ރ. މީދޫ ދެކުނު ފަރާތް ހުއްޓުމެއް ނެތި ގިރަމުންދާތީ އެ ސަރަހައްދުގައި ހުރި އޫރިދޫގެ ޓަވަރު އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ބިމެއް ދިނުމަށް އުރީދޫއިން އެދިއްޖެއެވެ.

އުރިދޫއިން ޓަވަރު އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ބިމެއް ދިނުމަށް އެދިފައިވާތީ އެކަމާއި ގުޅޭ ގޮތުން ކައުންސިލުން މަޝްވަރާ ކުރުމަށްފަހު ކައުންސިލް މެމްބަރުންގެ އަޤްލަބިއްޔަތުން ނިންމާފައިވަނީ މިވަގުތު އުރީދޫއަށް އިތުރު ބިމެއް ނުދިނުމަށެވެ. ކައުންސިލުން އެގޮތަށް ނިންމާފައިވަނީ އެ ސަރަހައްދު ހިމާޔަތް ކުރުމަށް އުރީދޫގެ ފަރާތުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާތީއާއި މީދޫއަކީ ބިމުގެ ދަތިތަކަން އިންތިހާއަށް ބޮޑު ރަށަކަށް ވެފައިވާތީކަމަށް ކައުންސިލުން އާއްމުކޮށްފައިވެއެވެ.

ރ. މީދޫގެ ރަށްގިރުން ބޮޑުވެ ޓަވަރު މާގިނަ ދުވަހު ހުންނާނެކަމަށް ނުބެލެވޭކަމަށް މީދޫ ކައުންސިލްގެ ރައީސް މިއަހަރުގެ ޖުލައި މަހު ކުރި ޓުވީޓަކަށް ޖަވާބުދެއްވަމުން އެ ސަރަހައްދު ގިރުމުގެ މައްސަލައަށް އެކަަށީގެންވާ ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން ދާކަަމށް އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒް އޭރު ވިދާޅުވެފައިވެއެވެ. އެހެންނަމަަވެސް އުރީދޫގެ ފަރާތުން ޢަމަލީ ގޮތުން އެކަމަށް އެއްވެސް މަސައްކަތެއްކޮށްފައިނުވާކަން ފާހަގަކޮށްލެވެއެވެ.

ރ. މީދޫގެ ރަށްގިރުމުގެ މައްސަލަ ބޮޑުވެ ދެކުނު ފަރާތުގައި ހަދާފައިވާ އޮޑިދޯނިފަހަރު ބަންނަ ހަރުގެތަކަށް އަސަރުކޮށް، ބޮޑެތި ގަސްތަކާއި ރުއްތަށް ވެރެން ފެށުމާއެކު މީދޫ ކައުންސިލުން ވަނީ މިއަހަރުގެ މެދުތެރޭގައި ތިމާވެއްޓާއި ބެހޭ ވަޒީރާވެސް ބައްދަލުކުރައްވާފައެވެ. އެހެންނަމަވެސް އަހަރު ނިމެންދާއިރުވެސް މިކަަމަށް ހައްލެއް ގެނައުމުގެ ދާއިމީ އެއްވެސް މަސައްކަތެއް ކުރެވިފައެއް ނުވެއެވެ.