ޑޫޒިއަންސްގެ މޮޅު ކުޅުންތެރިއަކަށް ހާޝިމް، ހަވާސްގެ މޮޅު ކުޅުންތެރިއަކަށް ނާޖިހް
ޑޫޒިއަންސްގެ މޮޅު ކުޅުންތެރިއަކަށް ހާޝިމް ޝަފީއު އަދި ހަވާސްގެ މޮޅު ކުޅުންތެރިއަކަށް ނާޖިހު މުހައްމަދު ހޮވައިފިއެވެ.   ރޭ ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި ބޭއްވި ޗެމްޕިޔަންސް ނައިޓުގައި މި ދެކުޅުންތެރިންނަށް ޓްރޮފީ ހަވާލުކޮށްދެއްވީ ރޭގެ ހަފްލާގެ ޝަރަފުވެރި މެހުމާން މީދޫގެ ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަހުމަދު ނަސީމެވެ. ރޭ ބޭއްވި ޗެމްޕިޔަންސް ނައިޓަކީ މިދިޔަމަހު ބޭއްވި ޔޫތު ކަޕުގެ ޗެމްޕިޔަންކަން ހަވާސް ސްޕޯޓްސް ކުލަބުން ހޯދުމާއި ޔޫތު  ރިކްރިއޭޝަން ކަޕްގެ ޗެމްޕިޔަންކަން ޑޫޒިއަންސްއިން ހޯދުމުގެ އުފާ ފާޅުކުރުމުގެ  ގޮތުން ބޭއްވި ހަފްލާއެކެވެ.    ރޭގެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ޝަރަފުވެރި މެހުމާނު އަހުމަދު ނަސީމް ވިދާޅުވީ ފުޓުބޯޅަވެފައިމިވަނީ މުޅި  މީދޫ އެކުވެރިކުރުވާ އެއްޗަކަށްކަމަށާއި އެންމެ ފަހުން ނިމިގެން މިދިޔަ ޔޫތު ރިކްރިއޭޝަން ކަޕުންވެސް އެކަން  ފާހަގަކުރެވުނުކަމަށެވެ. މީގެއިތުރުން މީދޫގެ ކުޅުންތެރިންގެތެރޭގައި އަތޮޅު ފެންވަރުގެ އިތުރުން ޤައުމީ ފެންވަރުގައި  ވާދަކުރެވޭނެ ފެންވަރުގެ ކުޅުންތެރިންވެސް އެބަހުރިކަމަށެވެ. އެފަދަ ހިސާބަކަށް މީދޫ ކުޅުންތެރިން ދިޔުމަކީ  އުއްމީދުކުރާކަމެއްކަމަށްވެސް ނަސީމް ވިދާޅުވިއެވެ. މީގެއިތުރުން މިފަދަ ޓީމުތައް ކުރިއަށްނެރުމުގައި އޭގެ ފަހަތުގައި  މަސައްކަތްކުރާ މެނެޖްމެންޓުގެ ވާހަކަ ގިނަ ފަހަރަށް ފާހަގަ ނުކުރެވޭކަމަށް ވިދާޅުވެ ނަސީމްވަނީ ޑޫޒިއަންސް އަދި  ހަވާސްގެ މެނެޖްމެންޓަށް ޝުކުރު އަދާކޮށްފައެވެ.    ޔޫތުކަޕްގެ ޗެމްޕިޔަންކަން ހަވާސް އިން ހޯދީ ފައިނަލްގައި ގާގަނޑު އެފްސީގެ މައްޗަށް ކުރި ހޯދައިގެންނެވެ. ޔޫތު  ރިކްރިއޭޝަން ކަޕްގެ ޗެމްޕިޔަންކަން ޑޫޒިއަންސް ހޯދީ ފައިނަލްގައި މަޑުއްވަރީގެ ފެލްކަންގެ މައްޗަށް ކުރި  ހޯދައިގެންނެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...