މީދޫގެ ރައްޔިތުންގެ މިފަހަރުގެ ނިންމުން ގުޅިފައިވަނީ ހޮސްޕިޓަލާ!
މީދޫގައި މިއަހަރު އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލަކީ މީދޫގެ ރައްޔިތުން އެންމެބޮޑަށް ބޭނުންވެފައިވާ ތަރައްޤީގެ އެއް މަޝްރޫޢުއެވެ. ދެހާހަށްވުރެ ގިނަ ރައްޔިތުން ދިރިއުޅެމުންދާ މީދޫއަކީ ތަރައްޤީއަށް ނުހަނު ލޯބިކުރާ ތަރައްޤީހޯދުމުގައި ނުހަނު އެއްބައިވަންތަ ރައްޔިތަކު ދިރިއުޅެމުންދާ ރަށެކެވެ. ރައްޔިތުންގެ މަޖިލީހުގު އިންތިޚާބް ބޯމަތިވެ، ރައްޔިތުންގެ ނިންމުން ނިންމަން ހަފްތާއެއްހާ ދުވަހަށް ވެފައިވާއިރު ތަރައްޤީގެ ރާސްތާއަށް ހުރަސްއެޅޭފަދަ ގޮތަކަށް ގޮތް ނިންމެވުމަކީ ތަރައްޤީއަށް ހުރަސްއެޅޭ ކަމެއްކަމުގައި ނޫނީ ނުވާނެއެވެ.     ހޮސްޕިޓަލުގެ އިމާރާތް ޑިޒައިންކޮށް، ބީއޯކިއު ހަދާނެ ފަރާތެއް ހޯދުމަށް މިނިސްޓްރީން މިހާރުވަނީ އިއުލާނުވެސް ކޮށްފައެވެ. އެންމެ ޒަމާނީފެންވަރެއްގެ ވަސީލަތްތަކާއި، ޚިދުމަތާއި، މުވައްޒިފުންނާއިއެކު ޤާއިމް ކުރުމަށް ހަމަޖެހިފައިވާ މި ހޮސްޕިޓަލަކީ މިރަށާއި ރަށުގެ ވަށައިގެންވާ ރިސޯޓްތަކާއި އަދި މީހުންދިރިއުޅޭ އެހެން ރައްތަކުގެ ރައްޔިތުންނަށްވެސް ސިއްޚީގޮތުން ހޯދަންޖެހޭ އެންމެމަތީ ޚިދުމަތް ހޯދުމަށް ނުހަނުބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ. މިކަމުގެ ސަބަބުން ރަށުގެ އާންމު ހާލަތު އިތުރަށް ރަގަޅުވެ ރަށަށް ވަންނަ އާމްދަނީ އިތުރުވެގެން ދާނެކަމީވެސް ޝައްކެތް އޮތްކަމެއް ނޫނެވެ.     ހޮސްޕިޓަލުގެ އުންމީދީ ތަސައްވަރު ކުރިމަތިން ފެންނަމުންދާއިރު މިއަދު މީދޫ އާއި މަޑުއްވަރީގެ ރައްޔިތުން ހޮސްޕިޓަލަށް ނޫނެކޭ ބުނެގެން ނުވާނެއެވެ. ސިއްޚީގޮތުން ދިމާވާ ކަންކަމުގައި އުގޫފާރާއި، މާލެއިން ހޯދަމުންދާ ޚިދުމަތްތައް އަމިއްލަރަށުގައި ތިބެ ލިބޭނެގޮތް ހޯދަންޖެހެއެވެ.  ކޮޓަރިކުއްޔާއި، ކެއުމުގެ ޚަރަދާއި، ދަތުރުފަތުރުގެ ޚަރަދުނުކޮށް ރަށުން ޚިދުމަތް ލިބޭނެގޮތަކަށް ރައްޔިތުންގެ ނިންމުން ނިންމަންޖެހެއެވެ. ސިއްޚީ ގޮތުން ދިމާވާ މައްސަލަތަކުގައި މިއަދު ރަށުން ބޭރުން ފަރުވާ ހޯދުމަށް ކުރާޚަރަދަކީ އަމިއްލަ ޖީބުން ކުރެވޭ ވަރަށްވުރެ ބޮޑު ޚަރަދަކަށްވާއިރު ގިނަފަހަރަަށް މިގޮތަށް ކުރާ ދަތުރު ނިމޭއިރު އަމިއްލަ އަތްމަތި ހުސްވެ ލޯނު ނަގައި އެތައްބަޔަކަށް ދަރާފައިވާ ހާލަތަކަށްވެސް ގޮސްފައި އެބަހުއްޓެވެ. އެހެންކަމުން މިހާލަތުން އަރައި ގަތުމަށްޓަކައި އޭޕްރީލް 6 ވަނަ ދުވަހު އޮންނަ ވޯޓުގައި މިކަން ކުރެވޭނެ ކެންޑިޑޭޓަކަށް ވޯޓް ދިނުމަކީ ރައްޔިތުން ނުހަނު ވިސްނުންތެރިކަމާއިއެކު ކުރަންޖެހޭ ކަމެކެވެ.     