ވެރިކަމުގެ ފުރަތަމަ 3 އަހަރުތެރޭ ހުޅުދުއްފާރުގެ ގޮނޑުދޮށް ހިމާޔާތްކޮށްދޭނަން - ރައީސް ޔާމީން
ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ކާމިޔާބުކުރެއްވިއްޖެނަމަ، ދައުރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ހުޅުދުއްފާރުގެ ގިރާ ސަރަހައްދު ހިމާޔަތްކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރ. ހުޅުދުއްފާރުގެ ފެނުގެ ޚިދުމަތާއި ނަރުދަމާގެ ޚިދުމަތް ފައްޓަވައިދެއްްވުމަށް މިއަދު އެރަށަށްވަޑައިގެން ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހުޅުދުއްފާރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިޔުމުގެ އިތުރުން ހުޅުދުއްފާރު ސުކޫލުގައި މަލްޓިޕާޕޯސް ހޯލެއް އިމާރާތްކޮށްދެއްވާނެކަމަށެވެ. އޭގެއިތުރުން ހުޅުދުއްފާރު ސުކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަންވެސް އެމަނިކުފާނުގެ ސަރުކާރެއްގައި ހައްލުކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 
ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިގޮތުގައި އެމަނިކުފާނު 2013ގައި ވަޢުދުވެވަޑައިގެންނެވިގޮތަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑު މެމްބަރުންގެ ގޮތުގައި %20 އަންހެން ބޭފުޅުން މިހާރު ތިއްބަވާނެކަމަށާއި އެމަނިކުފާނުގެ ދެން އޮތް 5 އަހަރުގައި އެ އަދަދު %50 އަށް މަތިކުރައްވާނެކަމަށްވެސް ފާހަގަކުރެއްވިއެވެ. 
މީގެއިތުރުން އަންހެނުންނާއި ކުޑަކުދިންނަށް ޚާއްޞަ ހޮސްޕިޓަލެއް ބިނާކުރެއްވުމަކީވެސް އެމަނިކުފާނުގެ ސަރުކާރަކުން ދެން އޮތް 5 އަހަރުގެ ތެރޭގައި ކުރާނެކަމެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި މާދަމާ މެންދުރުފަހު މީދޫއަށް ޒިޔާރަތްކުރާގޮތަށްވަނީ ހަމަޖެހިފައެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
...