ޕީޕީއެމް އިން އަބަދުވެސް ދުވާނީ އެމްޑީޕީގެ ފަހަތުން - އިސްޙާޤް ޢީސާ
ޕީޕީއެމްއިން އަބަދުވެސް ދުވާނީ އެމްޑީޕީގެ ފަހަތުން ކަމަށާއި ކޮންމެ ކަމެއްވެސް އެމްޑީޕީއިން ކުރުމުން ޕީޕީއެމްއިން އެކަމެއްކުރާނެކަމަށް ރ. މީދޫ ކައުންސިލްގެ ކުރީގެ މެމްބަރު އަދި އެމްޑީޕީ މީދޫ ކެމްޕެއިން ޓީމުގެ ފަންޑްރައިޒިންގ ކޯޑިނޭޓަރ އިސްޙާޤް ޢީސާ ވިދާޅުވެއްޖެއެވެ.   އިސްޙާޤް މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ކެމްޕެއިން ރަސްމީކޮށް ފަށައިގަތުމުގެގޮތުން ރޭ، މިރިހިމާގެ ކަންމަތީގައި އެޕާޓީން ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. މިބައްދަލުވުމުގައި ވާހަކަދައްކަވަމުން އިސްހާޤް ވިދާޅުވީ، މިރޭ އެމްޑީޕީއިން މިޖަލްސާ ބޭއްވީމާ، މާދަމާރޭ ނޫނީ އަނެއް ރޭ ޕީޕީއެމުން ބައްދަލުވުމެއް ބާއްވާނެކަމަށާއި އަބަދުވެސް ކަމެއްކުރަން އިނގޭނީ އެމްޑީޕީއިން ކަމެއްކުރުމުން ކަމަށެވެ. އެމްޑީޕީއަށް ސަޕޯޓުކުރާ އާއްމު މެމްބަރުންނާއެކު ބޭއްވި މިބައްދަލުވުމުގައި އިސްޙާޤް މިހެން ވިދާޅުވިއިރު ޕީޕީއެމުން މިދިޔަ ހޯމަ ދުވަހުވަނީ ރަށުތެރޭގައި ހިނގާލުމެއް ބާއްވާފައެވެ. ނަމަވެސް އެމްޑީޕީއިން މިފަހަރުގެ ކެމްޕެއިނުގައި އަދި އެފަދަ ހަރަކާތެއް ހިންގާފައެއްނުވެއެވެ. ނަމަވެސް އެމްޑީޕީއިންވަނީ އެ ޕާޓީއަށް ތާއީދުކުރާ ގިނަ ޒުވާނުންތަކަކާއެކު މިދިޔަ ހުކުރުދުވަހު ހާއްސަ ސައިކަލުބުރެއް މީދޫގައި ކުރިއަށް ގެންގޮސްފައެވެ.
ރޭގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީ ކެންޕެއިނާއި އަލަށް ގުޅުނު ކުރީގެ ކައުންސިލް މެމްބަރު އިބްރާހީމް ހަސަން ވިދާޅުވީ މީދޫއަށް އައިސްފައިމިވާ ތަރައްޤީގައި ގޮނޑިގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ މިދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ހިއްސާބޮޑުކަމަށެވެ. އަދި ކިތަންމެ ވަރަށް އޮޅުވާލަން މަސައްކަތްކުރެއްވިނަމަވެސް މި ހަގީގަތްބަދަލުނުކުރެވޭނެކަމަށްވެސް އިބްރާހީމް ހަސަން ވިދާޅުވިއެވެ. އިބްރާހީމް ހަސަން އިތުރަށް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައިވެސް މީދޫއަށް ތަރައްޤީގެ މަޝްރޫއުތަކެއް ހިންގާފައިވާކަމަށާއި އެގޮތުން މީދޫގެ ބަނދަރު ފުންކުރުމުގެ މަޝްރޫޢުގެ އިތުރުން ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އަލަށް އިމާރާތްކުރެވުނު 3 ބުރީގެ އިމާރާތްވެސް އެއީ ނަޝީދުގެ ސަރުކާރުން މީދޫއަށް ގެނެސްދީފައިވާ ތަރައްޤީކަމުގައެވެ. 
ރޭގެ ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރ. މީދޫ ކުރީގެ ކައުންސިލް މެމްބަރު އަދި އެމްޑީޕީގެ އިސް އެކްޓިވިސްޓް ޤާސިމް ސަޢީދު ވިދާޅުވީ މީދޫގައި އެމްޑީޕީގެ ހަރަކާތްތައް ފަށައިގަތީ 24 މެމްބަރުންނާއެކުނަމަވެސް މިއަދު އެމްޑީޕީއަކީ މީދޫގައި އަދަދު ގިނަ ޕާޓީއެއްކަމަށެވެ. އެގޮތުން މީދޫގެ ޒުވާނުންގެ ވިސްނުން މިހާރު ބަދަލުވެއްޖެކަމަށާއި ސެޕްޓެމްބަރު 23ގައި އޮންނަ ރިޔާސީ އިންތިޚާބުން އެމަންޒަރުފެނިގެންދާނެކަމަށްވެސް ޤާސިމް ވިދާޅުވިއެވެ. 
އެމްޑީޕީއިން ރޭ ބޭއްވި ކަންމަތީ ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ ހާއްސަ ބޮނޑިބަތަކާއެކުގައެވެ.        
ކިޔުންތެރިންގެ ހިޔާލް

2018-09-08 11:47:36
ރަށު މީދާ
އެއްކަމެއްވެސް ނުވާނެ
އެންމެ މަގުބޫލު: 7 ދުވަސް

...