ލަކުސަނަ: ފިރިހެން ބެލެނިވެރިންނަށް ޚާއްސަ ވޯކުޝޮޕުގައި ބައިވެރިވުން ވަރަށް މުހިއްމު!
  ހަފްތާ ބަންދާއި ދިމާކޮށް މީދޫގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ލަކުސަނަގެ ޕްރޮގުރާމްތަކުގެ ތެރެއިން ފިރިހެން ބެލެނިވެރިންނަށް ހާއްސަކޮށްގެން ތަރުބިއްޔަތުގެ ނަމުގައި ހާއްސަ ވޯކުޝޮޕެއް ކުރިއަށް ގެންދާގޮތަށް ހަމަޖައްސައިފިއެވެ.   ބުރާސްފަތި ދުވަހުގެ ރޭ 20:00 އިން 23:00 އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ސެޝަން ނަންގަވައިދެއްވާނީ ޝައިޙް މަންސޫރު އާދަމްއެވެ. ރ. އަތޮޅު ތަޢުލީމީ މަރުކަޒާއި ގުޅިގެން ކުރިއަށްގެންދާ މި ވޯކްޝޮޕުގައި ފިރިހެން ބެކެނިވެރިންނާއި ގުޅޭ އެތަކެއް ގިނަ މަޢުލޫމާތުތަކެއްދޭ ގޮތަށްވަނީ ހަމަޖެހިފައެވެ.   އެގޮތުން މި ވޯކުޝޮޕުގައި ތަރުބިއްޔަތާއި ކުދިން ތަރުބިއްޔަތު ކުރުމުގައި ބައްޕައިން އަދާކުރަން ޖެހޭ ދައުރާއި އާއިލާއެއްގެ ހަމަ ޖެހުމަށް ބައްޕަގެ ދައުރާއި ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާކަމަށް މި ޕްރޮގުރާމް އިންތިޒާމްކުރާ ފަރާތުން މަޢުލޫމާތުދެއްވައެވެ.   މި ޕްރޮގުރާމްގައި ވީހާވެސް ގިނަ ފިރިހެން ބެލެނިވެރިން ބައިވެރިވެދެއްވުމަށް ރ. އަތޮޅު ތަޢުލީމީ މަރުކަޒުންވެސް އެދިލައްވައެވެ. އެގޮތުން ސްކޫލުން މަޢުލޫމާތުދިން ގޮތުގައި ސްކޫލް މާޙައުލުގައި ދިމާވާ އެކި ކަންކަމުގެ ޙައްލުތައް ފަދަ މުހިއްމު ކަންތައްތަކެއް މި ވޯކުޝޮޕުން އެނގިގެންދާނެއެވެ.   ފިރިހެން ބެލެނިވެރިންނަށް ހާއްސަކޮށް މިފަދަ މުހިއްމު ވޯކުޝޮޕެއް ކުރިއަށް ގެންދަނީ ވަރަށް މުހިއްމު މަޤުސަދެއްގައި ގިނަ ކަންކަން ހާޞިލްކުރުމަށްޓަކައެވެ. އެހެންކަމުން ވީހާވެސް ގިނަ ބެލެނިވެރިން މި ވޯކިޝޮޕުގައި ބައިވެރިވެ މަޢުލޫމާތުތައް ލިބިގަތުމަކީ ވަރަށް މުހިއްމުކަމެކެވެ. އަދި މިއީ އުފާވެރި އާއިލާއެއް ބިނާކުރުމަށްވެސް ލިބިގެންދާނެ ބޮޑު ބާރަކަށްވެގެންދާނެއެވެ.   ޕީސް ފައުންޑޭޝަނާއި އުއްމީދު ޖަމުޢިއްޔާއިން އިސްނަގައިގެން މީދޫގެ ކުލަބު ޖަމުޢިއްޔާތަކާއި މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދާ ލަކުސަނާގެ ޕްރޮގުރާމްތައް ކުރިއަށްދާނީ މި މަހުގެ 7،8 އަދި 9 ވަނަ ދުވަހުއެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...