސް ކުރުން ކަމަށްވާތީ ކަމަށެވެ.

މީދޫގައި މިހާރު ކުރިއަށްދާ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތްކަމަށްވާ ރިޒޯޓުތަކަށް ބާއްވާ ރާބަދި ޗެލެންޖު އިންތިޒާމްކުރާ މީދޫ ޖަމްޢިއްޔަތުއް ޞަލާހަކީ ފެންވަރު ރަނގަޅު މުބާރާތްތައް ބާއްވާތާ އެތައް އަހަރެއްވެފައިވާ ޖަމްޢިއްޔާއެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެމް.ޖޭ.އެސްއިންވަނީ މެދުކެނޑުމެއްް ނެތި އެތައް އަހަރަކު އެމް.ޖޭ.އެސް ފުޓްބޯލް ޗެލެންޖު ކުރިއަށް ގެންގޮސްފައެވެ. އަދި ރާބަދި ޗެލެންޖުގެ ތިން މުބާރާތް ބާއްވާފައިވާއިރު ވެޓެރެންސް ފުޓްސަލް މުބާރަތާއި އެމް.ޖޭ.އެސް ފުޓްސަލް ޗެލެންޖުވެސް ބާއްވާފައިވެއެވެ.

މިއަހަރުގެ ކައުންސިލް ފުޓްސަލް ފިއެސްޓާގައި ޖުމްލަ އަށް ޓީމަކުން ވަނީ ބައިވެރިވެފައެވެ. މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމަކީ ހަވާސް ސްޕޯޓްސް ކުލަބުއެވެ.