މަތިވެރި ކައުންސިލާގުޅޭގޮތުން ޖާބިރު ހައްދަވަނީ އިތުރުފުޅެއް - ކައުންސިލުގެ ރައީސް
އއ. މަތިވެރީގައި ހުންނަ ކާޒާ މިއާ ގެސްޓު ހައުސްގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅޭގޮތުން އެ ގެސްޓު ހައުސް މިހާރު ހިންގަވަމުން އަންނަ، ހ. ތިމާވެށި ޢަބްދުﷲ ޖާބިރު ހައްދަވަނީ އިތުރުފުޅެއްކަމަށް މަތިވެރި ކައުންސިލުގެ ރައީސް އިސްމާއީލް އާތިފް ވިދާލުވެއްޖެއެވެ.    މީދޫ ޓައިމްސްއަށް މައުލޫމާތުދެއްވަމުން އާތިފް ވިދާޅުވީ ގެސްޓު ހައުސްގައި ރޯކޮށްލީ މަތިވެރި ކައުންސިލުންކަމަށް ޖާބިރު މީޑިޔާގައި މައުލޫމާތުދެއްވާފައިވާތީ އެކަމާ ހިތާމަކުރައްވާކަމަށެވެ. އާތިފް އިތުރަށް ވިދާޅުވީ މަތިވެރި ކައުންސިލަކީ ތަރައްޤީ ކުރާ ކައުންސިލެއްކަމަށާއި އެއީ ފަނާ ކުރާ ކައުންސިލެއް ނޫންކަމަށެވެ. މީގެއިތުރުން އާތިފް ވިދާޅުވީ ރޭގެ އެ ހާދިސާ ހިނގާދިޔަ ވަގުތު އޭނާ އެހާދިސާ ހިނގި ތަނުގައި އަތްޖަހަން ހުރިކަމަށް މީޑިޔާގައި ދެއްވާފައިވާ މައުލޫމާތަކީވެސް ދޮގު މައުލޫމާތެއްކަމަށެވެ. "އަޅުގަނޑު އެ ރޭ ހުރީ މާލޭގައި. ނިދާފައި އޮއްވާ އަންހެނުން ގުޅާފައި ނަންގަތީ ރޯވެގެން އުޅޭވާހަކަ"، އާތިފް ވިދާޅުވިއެވެ.   އާތިފް ވިދާޅުވިގޮތުގައި ކާޒާ މިއާ ގެސްޓު ހައުސް ހިންގަމުން އަންނަ ބިމަކީ މާލޭގެ ރަޖިސްޓަރީ އޮންނަ ލ. މާވަށު ޢަބްދުއްރައްޒާޤު ޢަލީއަށް މަތިވެރި ކައުންސިލުން ކުއްޔަށް ދީފައިވާ ބިމެއްކަމަށާއި އެބިން ތިންވަނަ ފަރާތަކަށް ކުއްޔަށް ނުދެވޭނެކަމަށެވެ. އެހެންނަމަވެސް ޢަބްދުއްރައްޒާޤުވަނީ އެބިން ހ. ތިމާވެށި ޢަބްދުﷲ ޖާބިރަށް ކުއްޔަށްދީފައިކަމަށްވެސް މަތިވެރި ކައުންސިލުގެ ރައީސް ވިދާޅުވިއެވެ. އާތިފް އިތުރަށް ވިދާޅުވީ އެބިން ޢަބްދުއްރައްޒާޤު ކުއްޔަށް ނަގާފައިވަނީ 10 އަހަރުގެ މުއްދަތަކަށްކަމަށާއި 10 އަހަރު ހަމަވާނީ 2022 ވަނަ އަހަރުގެ ޖޫން މަހަށްކަމަށެވެ.   އެ ބިން ކުއްޔަށް ހިފި ދުވަހުން ފެށިގެން 2017ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް ބަރާބަރަށް ކައުންސިލަށް ދައްކަންޖެހޭ ބިމުކުލި ދައްކާފައިވާކަމަށާއި ކުލި ލިބުން ލަސްވާން ފެށީ 2017 ޖޫން މަހުން ފެށިގެންކަމަށެވެ. ޢަބްދުއްރައްޒާޤު، އެބިން ޢަބްދުﷲ ޖާބިރަށް ކުއްޔަށް ދިނީ 2018ވަނަ އަހަރުގެ ފެބްރުއަރީމަހުގައި ކަމަށާއި އޭގެފަހުން އެއްވެސް މަހެއްގެ ކުލި ކައުންސިލަށް ލިބިފައިނުވާކަމަށް އާތިފް ވިދާޅުވިއެވެ. އިތުރަށް މައުލޫމާތުދެއްވަމުން އާތިފް ވިދާޅުވީ ކައުންސިލާއި ޢަބްދުއްރައްޒާޤާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބިމު ކުލި ނުދައްކާ 6 މަސްދުވަސް ވެއްޖެނަމަ އެއްވެސް ޝަރުތަކާ ނުލާ އެބިން ކައުންސިލަށް ނެގޭނެ ކަމަށާއި  އެހެންނަމަވެސް ކައުންސިލުން މަސައްކަތްކުރީ ދެފަރާތުން ވާހަކަދައްކައިގެން ކައުންސިލަށް ލިބެންޖެހޭ ކުލި ހޯދުމަށްކަމަށެވެ. 
