ސަލާންޖަހަންޖެހޭނަމަ، ނިޒާމު ރަނގަޅެއްނޫނެވެ!
ލިޔުނީ: އިބްރާހިމް އާޙިރު/ ރ. ދުވާފަރު
ދިވެހިރާއްޖެއަކީ ނިސްބަތުން މަދު މީސްކޮޅެއް ދިރިއުޅެމުންދާ ކުޑަ ކުޑަ ޤައުމެކެވެ. ނަމަވެސް ﷲގެ ވާގިފުޅާއިއެކު ޤުދުރަތީ ނިޢުމަތްތަކުން ފުރިގެންވާ ޤައުމެކެވެ. ތަރައްޤީވަމުން އަންނަ ޤައުމުތަކުތެރޭ ހިމެނޭ މި ރާއްޖޭގައި، އުމުރާނީ ބޮޑެތި ޕްރޮޖެކްޓްތައް ދުވަހުން ދުވަހަށް އަންނަނީ ހިނގަމުންނެވެ. ބޮޑެތި މަދަރުސާތަކާއި، ފުލެޓުތަކެވެ. އެއާޕޯރޓުތަކާއި ކުޅިވަރުގެ މައިދާންތަކެވެ. މަތިމައްޗައް ނެގޭ މިސްކިތްތަކާއި އަދި އިތުރު އެހެންވެސް ކަންތައްތަކެވެ. މިދަފަ ޕްރޮޖެކްޓްތަކަކީ ދިވެހިންގެ ދިރިއުޅުން ކުރިއަރައި ބޮޑެތި ބަދަލުތަކެއް ގެނުވާނެ ކަންތައްތަކާއިމެދު ޝައްކެތްނެތެވެ.   ނަމަވެސް ވިސްނާލާށެވެ. މި އިން ކޮންމެ ޕްރޮޖެކްޓަކުން ފައިދާ ނަގައި ކުރިއަރަން ތިބީ ދިވެހީންނެވެ. ކަން މިހެން އޮތްއިރު، ދިވެހީންގެ ހާލަކީ ކޮބައިތޯއެވެ! އަބަދުވެސް އަޑު އިވޭ ވާހަކައަކީ "މީހާ" ތަރައްޤީނުވާ ވާހަކައެވެ. ޒަމާނާއި އެއްވަރަށް ނުފެތޭ ވާހަކައެވެ. އާދެ، އިންސާނެއް ކުރިއަރައި ދިޔުމުގެ މައި ބާރަކީ އޭނާގެ ސިއްޙަތެވެ. އިންސާނާކުރާ ކޮންމެކަމަކީ އޭނާގެ ސިއްޙަތާއި ގުޅިފައިވާކަމެކެވެ. އެހެންކަމުން، ފުރިހަމަ ސިއްޙަތެއްގައި ތިބެގެން މެނުވީ، ކުރިއަރައި ދިޔުމަކީ އިންސާނާއަށް ދަތި އުނދަގޫކަމެކެވެ.   ހިތާމައަކީ، މަދު މީސްކޮޅެއް ދިރިއުޅެމުން މިދާ، އަޅުގަނޑުމެންގެ ލޮބުވެތި ވަޠަނުގައި ބޭސްފަރުވާއަށް ސަލާންޖަހަން ޖެހޭކަމެވެ. ފުރާނައާއި މަރާއި ދެމެދު ހަނގުރާމަކުރަމުންދާ އެކި އުމުރުގެ އެތައް ދިވެހީންނެއް އެބަހުއްޓެވެ. ފޯރުންތެރިކަން ނެތުމުގެ ސަބަބުން ބޭސްފަރުވާއާއި ހަމައަށް ނުގޮސް ދުނިޔެ ދޫކޮށްފައިވާ ދިވެހީންވެސް މަދެއް ނޫނެވެ. ކޮންމެ ދުވަހަކުވެސް މީސް މީޑިއާއިން ފެންނަމުންދަނީ ކޮންމެވެސް ބައްޔެއްގެ ޝިކާރައަކަށްވެފައިވާ މީހާކަށް އެހީވުމަށް ގޮވާލާ ޕޯސްޓަރުތަކެވެ. ކުދިންތަކެއްގެ މަންމައަކަށެވެ. ނުވަތަ ދެމަފިރިއެއްގެ މައުޞޫމު ތުއްތު ދަރިއަކަށެވެ. ނުވަތަ ލޯބިވާ ކޮއްކޮއަކަށް ނޫނީ ބަލިކަށި ކާފައަކަށެވެ.   