ސިއްހަތު ދުވަސް ފާހަގަކުރުމަށް ސިއްހީ މަރުކަޒުގެ މުވައްޒަފުން ފުރަވެރިއަށް
ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމުގެގޮތުން މީދޫ ސިއްހީ މަރުކަޒުން ފުރަވެރި އައިލެންޑް ރިސޯޓަށް ދަތުރެއްކޮށްފިއެވެ   މިދިޔަ އާދިއްތަދުވަހު ކުރި މިދަތުރުގައި މީދޫ ސިއްހީ މަރުކަޒުގެ ގިނަ އަދަދެއްގެ މުވައްޒަފުން ފުރަވެރިއަށް  ޒިޔާރަތްކުރިއެވެ. މިދަތުރުގައި ފުރަވެރި ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެޑިކަލް ޗެކްއަޕް ހަދައިދިނުމުގެ  އިތުރުން  ޑޮކްޓަރަށް ދެއްކުމާއި ގައިންގަޔަށް ނާރާ ބަލިތަކުގެ މައުލޫމާތު ފުރަވެރި ރިސޯޓުގެ މުވައްޒަފުންނަށް  ދެވުނުކަމަށް މީދޫ ސިއްހީ މަރުކަޒުން މައުލޫމާތުދެއްވިއެވެ.   މީދޫ ޓައިމްސްއަށް މައުލޫމާތުދެއްވަމުން މީދޫ ސިއްހީ މަރުކަޒުގެ ޒިންމާދާރުވެރިޔާ މުހައްމަދު އަހުމަދު ވިދާޅުވީ މިދަތުރުގެ މައިގަނޑު މަޤްސަދަކީ ދުނިޔޭގެ ސިއްހަތު ދުވަހުގެ މިއަހަރުގެ ޝިއާރާ ގުޅޭގޮތުން އެމީހަކު ހުރިތާކުން  ސިއްހީ ހިދުމަތް  ފޯރުކޮށްދިނުންކަމަށާއި 2 ގަޑިއިރަށް ކުރިއަށް ގެންދިޔަ މި ދަތުރަކީ  ވަރަށް ކާމިޔާބު  ދަތުރެއްކަމަށެވެ. ދެ ގަޑިއިރުތެރޭ 36 ފަރާތެއްގެ ހަކުރު ޓެސްޓް ހެދި 52 މީހެއްގެ ލޭގެ ގްރޫޕް  ޓެސްޓްކުރެވުނުކަމަށްވެސް  މުހައްމަދު އަހުމަދު މައުލޫމާތު ދެއްވިއެވެ. މިދަތުރަށް ފުރަވެރީގެ މުވައްޒަފުންނާއި  މެނެޖްމެންޓުގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިގެން ދިޔަކަމަށް މުހައްމަދު ވިދާޅުވިއެވެ.    މީދޫ ސިއްހީ މަރުކަޒުންވަނީ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ދުވުމެއްވެސް  މިދިޔަ ހަފްތާގައި ކުރިއަށްގެންގޮސްފައެވެ. ދުނިޔޭގެ ސިއްހަތު ދުވަހަކީ އޭޕްރީލްމަހުގެ 7 ވަނަ ދުވަހެވެ.     
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...