'ލަކުސަނަ' އަށް މީދޫއިން ބޮޑު ތަރުޙީބެއް، ޕްރޮގުރާމުތައް ނިންމާލީ ކާމިޔާބުކަމާއިއެކު!
މި ހަފްތާ ބަންދުގައި ޕީސް ފައުންޑޭޝަނާއި އުއްމީދު ޖަމުޢިއްޔާ އަދި މީދޫގެ ކުލަބު ޖަމުޢިއްޔާތަކާއި މުއައްސަސާތައް ގުޅިގެން މީދޫގައި ކުރިއަށް ގެންދިޔަ 'ލަކުސަނަ' ގެ ޕްރޮގުރާމުތައް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ.   ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ މި ކޭމްޕުގައި ރާއްޖޭގެ މަޝްހޫރު ގިނަ ޝައިޙުންގެ އިތުރުން ހާއްސަ މެހެމާނުންގެ ގޮތުގައި ޑރ. ޝާން، ޤައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ އަދި އާރިފް (ބަކާ) ވެސް ބައިވެރިވެލެއްވިއެވެ. ލަކުސަނަގެ އެކިއެކި ޕްރޮގުރާމްތަކުގައި މި ބޭފުޅުންވަނީ ބައިވެރިވެލައްވާފައެވެ.   ލަކުސަނަގެ ޕްރޮގުރާމްތަކުގެ ގޮތުގައި ކުރިއަށްގެންދިޔަ މުހިއްމު ޕްރޮގުރާމްތަކަށް ބަލައިލާއިރު ނަމޫނާ ޒުވާނާ، ނަމޫނާ ވިޔަފާރިވެރިޔާ، ނަމޫނާ މުވައްޒަފު، ނަމޫނާ ވެރިންގެ އިތުރުން ކާމިޔާބު އުޚުތާ އަދި ޕެބްލްސް ކުޑަކުދިންގެ ހަވީރާއި ސްކޫލްގެ ފިރިހެން އަދި އަންހެން ބެލެނިވެރިންނަށް ވަކިން ކުރިއަށް ގެންދިޔަ ވޯކުޝޮޕުތައް ފާހަގަކޮށްލެވެއެވެ.   މީގެ އިތުރުން ރޭ ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކުރިއަށްދިޔަ 'ނަމޫނާ އާޢިލާ' ބޮޑު ދަރުސްއަށްވެސް ގިނަ ބައެއްގެ ތަރުހީބު ލިބިގެންގޮސްފައިވާއިރު ރޭގެ ދަރުސްގެ ތެރެއިން ގިނަ ބަޔަކަށް މުހިއްމު އެތަކެއް މަޢުލޫމާތުތަކެއް ލިބިގެންދިޔަކަމަށް ދަރުހަށްފަހު ގިނަ ފަރާތްތަކުންވަނީ ބުނެފައެވެ.   މިއީ މިފަދަ ބޮޑު ދީނީ އިޖުތިމާޢީ ހަރަކާތެއް މީދޫގައި ކުރިއަށްގެންދިޔަ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...