"ބައެއް ކަހަލަ ޝަރީއަތްތައް ހަވާ ފަޓާސް ބަރިއެއްހެން، މަރުގެ މައްސަލަތަކުގެ ޝަރީއަތްތައް ބަރަވެލި ދުވެލީގައި!"
ދިވެހިރާއްޖޭގައި އަދުލު އިންސާފެއް ނެތެވެ. އިންސާފެއް މިޤައުމުގައި މިހާރަކު ނެތެވެ. މިއީ މިއަދު ސިޔާސީ މައިދާނުގައި އެންމެ އަޑުހަރުކޮށް ދެކެވޭ ވާހަކައެވެ. އަދުލު އިންސާފު ފުނޑުފުނޑުވެފައިވާ ވާހަކައެވެ. ބައެއް މައްސަލަތައް ވަރަށް އަވަހަށް ނިމި އަނެއް ބައި މައްސަލަތައް އަހަރުތަކަށް ދިގުދެމިގެންދާ ވާހަކައެވެ.   ހަޤީޤަތުގައިވެސް ސިޔާސީ ބައެއް މީހުންގެ މައްސަލަތައް "ހަވާ ފަޓާސް ބަރިއެއްހެން" ޝަރީއަތްކުރިއަށް ގެންގޮސް މައްސަލަ ނިންމާ ހުކުމް ތަންފީޒުކުރެވެމުންދާއިރު އެއަށްވުރެ މާ ބޮޑެތި އަވަހަށް ޝަރީޢަތް ނިންމުން މާ އައުލާކަން ބޮޑު މަރުގެ މައްސަތަކުގެ ޝަރީއަތް ކުރިއަށްދަނީ "ބަރަވެލި ދުވެލީ" ގައެވެ. އެ މައްސަލަތައް ނިމޭނެ ދުވަހެއްގެ ކޮޅުމަތިވެސް ފެންނާކަށް ނެތެވެ.   މިކަމުގެ ހިތްދަތިކަން އެންމެ ބޮޑަށް އިހުސާސްކުރާނެ އެއް ބަޔަކީ މިއަދު ހަމަ ގައިމުވެސް ރ. އަތޮޅު މީދޫގެ ރައްޔިތުންކަމާއިމެދު ޝައްކެތް ނެތެވެ. މިދިޔަ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ އަނިޔާވެރިގޮތަކަށް މަރާލެވިފައިވާ ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލަވެސް ކުރިއަށްދަނީ 'ބަރަވެލި ދުވެއްޔަށް' ވުރެވެސް ލަސްކޮންނެވެ.   އަނަސްގެ މަރުގެ މައްސަލައިގައި އަދިވެސް ކުރިއަށް ދަނީ އިބްތިދާއީ އަޑުއެހުމުގެ މަރުހަލާއެވެ. ޝަރީއަތުގެ މަޖިލީހެއް ތައާވަލުކޮށްފި ނަމަ އެ މަޖިލީހެއް ކެންސަލްކޮށްލައެވެ. ނޫނީ އެހެން ދުވަހަކަށް ފަސްކުރެއެވެ. މިކަންވެސް ހިނގާ މިދަނީ ބައެއް ބޮޑެތި އަޑިނޭނގޭ ކަންތައްތަކެއް ހުރުމުން ކަމާއިމެދު އެއްވެސް ޝައްކެތް ނެތެވެ. މިއީ ހަޤީޤީ އިންސާފު މި ފަދަ މައްސަލަތަކަށް ލިބުމަށް އޮތް ބޮޑު ހުރަހަކަށް ނޫނީ ނުވާނެއެވެ.   ހަޤީޤަތަކީ ސަރުކާރުން ބޭނުންވާ ނަމަ މިފަދަ މަރުގެ މައްސަލަތައް އަވަސްކުރުމަށްވެސް ބާރު އެޅޭނެއެވެ. އެއީ ބައެއް މައްސަލަތަކުގައި އެ ފަދަ މަންޒަރުތައް ފެނިފައިވާތީއެވެ. އަދިވެސް މީދޫގެ އެންމެންގެ އުއްމީދަކީ އަނިޔާވެރިކޮށް މަރާލެވިފައިވާ އަނަސްގެ މަރުގެ މައްސަލައަށް އަވަސް އިންސާފެއް ލިބި އަނިޔާވެރި ކުށްވެރިންނަށް ހައްޤު އަދަބު ލިބިގެންދިޔުމެވެ.
ކިޔުންތެރިންގެ ހިޔާލް

2018-09-20 05:57:39
އިންސާފު
ކޮބާތަ އިންސާފް
އެންމެ މަގުބޫލު: 7 ދުވަސް
...