މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ދާއިރާއަށް ވަޑައިގެންފިއެވެ.

މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، މި ދަތުރުގެ ތެރެއިން މަޑުއްވަރީގެ މަސްވެރިންނާއި ބައްދަލު ކުރާ ގޮތަށް ހަމަޖެހިފައިވާކަމަށެވެ. މި ބައްދަލުވުމަކީ މަސްވެރިންނަށް މިހާރު ދިމާވާ ދަތިތައް އޮޅުން ފިލުވާ މަޖިލިސް މެދުވެރިކޮށް ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ބޭނުމުގައި ބާއްވާ ބައްދަލުވުމެެއް ކަމަށެވެ. މީގެ އިތުރުން މާދަމާ ރޭ މީދޫ ކައުންސިލުން ބޭއްވުމަށް ހަމަޖެހިފައިވާ ’މަހާ ސަނަދު 2022‘ ހަފްލާގައިވެސް މެމްބަރު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މެމްބަރު އާދަމް ޝަރީފް ދާއިރާއަށް ވަޑައިގަންނަވާފައިވާއިރު، ދާއިރާގެ ބައެއް ރައްޔިތުންވަނީ މި ފަހަކުން މެމްބަރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ހާއްސަކޮށް ރ. އަތޮޅު ފުޓްސަލް މުބާރާތް ކުރިއަށްދިޔަ ދުވަސްތަކުގައި މެމްބަރުގެ ފަރާތުން އެއްވެސް ބަހެއް ނުލިބޭކަމަށް ބުނެ ބައެއް ޒުވާނުންވަނީ މެމްބަރަށް ފާޑުކިޔާފައެވެ.