ލަކުސަނަ - ރ.މީދޫއަށް އަންނަ ބޮޑު ޢީދެއް!
  " ލަކުސަނަ " މީ ކޯއްޗެއްބާވައެވެ ؟ މިއީ ގިނަ މީހުންގެ ހިތުގައި އުފެދިދާނެ ސުވާލެކެވެ. އާއެކެވެ! އެއީ މިފަހަރު ރ.މީދޫއަށް އަންނަ ބޮޑު ޢީދެކެވެ. ކުދި ބޮޑު އެންމެންނަށް ބޭއްވޭ އިވެންޓްތަކެކެވެ. އެކި އެކި ފަންނުގަ މަސައްކަތް ކުރާ މީހުންނަށް ޚާއްޞަކޮށްގެން އިންތިޒާމު ކުރެވޭ ގިނަގުނަ ހަރަކާތްތަކެކެވެ. ތަފާތު ފަންތިތަކުގެ މީހުންނަށް ހުޅުވާލައިގެން ގެންދެވޭ ލަކުސަނައެކެވެ.
ރާއްޖޭގެ ދަޢުވަތުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވަމުންދާ ޖަމްޢިއްޔާއެއް ކަމުގައިވާ ޕީސް ފައުންޑޭޝަންގެ ފަރާތުން އިންތިޒާމްކޮށްގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި އިވެންޓަކީ ޕީސް ފައުންޑޭޝަނުން އަލަށް ތަޢާރަފްކޮށްގެން ބާއްވާ އެ ޖަމްޢިއްޔާގެ އެންމެ ފުރަތަމަ ލަކުސަނަ އިވެންޓެވެ. މި އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ ރާ އަތޮޅު މީދޫގައެވެ. މި އިވެންޓަކީ ޕީސް ފައުންޑޭޝަނާއި ރ.މީދޫ ޢުއްމީދު ޖަމްޢިއްޔާއާއި ގުޅިގެން ކުރިއަށްގެންދާ އިވެންޓެކެވެ.
މި ހަރަކާތުގައި ބައިވެރިވުމަށް ޕީސް ފައުންޑޭޝަނުގެ ފަރާތުން ވަރަށް ބޮޑު ޓީމެއް މީދޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޝެއިޚުންގެ ބޮޑު ޓީމަކާ، ރާއްޖޭގެ މަޝްޙޫރު ބައެއް ޑޮކްޓަރުންނާއި، ތަޢުލީމީ ދާއިރާގެ ބައެއް ބޭފުޅުންނާއި އަދި ރާއްޖޭގެ ނަން ވިދާލާފައިވާ މަޝްޙޫރު ބައެއް ފުޓްބޯޅަ ކުޅުންތެރިންވެސް މި އިވެންޓުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
ތަފާތު ގިނަ ހަރަކާތްތައް ހިމެނޭ މި އިވެންޓުގައި އެކި ފަންނުތަކުގެ މީހުންނަށް ޚާއްޞަކޮށްގެން ބޭއްވޭ ވޯކްޝޮޕްތައް ހިމެނިގެންދާނެއެވެ. އެގޮތުން ޒުވާނުންނަށާއި، ވިޔަފާރިވެރިންނަށާއި، ޞިއްޙީ ދާއިރާގެ މީހުންނަށާއި، އޯލެވެލް އިމްތިހާން ހަދާކުދިންނަށާއި، ޓީޗަރުންނަށާއި، އެކި މުއައްސަސާތަކުގެ ވެރީންނަށް ޚާއްޞަކޮށް ކުރިއަށް ގެންދެވޭ ވޯކްޝޮޕްތައް ހިމެނިގެންދާނެއެވެ. އަދި ތިމާވެއްޓާއި ގުޅޭ ވޯކްޝޮޕްތަކާއި، ލީޑަރޝިޕްގެ ވޯކްޝޮޕްތައްވެސް ކުރިއަށް ދާނެއެވެ. އަދި މިސްކިތު ދަރުސްތަކާއި މައިދާނުގައި ބޭއްވޭ ބޮޑެތި ދަރުސްތައްވެސް މި އިވެންޓުގައި ކުރިއަށް ދާނެއެވެ. އަދި ޑޮކްޓަރުންގެ ބައެއް ސެޝަންތަކާ ކުޑަކުދިންނަށް ބޭއްވޭ ކުޑަކުދިންގެ ހަވީރު ފަދަ ހަރަކާތްތައްވެސް އޮންނާނެއެވެ. އަދި މީގެ އިތުރުންވެސް ތަފާތު އެތައް ހަރަކާތްތަކެއް ލަކުސަނައިގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
މި އިވެންޓުގައި ތައްޔާރީތައް މިހާރުވެސް ވަރަށް ބާރު މިނުގައި ކުރިއަށް ދެއެވެ. އެގޮތުން ޕީސް ފައުންޑޭޝަނުގެ ފަރާތުން ދާދި ފަހުން ވަނީ މީދޫއަށް ވަޑައިގެން ރަށުގެ ހުރިހާ މުއައްސަސާތަކާއި ޖަމްޢިއްޔާތަކާއި ވަކި ވަކީން ބައްދަލުކޮށް އިވެންޓުގެ މަޢުލޫމާތުތައް ހިއްސާކޮށްފައެވެ. އެގޮތުން މީދޫ ކައުންސިލާއި، ރ އަތޮޅު ތަޢުލީމީ މަރުކަޒާއި، މީދޫ ޕޮލިސްޓޭޝަނާއި، މީދޫ ފެނަކާ ބުރާންޗާއި، މީދޫ ޖަމްޢިއްޔަތުއް ޞަލާޙާއި، މީދޫ އެކުވެރި ކުލަބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އާއި އަދި މީދޫ ހެލްތް ސެންޓަރާއިވެސް ވަނީ ޕީސްގެ މި ދަތުރުގައި ބައްދަލުކޮށް މަޢުލޫމާތު ހިއްޞާކޮށްފައެވެ. އަދި ހުރިހާ ޖަމްޢިއްޔާތަކާއި މުއައްސަސާތަކާއި ގުޅިގެން މި އިވެންޓް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
މި އިވެންޓަކީ ކާމިޔާބު އަދި ފައިދާ ހުރި އިވެންޓަކަށްވުމީ ޕީސް ފައުންޑޭޝަނުގެ އަދި ރ.މީދޫ ރައްޔިތުންގެވެސް ޢުއްމީދެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...