ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ގާގަނޑު އެފްސީ ގުރޫޕްގެ އެއްވަނައަށް!
ގުރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ގާގަނޑު އެފްސީން ގުރޫޕް ބީ ގެ އެއްވަނަ ކަށަވަރުކޮށްފިއެވެ.   ރޭގެ މެޗް ގާގަނޑު އެފްސީ ކާމިޔާބުކުރީ ތަންގަނޑު އެފްސީ އާއި ވާދަކޮށް 2-0 ގެ ނަތީއަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގާގަނޑު އެފްސީގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އަނޫސް އަޙްމަދެވެ. އަނެއް ލަނޑު ކާމިޔާބު ކޮށްދިނީ މަމްދޫހު އެވެ.   ގުރޫޕް ބީ ގެ ދެވަނަ މެޗްގައި އައިވެންޓަސްވަނީ، އެމް ކޮކޯ 7-1 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. އިބްރާހިމް ރަޝީދު އަދި އަބުދުﷲ ރަޝީދު، ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް އައިވެންޓަސްއަށް ކާމިޔާބުކޮށްދިންއިރު އަލީ ޒިޔާދު، އަމްޖަދު މުޙައްމަދު އަދި އިބްރާހިމް ނައީމް ވަނީ ގޯލެއް ކާމިޔާބުކޮށްދީފައެވެ.އެމް ކޮކޯގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ އާޒިމް ޝަފީއުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އައިވެންޓަސްގެ އިބްރާހިމް ރަޝީދެވެ.   ގުރޫޕް ސްޓޭޖްގެ މެޗްތައް ނިމުނުއިރު ގުރޫޕް އޭގެ އެއްވަނަ 6 ޕޮއިންޓާއިއެކު ހަވާސް ހޯދި އިރު 3 ޕޮެއިންޓާއިއެކު ދެވަނަ ހޯދީ ބުންވަރު އެފްސީއެވެ. އަދި މަހީ އެފްސީ ދިޔައީ ޕޮއިންޓެއް ނުލިބި ގުރޫޕްގެ ފުލަށެވެ.   ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ގުރޫޕް ބީގެ އެއްވަނަ ނުވަ ޕޮއިންޓާއިއެކު ގާގަނޑު އެފްސީ ހޯދިއިރު، ހަ ޕޮއިންޓާއިއެކު ދެވަނައަށް ދިޔައީ ތަންގަނޑު އެފްސީއެވެ. ތިންވަނައަށް ތިން ޕޮއިންޓާއިއެކު އައިވެެންޓަސް ދިޔައިރު އެމް ކޮކޯއަށް ޖެހުނީ ޕޮއިންޓެއް ނުލިބި ގުރޫޕް ފުލުގައި އޮވެގެން މުބާރާތް ނިންމާލާށެވެ.   މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ މީދޫ ޓައިމްސްއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...