މަސްތުވާތަކެތީގެ ވަބާ ނައްތާލާނެކަމަށް ވަޢުދުވުމަށްފަހު ފެނިގެންދިޔައީ ގޮނޑުދޮށްތަކަށް އެތަކެތި ލައްގަމުން ދިޔަތަން - ޤާސިމް
މަސްތުވާތަކެތީގެ ވަބާ މުޅި ރާއްޖެއިން ފުހެލާނެކަމަށް ވަޢުދުވުމަށްފަހު ރައީސް ޔާމީނުގެ ވެރިކަމުގައި ފެނިގެންދިޔައީ އެތަކެތި ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތަކަށް ލައްގަމުން ދިޔަތަން ކަމަށް އެމްޑީޕީގެ އިސް އެކްޓިވިސްޓް އަދި ކުރީގެ ކައުންސިލް މެމްބަރު ޤާސިމް ސަޢީދު ވިދާޅުވެއްޖެއެވެ.   ޤާސިމް މިހެންވިދާޅުވީ މިމަހުގެ 23ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިޙަށް ތާއީދު ހޯދުމުގެ ގޮތުން އެމްޑީޕީ ރ. މީދޫ ގޮފިން އިންތިޒާމްކޮށްގެން ރޭ، ނައިޓްރޯސްގޭ ކަންމަތީގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.    ޤާސިމްގެ ވާހަކަފުޅުގައިވަނީ ރައީސް ޔާމީން 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި ވެވަޑައިގެންނެވި ވަޢުދުތަކާއި އެވަޢުދުތައް ފުއްދިފައިވާ މިންވަރަށް އަލިއަޅުއްވާލައްވާފައިވެއެވެ. އެގޮތުން ޤާސިމް ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމަކީ ދިވެހިން މިހާތަނަށް ދުށް އެންމެ ހުތުރު އަދި އެންމެ މުޑުދާރުވެރިކަން ކަމަށާއި ޝަރުޢީ ނިޒާމުގެ ބާރު ކަނޑުވާލައި ހުރިހާ ބާރެއް އެމަނިކުފާނުގެ މުށުގެތެރެއަށް ޖަމާކޮށް ރައްޔިތުން އަޅުވެތިކުރިގޮތް ރައްޔިތުން އަދި ހަނދާން ނުނެތޭކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ ވެރިކަންވަނީ ބޮޑުތަނުން ފެއިލެވެފައިކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.    ޤާސިމް އިތުރަށް ފާހަގަކުރިގޮތުގައި އަންހެނުންނަށް ގޭގައިހުރެގެން ވަޒީފާ އަދާކުރެވޭނެފަދަ މާހައުލެއް ޤާއިމުކޮށްދެއްވާނެކަމަށް ވިދާޅުވުމަށްފަހު ފެނިގެންދިޔައީ މޫނުބުރުގާ އެޅި އުޚުތުން ވަޒީފާއިން ވަކިކުރަމުންދިޔަތަން ކަމަށާއި އެތަކެއް އުނދަގޫތަކެއް އެކަނބަލުންނަށް މިވެރިކަމުގައި ލިބިއްޖެކަމަށެވެ.    އެހެންކަމުން ރައީސް ޔާމީން ފުރަތަމަ ދައުރަށް ވެވަޑައިގެންނެވި ވަޢުދުތައްވެސް އަދި ފުއްދިފައިނުވާކަމަށާއި އެފަދަ ބޭފުޅަކަށް ރައްޔިތުން ދެވަނަ ދައުރެއް ދޭން ނުޖެހޭކަމަށް ޤާސިމް ވިދާޅުވިއެވެ.    ޖަލްސާގައި ވާހަކަދައްކަމުން އެމްޑީޕީގެ އަންހެން އެކްޓިވިސްޓް ޖަމީލާ ހުސައިން ފާހަގަކުރިގޮތުގައި އެމްޑީޕީގެ ހަރަކާތްތަކަށް ނުނުކުންނަ އަންހެންކަނބަލުންނަށްވެސް "އިބޫ އޯކޭ" ކަމަށެވެ. އެހެންކަމުން މިފަހަރު މިމީދޫއިންވެސް ވައްކަމާ ފަސާދައަށް ނޫނެކޭ ބުނާނެކަމަށެވެ. ރޭގެ ޖަލްސާގައި އެމްޑީޕީގެ އިތުރު އެހެން އެކްޓިވިސްޓުންވެސް ވާހަކަ ދައްކާފައިވެއެވެ.         
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...