އުފާވެރި ޙަޔާތެއް ބޭނުންތަ ؟
އުފާވެރި ޙަޔާތެއް ހޭދަކުރާނީ ކިހިނެތް ހެއްޔެވެ؟ ދިމާވާ ކަންތަކާމެދު ހިތާމަނުކޮށްގެންކަން ޔަޤީނެވެ. ނަމަވެސް މިވަރުގެ ކުޑަކުޑަ ޖަވާބަކުން މިކަމެއް ފުއްދައެއް ނުލެވޭނެއެވެ. ޙަޤީޤަތަށް ބަލާލާއިރު އިންސާނުންނަކީ ގިނަ ފަހަރަށް ދިމާވާ ކަންތަކާ މެދު " ނެގެޓިވް " ކޮށް ވިސްނާ ބައެކެވެ. ފެން އަޅާ ފުރިފައި ހުރި ތައްޓެއްވެސް އަހަރެމެންނަށް ގިނަ ފަހަރަށް ފެންނާނީ މެދާ ހިސާބަށް ހުއްޓައެވެ. އުފާވެރިކަން ހާސިލްކުރެވޭނީ ގިނަ މުދާތަކެއް ހުރެގެންނެއް ނޫނެވެ. އަދި ތިމާ ޢުމުރުން ވަކި ހިސާބަކަށް ފޯރުމަކުންވެސް ނޫނެވެ. އުފާވެރިކަން ތަޖްރިބާ ކުރަން ބޭނުން ނަމަ ތިމާގެ ޙަޔާތުގައި ވަކި ޚާއްޞަކަމެއް ހިނގަންދެން މަޑުކޮށްގެން ހުންނާކަށް ނުޖެހޭނެއެވެ. ތިރީގައި މި ބަޔާންކުރާ ކަންކަން ތިމާގެ ދިރިއުޅުމުގެ ތެރެއަށް ގެނެސްފިނަމަ އުފާވެރި ހަޔާތެއް އިންޝާ ﷲ ލިބޭނެއެވެ.
1 . އަބަދުވެސް ﷲ އަށް ކިޔަމަންތެރިވާށެވެ. އަދި އެ އިލާހަށް އެންމެ ފުރިހަމަ ގޮތުގައި އަޅުކަންކުރާށެވެ. ސަބަބަކީ ހުރިހާ ޙަޤީޤީ އުފަލެއް ލިބޭނީ ﷲ ގެ ހަޟްރަތުންނެވެ. 2 . ތިމާގެ ޙަޔާތުގައި ހުރި ހުރިހާ ރަނގަޅު ކަންތަކާމެދު ވިސްނާށެވެ. 3 . ﷲ ތިމާއަށް ދެއްވާފައިވާ ހުރިހާ ނިޢުމަތްތަކާމެދު ޝުކުރުވެރިވާށެވެ. 4 . ޢާއިލާ މީހުންނާއި އަދި ޞާލިހް އެކުވެރިންނާއެކު ވަޤުތު ހޭދަކުރާށެވެ. 5 . ހިނގާ ނިމިފައިވާ ކަންތަކާ މެދު ނުވިސްނާށެވެ. ޔަޤީނުންވެސް އެކަންތައް ބަދަލެއް ނުކުރެވޭނެއެވެ. ސީދާ މިއަދަށް އަމާޒު ބަހައްޓާށެވެ. 6 . މުސްތަޤުބަލާމެދު ނުވިސްނާށެވެ. ކުރިއަށް ވާން ހުރި ކަންކަމެއް ތިމާއަކަށް ނޭނގޭނެއެވެ. 7 . ގިނަގިނައިން ހިނިތުންވާށެވެ. 8 . ކޮންމެވެސް މީހަކަށް ކޮންމެވެސް ހެޔޮކަމެއް ކޮށްދޭށެވެ. 9 . ތިމާ ލޯބިވާ މީހުންނާއެކު ވަޤުތުތައް ހޭދަކުރާށެވެ. ( ޢާއިލާ، ދަރީން، މައިންބަފައިން ) 10 . ބައެއް ވަޤުތުތައް ޤުދުރަތީ ރީތި މަންޒަރުތައް ބަލައިލުމަށް ހޭދަކުރާށެވެ. 11 . ތިމާގެ އުފާވެރި ހަނދާންތަކާ މެދު ވިސްނާށެވެ. 12 . ތިމާގެ ޢާއިލާ މީހުންދެކެ ލޯބިވާކަން އެފަރާތްތަކަށް އަންގާށެވެ. 13 . ޞަދަޤާތް ދޭށެވެ. 14 . ތިމާ ލޯބިވާ ފަރާތަކަށް ހަދިޔާއެއް ދޭށެވެ. 15 . އެހެންމީހުންނަށް އެހީތެރިވާށެވެ. 16 . އަރާމު ކުރާށެވެ. އަދި ދީން ހުއްދަކުރާ މިންގަނޑުގެ ތެރެއިން މަޖާ ކުރާށެވެ. 17 . ޢާއިލާ މީހެއް ކައިރިއަށް ނުވަތަ ގާތް ރަހްމަތްތެރިއެއް ކައިރިއަށް ޒިޔާތަރްކުރާށެވެ. 18 . ކޮންމެވެސް އާ ކަމެއް ތަޖުރިބާ ކޮށްލާށެވެ. ( ޕުރޮޑަކްޓިވް ހޮބީއެއް ) 19 . ތިމާގެ މައިންބަފައިން އުފަލުގައި ބަހައްޓާށެވެ. 20 . ތިމާ ލޯބިވާ މީހުންނާއެކު މަޖާކޮށް ހަލާލް ޖޯކުތައް ކިޔައި ހަދާށެވެ.   ދިރިއުޅުމުގައި އުފަލާއި ހިތާމަ ކުރިމަތިވާނެއެވެ. ހިތާމަ ކުރަންޖެހޭ ކަންކަންވެސް އަދި އުފާކުރަން ޖެހޭ ކަންކަންވެސް ކުރިމަތިވާނެއެވެ. އަބަދުވެސް ޝުކުރުވެރިވެގެން އުޅޭށެވެ. މިވަޤުތު ތިމާ ކޮންމެ ހިތާމައަކާ ކުރިމަތިލާން ޖެހުނަސް އެކަންކަން ފިލައިގެންދާނެއެވެ. އެހެންކަމުން ހިތާމަކުރުމުގެ ސަބަބުން ތިމާގެ ޙަޔާތް ބޭކާރުކޮށްނުލާށެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...