އެމް.ޑީ.ޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހު މީދޫއަށް ވަޑައިގަންނަވައިފިއެވެ.

ރައީސް ޞާލިހު މީދޫއަށް ވަޑައިގަންނަވާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ރައީސް ޞާލިހު މީދޫއަށް ވަޑައިގެންނެވުމުން ރައީސްއަށް މަރުހަބާ ދެންނެނެވީ އެމް.ޑީ.ޕީ މަޑުއްވަރީ ދާއިރާގެ ރައީސް އަދި އާރުޑީސީގެ އެމްޑީ މޫސާ އަލީ މަނިކުގެ އިތުރުން އެމް.ޑީ.ޕީ މީދޫ ގޮފީގެ އިސް ބޭފުޅުންނެވެ. މީގެ އިތުރުން މީދޫއާއި ކައިރި ރަށްތަކުގެ ގިނަ އަދަދެއްގެ ރައްޔިތުންނެއް ރައީސްއަށް މަރުހަބާ ދެންނެވުމަށް ބަނދަރަށް ނިކުމެފައިވެއެވެ.

ރައީސް މީދޫއަށް ވަޑައިގެންނެވި ވަގުތާއި ދިމާކޮށް ޕީ.ޕީ.އެމް މީދޫ ސަޕޯޓަރުންވަނީ ކުރީގެ ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ ބަނދަރު ސަރަހައްދުގައި އެއްވުމެއް ބާއްވާފައެވެ.

ރައީސް ޞާލިހު މީދޫއަށް ވަޑައިގެން ބާއްވާ ހާއްސަ ޖަލްސާއެއް މިރޭ މިދޫ ބަނދަރު ސަރަހައްދުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.