ނުދައްކާ އޮތް ކުއްޔަށް ޖުރިމަނާވެސް އަރަމުން ދިޔަ ކަމަށާއި އެ އަދަދުތައް ބަޔާންކޮށް ކައުންސިލުން ޢަބްދުއްރައްޒާޤަށް ސިޓީވެސް ފޮނުވާފައިވާނެކަމަށް އާތިފް ވިދާޅުވިއެވެ. އެހެންނަމަވެސް އެއިން އެއްވެސް ސިޓީއަކަށް އެފަރާތުން އެއްވެސް ޖަވާބެއްދީފައިނުވާކަމަށް އާތިފް ވިދާޅުވިއެވެ.    ކަންމިހެން ހިނގަމުންގޮސް ދައުލަތުގެ ބަންޑާރަ ނައިބުގެ ލަފާފުޅާވެސް އެކު މި އެއްބަސްވުން ކައުންސިލުން ބާތިލުކުރީ 2017 ވަނަ އަހަރުގެ ނޮވެމްބަރުމަހުގައިކަމަށް އާތިފު ވިދާޅުވިއެވެ. އެއްބަސްވުން ބާތިލުކުރުމަށްފަހު ކައުންސިލުން ފޮނުވި ނޯޓިސްގެ ޖަވާބު 5 މިނިޓްގެ ތެރޭގައި ލިބުނުކަންވެސް އާތިފު ފާހަގަކުރެއްވިއެވެ.    މީދޫ ޓައިމްސްއަށް މައުލޫމާތުދެއްވަމުން މަތިވެރި ކައުންސިލުގެ ރައީސް އިސްމާއިލް އާތިފް ވިދާޅުވީ އެއްބަސްވުން ބާތިލުކުރުމާއެކު ގެސްޓު ހައުސް ހިންގަމުން އައި ފަރާތުން ދަށު ކޯޓަށް އެމައްސަލަ ހުށައެޅިކަމަށެވެ. އެހެންނަމަވެސް މަތިވެރި ކައުންސިލުން ހުށައެޅި އެއްވެސް ކަމަކަށް ރިޢާޔަތްކުރުމެއްނެތި ދަށު ކޯޓުން ހުކުމްކުރީ އެއްބަސްވުން ބާތިލުކުރުމަށްފަހު ކައުންސިލުން ފޮނުވި ނޯޓިސް ބާތިލުކަމަށެވެ. "އެއަށްފަހު އަޅުގަނޑުމެން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްގެން އުޅޭތާ 1 އަހަރުވީ މިހާރު،" އާތިފު ވިދާޅުވިއެވެ.    އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްގެން އުޅޭތާ އަހަރެއްވެފައިވާއިރު ހައި ކޯޓުން ތާވަލުކޮށްފައިވަނީ އެންމެ 2 އަޑުއެހުން ކަމަށްވެސް އާތިފް ވިދާޅުވިއެވެ. އަދި އެ ދެ އަޑުއެހުމަށްވެސް މަތިވެރި ކައުންސިލުން ވަކީލުންނާއެކުގޮސް، ގަޑިއިރެއްހާއިރުވާފަހުން ލިބެނީ ދައުވާ ލިބޭ ފަރާތުގެ ސިޓީއެއްކަމަށާއި އެސިޓީގައި އެފަރާތުން އަންގަނީ ވަކީލަކު ހަމަނުޖެހުނު ވާހަކަކަމަށްވެސް އާތިފު ވިދާޅުވިއެވެ. މިމައްސަލައިގެ އަޑުއެހުމެއް މިމަހުގެ 11ވަނަ ދުވަހަށް ތާވަލުކުރެވިފައިވާކަމަށްވެސް އާތިފު ވިދާޅުވިއެވެ.    