ރާއްޖޭގެ ފަތުރުވެރިކަމަށް ފަންސާސް އަހަރު ފާހަގަ ކުރުމުގެ ގޮތުން ރ. އަތޮޅު ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދާ ރ. ޓޫރިޒަމް އެކްސްޕޯގެ ސިލްސިލާގެ ދަށުން ބާއްވާ އަތްތެރި މަސައްކަތުގެ މަޢުރަޒު މި މަހުގެ10 ވަނަ ދުވަހު ރ. އަނގޮޅިތީމުގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ރ. އަތޮޅު ކައުންސިލްގެ ރައީސް ޙުސައިން ނާސިފް ވިދާޅުވީ، މަސައްކަތްތެރިންގެ ހުށައެޅުންތަކަށް ފަނޑިޔާރުން ޖަޖް ކުރުމަށްފަހު ވަނަ ދޭ އުސޫލުން ކުރިއަށް ގެންދާ މި މަޢުރަޒަށް އަނގޮޅިތީމު ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ރަން އަހަރާއި ގުޅުވައިގެން މި ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ މަޤުސަދަކީ ސްކޫލްތައް ނިންމާ މަސައްކަތުގެ މާޙައުލަށް ނިކުންނަ ޒުވާނުން ފަތުރުވެރިކަމުގެ ސިނާޢަތަށް އަހުލުވެރިކުރުވުމާއި އަތޮޅު ތެރޭގެ ރިޒޯޓުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ޒުވާނުންނަށް ފަހިކޮށްދިނުންކަމަށް ނާސިފް ވިދާޅުވިއެވެ.

ރ. ޓޫރިޒަމް އެކްސްޕޯގެ ތެރެއިން މިހާތަނަށްވަނީ ބޮޑު ދެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ރ. މީދޫގައި ކުރިއަށް ގެންދިޔަ ކަލިނަރީ އާޓްސް އެގްޒިބިޝަންއާއި ރ. ހުޅުދުއްފާރުގައި ކުރިއަށްދިޔަ ވޯޓާރ ސްޕޯޓްސް ހަރަކާތްތަކަށްވަނީ ގިނަ ބައެއްގެ ތަރުހީބު ލިބިގެން ގޮސްފައެވެ.

ރ. ޓޫރިޒަމް އެކްސްޕޯ ނިންމާލުމަށް ހަމަޖައްސާފައިވަނީ އޮކްޓޯބަރު މަހުގެ8 ވަނަ ދުވަހުގެ ރޭ ދުވާފަރުގައި ބޭއްވުމަށް ހަމަ ޖައްސާފައިވާ ގާލާ ނައިޓަކުންނެވެ. މި އިވެންޓުގައި އެކި ދާއިރާތަކުން އަތޮޅަށް ހިދުމަތް ކުރައްވާފައިވާ ފަރާތްތަކަށް އެވޯޑު ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

ރ. ޓޫރިޒަމް އެކްސްޕޯ އަކީ ފަތުރުވެރިކަމަށް ފަންސާސް އަހަރު ފުރުން ފާހަގަކުރުމަށް އަތޮޅު ކައުންސިލަކުން މިއަހަރު ކުރިއަށް ގެންދާ އެންމެ ބޮޑު އެއް ހަރަކާތްކަން ފާހަގަކޮށްލެވެއެވެ.