ރ. އަތޮޅު ތައުލީމީ މަރުކަޒުގެ 36ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހާއްސަ އެސެމްބްލީއެއް ބާއްވައިފި
ރ. އަތޮޅު ތައުލީމީ މަރުކަޒުގެ 36ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެގޮތުން ހާއްސަ އެސެމްބްލީއެއް މިއަދު ބާއްވައިފިއެވެ. އަހަރީދުވަހަށް ހާއްސަކޮށްގެން މިއަދު މި އެސެމްބްލީ ބޭއްވި ނަމަވެސް މަރުކަޒުގެ އަހަރީ ދުވަހަކީ 4 މާރިޗުެވެ.   މިއަދު ހެނދުނު އެމަރުކަޒުގެ ހޯލުގައި ބޭއްވި މި ހާއްސަ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވާފައިވަނީ އެކި އަހަރުތަކުގައި ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ސްކޫލް ކެޕްޓަންގެ މަޤާމު އަދާކުރައްވާފައިވާ ސްކޫލު އިސްދަރިވަރުންގެތެރެއިން ރަށުގައި މިވަގުތު ހާޒިރުވެތިއްބެވި ކެޕްޓަނުންނެވެ. މިއަދުގެ އެސެމްބްލީގައި ޝަރަފުވެރިންވަނީ ދުވަހުގެ މުނާސަބަތުގައި ތައްޔާރުކޮށްފައިވާ ކޭކެއް ފަޅުއްވާފައެވެ. މީގެއިތުރުން މަރުކަޒުގެ ދަރިވަރުންގެ އައިޓަމެއްގެ ގޮތުގައި ސްކޫލު ލަވަވެސްވަނީ ހުށައަޅައިދީފައެވެ.
މިއަދުގެ އެސެމްބްލީގައި ޝަރަފުވެރިންގެ ފަރާތުން ވާހަކަފުޅުދައްކަވަމުން 1998ވަނަ އަހަރު މަރުކަޒުގެ ކެޕްޓަން އަހުމަދު ނާޒިމް ފާހަގަކުރެއްވިގޮތުގައި ރ. އަތޮޅު ތައުލީމީ މަރުކަޒު މިދެކޭ ކުރިއެރުމަކީ ވަރަށް ގިނަބައެއްގެ ބުރަ މަސައްކަތަކުން ހޯދާފައިވާ ކުރިއެރުންތަކެއްކަމާއި މިކަމުުގައި ހިއްސާވާ އެންމެހާ ފަރާތްތަކަށް ދުވަހުގެ މުނާސަބަތުގައި ޝުކުރު އަދާކުރާކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ދުވަހެއްގައި މަރުކަޒުގެ ހުރިހާ ދަރިވަރުން އަޒުމް ބަލަންވީ އެކުއްޖަކަށް ސްކޫލަށް ކޮށްދެވެނީ ކޮންކަމެއްތޯކަމަށްކަންވެސް ދަރިވަރުންނަށް ނާޒިމް ހަނދާންކޮށްދެއްވިއެވެ. މީގެއިތުރުން މިމަރުކަޒުގެ ގިނަ ޓީޗަރުންނަކީ މިހާރު މާސްޓަސް ލެވެލްއަށް ނުވަތަ ފަސްޓް ޑިގްރީއާއިހަމައަށް ތައުލީމް ހާސިލްކުރައްވައިގެން ތިއްބެވި މުދައްރިސުންކަން ފާހަގަކުރައްވައި މަރުކަޒުގެ ހުރިހާ ޓީޗަރުންނަށް ނާޒިމް ސެލިޔުޓްކުރެއްވިއެވެ. އަދި މިމަރުކަޒަކީ ރާއްޖޭގެ ނިސްބަތުންވެސް މާސްޓަރސް އަދި ފަސްޓް ޑިގްރީ ފުރިހަމަކުރައްވާފައިވާ ޓީޗަރުން ގިނަ ސްކޫލެއްކަންވެސް ނާޒިމް ފާހަގަކުރެއްވިއެވެ.   މި އެސެމްބްލީގައި ވާހަކަފުޅުދައްކަވަމުން ތައުލީމީ މަރުކަޒުގެ ލީޑިންގ ޓީޗަރ ޢަބްދުލްއަޒީޒް ވިދާޅުވީ ރ. އަތޮޅު ތައުލީމީ މަރކަޒަށް އަައިސްމިވާ ބަދަލަކީ ރާއްޖޭގެ ކޮންމެ ކޮންމެ ސްކޫލަކަށް އަންނާނެފަދަ ބަދަލުތަކެއް ނޫންކަމަށާއި މި ބަދަލު ސްކޫލަށް ގެނެވުނީ މަރުކަޒުގެ 36އަހަރުވީ ދިގު ތާރީހުގައި މަރުކަޒުގެ ހުރިހާ މުދައްރިސުންނާއި ހުރިހާ ބެލެނިވެރިން އަދި ހުރިހާ ދަރިވަރުންނާއި ހާއްސަގޮތެއްގައި މުޅި މީދޫ އެކަތިގަނޑަކަށްވެ ކުރި ބުރަ މަސައްކަތުންކަން ފާހަގަކުރެއްވިއެވެ. އަޒީޒުގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވިގޮތުގައި ރ. އަތޮޅު ތައުލިމީ މަރުކަޒަކީ ރާއްޖޭންއުތުރުގައި އެންމެ މަތީ ފަންތީގައި ގުނާލެވޭނެ ސްކޫލެކެވެ. "އަހަރީ ދުވަހުގެ އުފާ ހާސިލްކުރަމުންދާއިރު، މިސްކޫލު މިހާރު މިއޮތް ހިސާބުން އިތުރަށް މައްޗަށް ގެންދެވޭނީ ނުވަތަ ގެންދަން ކުރެވޭނީ ކޮންކަންތައްތަކެއްތޯ ވިސްނުން މުހިއްމު،" އަޒީޒު ވިދާޅުވިއެވެ.   މިއަދުގެ ހާއްސަ އެސެމްބްލީގައި މަރުކަޒުގެ ފަރާތުން ވާހަކަފުޅުދައްކަވަމުން މަރުކަޒުގެ ލީޑިންގ ޓީޗަރ ޢަބްދުﷲ ޝިހާމް ވިދާޅުވީ މި މަރުކަޒަކީ ކިޔެވުމާއި އުމްރާނީ ގޮތުންނާއި ވަސީލަތުގެގޮތުން ބެލިނަމަވެސް ރާއްޖޭގެ އެންމެ މަތީ ފަންތީގައިގުނާލެވޭނެ ސްކޫލެއްކަން ފާހަގަކޮށް މިވީ 36 އަހަރުގެތެރޭގައި އެކަމުގައި ޝާމިލުވެފައިވާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރިއެވެ.   މިއަދުގެ އެސެމްބްލީގެ އިތުރުން ރ. އަތޮޅު ތައުލީމީ މަރުކަޒުގެ އަހަރީ ދުވަސް ފާހަގަކުރުމުގެގޮތުން ހާއްސަ ހަރަކާތްތަކެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން މަރުކަޒުގެ ހުރިހާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ކުޑަކުދިންގެ ހަވީރެއް މިއަދު ހަވީރު ޕްރީސްަކޫލް އަތިރިމަތީގައި އޮންނާނެކަމަށް އެމަރުކަޒުން މައުލުމާތުދެއްވައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...