މިމައްސަލަ މިހާހިސާބަށް ގޮސްފައިވާއިރު އެ ގެސްޓުހައުސްގައި އެކި އެކި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް ދޭންޖެހޭ މުސާރަވެސް ވަރަށް ފަހަކާޖެހެންދެން ނުދީ ހުރުމަށްމަހު މިމަހުގެ 3 ވަނަ ދުވަހު އެތަނުގައި މަސައްކަތްކޮށްފައިވާ މުވައްޒަފުންގެ މުސާރައާއި ލޯންޗުދަތުރުތަކާއި އެހެނިހެންވެސް ބައެއް ބިލްތަކަށްވާ މިލިއަނެއްހާ ފައިސާ ދައްކާ ހަލާސްކޮށްފައިވާކަމަށް އާތިފު ވިދާޅުވިއެވެ. އެއަށްފަހު އެދުވަހު ކައުންސިލަށް ސިޓީއެއް ފޮނުވިކަމަށާއި އެ ސިޓީގައިވަނީ މިމަހުގެ 7 ވަނަ ދުވަހު ކައުންސިލަށް ދައްކަންޖެހޭ ބިމުކުލި ދައްކާނެކަމުގައިކަމަށްވެސް އާތިފް ވިދާޅުވިއެވެ. އެހެންނަމަވެސް އެފައިސާ ނުލުބިވަނިކޮށް ގެސްޓ ހައުސްގައި ރޯވީ 7 ވަނަ ދުވަހުގެ ރެއެވެ. 
އާތިފު އިތުރަށް ވިދާޅުވީ މި ހާދިސާއާއި ގުޅޭގޮތުން ފުލުހުން އަދި ވަކި އެއްޗެއް އަންގާފައިނުވާކަމަށާއި ޢަބްދުﷲ ޖާބިރު މީޑިޔާތަކަށް ދެއްވާފައިވާ މައުލޫމާތުތަކަކީ ކަނޑައެޅިގެން ދޮގު މައުލޫމާތުތަކެއްކަމަށެވެ. "ކައުންސިލުން އާދޭސް މިކުރަނީ ކައުންސިލަށް ދައްކަންޖެހޭ ބިމުކުލި ދައްކައިދިނުން އެދި"، އާތިފް ވިދާޅުވިއެވެ.    މީގެއިތުރުން މަތިވެރި ކައުންސިލުގެ ރައީސްވަނީ ރާއްޖޭގެ ބައެއް ބޮޑެތި މީޑިޔާތަކުން މި ހަބަރު ގެނެސްދިނުމުގައި ކައުންސިލުގެ ބަހެއް ހޯދާފައިނުވާތީ އެކަމާ ހިތާމަކުރައްވާކަމަށް ވިދާޅުވެފައެވެ.    އއ. މަތިވެރި ކައުންސިލަކީ2017 ވަނަ އަހަރުގެ ލޯކަލް 
ކައުންސިލް ޕާފޯމަންސް އިންޑެކްސްގައި މުޅި ރާއްޖެއިން 
އެއްވަނަ ހޯދި ކައުންސިލެވެ. އަދި މަތިވެރި 
ކައުންސިލަށްވަނީ އެންމެ ހަރަކާތްތެރި 
ކައުންސިލުގެ އެވޯޑާއި އެންމެ 
ހިންގުންތެރި ކައުންސިލުގެ އެވޯޑުވެސް ލިބިފައެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...