ކުރިއަށް އޮތް 2024 ވަނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބަޖެޓުގައި ރ. މީދޫގެ ބިން ހިއްކުމުގެ މަޝްރޫޢު ހިމަނައިފިއެވެ.

އަލަށް ފަށާ މަޝްރޫޢުއެއްގެ ގޮތުގައި މި މަޝްރޫޢު ހިމަނާފައިވާއިރު، 2024 ވަނަ އަހަރުގެ ބަޖެޓުގައި މީދޫގެ ބިން ހިއްކުމުގެ މަޝްރޫޢުއަށް ހަތަރު މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މިއަދު މަޖިލީހަށް ހުށައެޅި ބަޖެޓުގައި އާ ސަރުކާރުން ހިމެނުމަށް ބޭނުންވާ އެކި މަޝްރޫޢުތައް ހިމެނުމުގެ ފުރުސަތު ދީފައިވާއިރު މީދޫގެ ބިން ހިއްކުމުގެ މަޝްރޫއަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަން ފާހަގަކޮށްލެވެއެވެ.

ބިން ހިއްކުމުގެ މަޝްރޫޢުގެ އިތުރުން މީދޫ ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުއަށްވެސް ބަޖެޓުގައި ހަތަރު މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. މި މަޝްރޫޢުއަކީ މިހާރު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ހަވާލުކޮށްފައިވާ މަޝްރޫޢުއަކަށްވާއިރު ބަޖެޓުގައި މި މަޝްރޫޢު ފާހަގަކޮށްފައިވަނީ ’ހިނގަމުންދާ‘ މަޝްރޫޢުއެއްގެ ގޮތުގައެވެ، މީގެ އިތުރުން އެމް.ޓީ.ސީ.ސީ އާއި ހަވާލުކޮށްފައިވާ މީދޫ ބަނދަރު އަޕްގްރޭޑު ކުރުމަށްވެސް ބަޖެޓުގައި ދެ މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.