ހޮސްޕިޓަލުގެ ތަސައްވަރު ރައްޔިތުންނާއި ހަމަޔަށް ގެނެސްދީ ހޮސްޕިޓަލުގެ ވައުދު އެންމެބޮޑަށް މިއަދު ވަމުންދަނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ މިހާރުގެ ހެލްތު މިނިސްޓަރުގެ ކޮއްކޯފުޅު މުހައްމަދު އަމީތެވެ. އަމީތު މިއަދު ރައްޔިތުންނަށް މިވައުދު ވަމުންދަނީ ސަބަބުތަކެއް ނެތިއެއް ނޫންނެވެ. މާޒީގައި ކަންހިނގާފައިވާ ގޮތަކަށްބަލާއިރު މިކަމަކީ އަމީތަށް ފަސޭހަކަމާއިއެކު ކުރެވޭނެ ކަމެއްކަން ކޮންމެ ރައްޔިތަކުވެސް ޤަބޫލުކުރާނެއެވެ. އަދި މިކަން ބާރު ސްޕީޑެއްގައި ކުރިއަށް ގެންގޮސް ކަށަވަރު ކަމާއިއެކު މިކަން ނިންމާނެ ކަމުގެ ވައުދު ރައްޔިތުންގެ ކުރިފުޅުމަތީގައި ވެފައިވާ ހަމައެކަނި ކެންޑިޑެޓަކީވެސް އަމީތެވެ.     އަދި އަމީތަށް މީދޫގެ ރައްޔިތުން މިދެކޭ ހުވަފެންތަކުގައި ހަގީގީ ކުލަ ޖައްސުވައި ދެއްވިދާނެ ކަމަށް ގަބޫލު ކުރަންޖެހޭ ސަބަބުތަކެއްވެސް އެބަހުއްޓެވެ. ފާއިތުވެދިޔަ 5 އަހަރުގެ ތެރެއިން މަޖިލީހުގައި ހޭދަކުރަން އަމީތަށް ލިބުނު 3 އަހަރުގެ ތެރޭގައި މީދޫ އަދި މަޑުއްވަރީގައި އޭރުގެ ސަރުކާރާއި ގުޅިގެން ތަރައްގީގެ ބިޔަބޮޑު އެތަކެއް މަޝްރޫއުތަކަކަށް އަމީތު ވަނީ އަމަލީ ސިފަ ގެނެސް ދެއްވާފައެވެ. އަދި އެއައްފަހު ރާއްޖޭގެ ސިޔާސީ މަސްރަހުގައި އުފެދުނު ސިޔާސީ ހަލަބޮލިކަމަށްފަހު، އަމީތު ފާހަގަ ވެގެންދިޔައީ މިއަދުގެ ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހާއި އެއްމެ ގާތްކޮށް މަސައްކަތް ކުރެއްވި އެއް މެމްބަރެއްގެ ގޮތުގައެވެ.    އެހެންކަމުން މި ސަރުކާރުގެތެރެއިން ތަރައްގީގެ މިފަދަ ބޮޑެތި މަޝްރޫއުތަކަށް އަމަލީ ސިފަ ގެނައުމުގެ ފުރުސަތު ހަމަ އެކަނި އޮންނާނެ ކެނޑިޑޭޓަކީ އަމީތުކަމުގައި މީދޫ އަދި މަޑުއްވަރީގެ ރައްޔިތުން ގަބޫލުކުރެއެވެ.     އޭޕްރީލް 6 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ހަފްތާއަކަށް ކުޑަތަންވެފައިވާއިރު މިވަގުތަކީ ރައްޔިތުން ރަށުގެ ތަރައްޤީއާއިމެދު ވިސްނަންވީ ވަގުތެވެ. ކުރިމަގާއިމެދު ނިންމުން ނިންމަންވީ ވަގުތެވެ. ރައްޔިތުންގެ ނިންމުން ގޯސްގޮތަކަށް ގޮސްފިނަމަ މީދުއާއި، މަޑުއްވަރިއަކީ ތަރައްޤީގައި މަޑުދުވެލީގައި ދުވާ ދެރަށަކަށް ވެގެން ހިގައިދާނެއެވެ.   އޭޕްރީލް 6 ވަނަ ދުވަހު ނިންމާ ނިންމުމަކީ ސިޔާސީ ޖަޒުބާތާއި، ވަގުތީ އުފަލައްޓަކައި ނިންމާ ނިންމުމަކަށްވުރެ ބޮޑަށް ރަށުގެ ތަރައްޤީއާއި، މުސްތަޤުބަލަށްޓަކައި ނިންމާ ނިންމުމެއް ކަމުގައި ވާންޖެހޭނެއެވެ. ސިޔާސީ ޖަޒަބާތުގެ ކުރިޔަށް ބުއްދި އިސްކުރުން މުހިންމެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...