އާ ދުވަހަކަށް އަރާ އިރާއިއެކު މީސް މީޑިއާއިން ފެންނަ މިފަދަ ޕޯސްޓުތަކުން ލޮލުން ކަރުނަހިލެއެވެ. ބަލިމީހާ އަޅާނެ ވޭނާއި، އެހީތެރިން ކުރާނެ ހިތާމައާއި، ހިތްވަރާއި އެފަދަ މީހުން ކުރާނެ އުއްމިދު ތަސައްވަރުކޮށްލެވުމުންނެވެ. މިއަދު އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ ހިތި ޙަޤީޤަތަކީ، ދިވެހި ދައުލަތުން މިކަމަށްދޭ ސަމާލުކަން ކުޑަކަމެވެ. ދިވެހިރާއްޖޭގެ ސިއްޙީ ނިޒާމު ޒަމާނަށް ފައްތައި ކުރިއަރުވަން ބޮޑެތި ޚަރަދުތައްކުރާއިރުވެސް، ނިކަމެތި ރައްޔިތު މީހާއަށް މިކަމުގައި ލުއިފަސޭހަ ގޮތް ނެތުމެވެ.   ރާއްޖެތެރޭގައި ބިނާކުރެވިފައިވާ ސިއްޙީ މަރުކަޒުތަކުން ބޭނުންވާ ބައްޔަށް ފަރުވާ ނުލިބުމުގެ ސަބަބުން ޚަރަދުބަރަދު ބޮޑު ފުރަ މާލެއަށް ހަމަކޮންމެ ދުވަހަކުވެސް އެތައްބަޔަކު އާދެއެވެ. ހިލޭ ދައްކަން ބޭނުންނަމަ، ނަން ނޯޓުކޮށް އެތައް ދުވަހަކު އަތުން ޚަރަދުތަކެއް ދުއްވާލައިގެން އާއިލާއާއި ދުރުގައި މަޑުކުރަންޖެހެއެވެ. ނޫންނަމަ ކޮންމެވެސް ކުލިނިކަކަށް ދައްކައިގެން ކޮންމެ ފަހަރަކު އެތައް ސަތޭކަ ރުފިޔާ އަތުން ޚަރަދުވެއެވެ. އާދެ މިދައްކަނީ ރާއްޖެތެރޭގައި ކުޑަ މުސާރަ ހިފައިގެން އުޅޭ އާންމު ރައްޔިތު މީހާގެ ވާހަކައެވެ. އަތުގަ ރައްކާކޮށްފައިވާ ފައިސާކޮޅު ހުސްވެ، ބަލި ހާލަތު ގޯސްވުމުގެ ސަބަބުން ދެން ޖެހެނީ ސަލާންޖަހާށެވެ. ނަމަވެސް މިއަދު މިކަމަށް ހައްލެއް ގެނެސްދޭނެ ރައީސެއް ވަޒީރެއް ނެތެވެ. މިކަހަލަ ވާހަކަތަކުން އުންމީދު އާކޮށްދޭނެ މަޖިލިސް މެމްބަރެއްނެތެވެ.   ކަންމިހެން އޮތްނަމަވެސް، ޙަޤީޤަތަކީ، ދިވެހިންނަކީ ދީލަތިބައެއްކަމެވެ. ދިވެހީންގެ ދީލަތިކަމުގެ ސަބަބުން، ބައްޔަށް ފަރުވާ ހޯދާފައިވާ މީހުން ހަމަގައިމުވެސް މަދެއްނޫނެވެ. މާތްﷲ އެފަދަ މީހުންގެ މުދަލުގައި ބަރަކާތްލައްވައި ރިޒުޤު އިތުރުކޮށްދެއްވާށި! އަދި ބަލިތަކުގެ ޝިކާރައަކަށްވެފައިވާ ހުރިހާ އެންމެނަށް އަވަސް ޝިފާއެއް މިންވަރުކޮށްދެއްވާށި! އާމީން.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...