އިދިކޮޅު ކޯލިޝަނުގެ ވެރިކަމެއްގައި މީދޫގެ ދަނޑު ރަނގަޅު ފެންވަރަކަށް ތަރައްޤީކުރުމަކީ ކޯލިޝަންގެ ތަޞައްވުރު - ފާއިޒު
ރިޔާސީ އިންތިކާބުގައި އިދިކޮޅު ކޯލިޝަނަށް ކާމިޔާބުލިބި ކޯލިޝަންގެ ސަރުކާރެއް ޤާއިމުކުރެވިއްޖެނަމަ މީދޫގެ ފުޓުބޯޅަ ދަނޑު ރަނގަޅު ފެންވަރަކަށް ތަރައްޤީކޮށްދެއްވާނެކަމުގެ އިޝާރާތެއް އިދިކޮޅު އެމްޑީޕީގެ މަޑުއްވަރީ ދާއިރާގެ ނާއިބު ރައީސް އަލްއުސްތާޛު އަޙުމަދު ފާއިޒު ކުރައްވައިފިއެވެ. 
ފާއިޒު މިމޭރުމުން ވާހަކަފުޅު ދެއްކެވީ ރޭ، އިދިކޮޅު ކޯލިޝަނުން މީދޫ ބަނދަރު ސަރަހައްދުގައި ބޭއްވި ކަންމަތީ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފާއިޒުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިގޮތުގައި ރާއްޖޭގެ ކުޅިވަރުގެ ދާއިރާ މިވަނީ މި ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ވަރަށް ދަށު ދަރަޖައިގެ ހަރުފަތަކަށް ގޮސްފައިކަމަށާއި ރައީސް ޔާމީން ރާއްޖޭގެ ކޮންމެ ރަށެއްގައި ފުޓްސަލް ދަނޑެއް އެޅުއްވި އެޅުއްވުން އެއީ އެމަނިކުފާނު ޒުވާނުންނަށް އޮޅުވާލެއްވި ވަރަށް ބޮޑު އޮޅުވާލެއްވުމެއްކަމަށެވެ. އެއީ އެމަނިކުފާނު ޒުވާނުންނަށް ގެނެސްދެއްވި ތަރައްޤީއެއް ނޫންކަމަށްވެސް ފާއިޒު ވިދާޅުވިއެވެ. ފާއިޒުގެ ވާހަކަފުޅުގައި އިޝާރާތްކުރެއްވީ ރޭ، ސާފު ޗެމްޕިޔަންޝިޕުގައި ދިވެހިރާއްޖެ އަދި ސްރީ ލަންކާ ބައްދަލުކުރި މެޗުގައި ފެނުނު ކުޅުމުގެ ފެންވަރު ދަށްވުމުގެ މައްޗަށެވެ. 
މީގެ އިތުރުން ފާއިޒުގެ ވާހަކަފުޅުގައިވެސް އިދިކޮޅު ވެރިކަމެއްގައި، އަނިޔާވެރި ގޮތަކަށް މަރާލެވުނު ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރަށް އިންސާފު ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރެއްވިއެވެ.
ރޭގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރ. މީދޫ ކައުންސިލުގެ ކުރީގެ މެމްބަރު ޤާސިމް ސަޢީދު ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގައި މީދޫގައި ކުރިއަށް ގެންދިޔަ މާސްޓަރސް ކޯސް ކުރިއަށްގެންދިޔުމަށް ހުރަސްއަޅާފައިވާކަމަށެވެ. ޤާސިމް ފާހަގަކުރެއްވިގޮތުގައި އެ ކޯހަކީ ކުރީ ދައުރުގެ ކައުންސިލް މެމްބަރުންނާއި އޭރުގެ ރ. އަތޮޅު ކައުންސިލުގެ ރައީސް އަންވަރު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ވަރަށް ބުރަ މަސައްކަތުން މީދޫއަށް ގެންނެވީ ކޯހެއްކަމަށާއި އެކޯސް ކުރިއަށް ގެންދިޔުމަށް ހުރަސްއެޅުމަކީ މީދޫގެ ތަޢުލީމަށް ހުރަސްއެޅުއްވުމަށް ސަރުކާރުން ކުރެއްވިކަމެއްކަމަށެވެ. 
މިކޯސް ކުރިއަށްގެންދިޔުމަށް މިސަރުކާރުން ކުރިމަތިކުރެއްވި ހުރަސްތައް ގިރާކުރައްވާ މިކޯސް ކާމިޔާބުކަމާއެކު ނިންމާލުމުގައި އަމިއްލަ ޖީބުން ޚަރަދުކުރައްވައިގެން މަސައްކަތްކުރެއްވި ކުރީގެ ކައުންސިލުގެ މެމްބަރުންނާއި މިހާރުގެ ކައުންސިލުގެ މެމްބަރުންނަށް ޤާސިމް ޝުކުރުއަދާކުރެއްވިއެވެ. 
ރޭގެ ބައްދަލުވުމުގައިވެސް އެމްޑީޕީއަށް ތާއީދުކުރައްވާ މީދޫގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.        
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...