ޝައިޚުން އެއްޗެކޭ ނުބުނަނީ ކީއްވެހެއްޔެވެ؟
މުޖްތަމަޢުގައި މުންކަރާތެއް ފާޅުކަން ބޮޑު ގޮތެއްގައި ހިނގާ ހިނދު އެންމެ ފުރަތަމަވެސް އެކަމަކާ ދެކޮޅަށް ތެދުވަން ޖެހޭ ބަޔަކީ ޢިލްމުގެ އަހުލުވެރިންނެވެ. ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައި ކަންކަން ނަހީކުރުމުގައި އެންމެ އިސް ސަފުގައި ތިބެން ޖެހޭނީވެސް ޢިލްމުގެ އަހުލުވެރިންނެވެ. ނަމަވެސް، އަބަދު ޢިލްމުވެރިން މިކަން ކުރަން ޖެހެނީ ޢާއްމުންނަށް ފެނިގެންނެއް ނޫނެވެ. ވެރިންނާއި އަމީރުންނަށް ބަޔާންކުރަން ޖެހޭ ނަޞޭޙަތްތައް ކޮންމެ ފަހަރަކު ޢާއްމުކުރަންވެސް ނުޖެހިދާނެއެވެ.   މިގެނެސްދެނީ އެގޮތުން، މިޒަމާނުގައި އުފެދުނު އެންމެ ބޮޑު އެއް އިމާމްކަމުގައިވާ އައްޝައިޚް ޢަބްދުލް ޢަޒީޒް ބިން ބާޒް (ރަޙިމަހުﷲ) ގެ ޙަޔާތްޕުޅުން ވާހަކައެކެވެ.   އޭރުގެ ލީބިޔާގެ ލީޑަރު މުޢައްމަރު އަލް ޤައްޛާފީ ވެރިކަމަށް ވަޑައިގެން ޤައުމަށް އިޖްތިމާޢީ ގޮތުންނާއި ދީނީ ގޮތުންވެސް ތަފާތު ބަދަލުތަކެއް ގެންނެވިއެވެ. އެގޮތުން ދީނީ ގޮތުން ބިރުވެރި އައު ކަންކަމެއްވެސް އެއީ އެންމެ ރަނގަޅުކަންކަން ކަމުގައި ބަލައިގެން ތަޢާރަފްކުރިއެވެ. މީގެ ތެރޭގައި ލީބިޔާގައި ޗާޕްކުރެވޭ ޤުރުއާން މުސްޙަފްތަކުގައި ސޫރަތްތަކުން "ޤުލް" މިޢިބާރާތް އުނިކުރުން ހިމެނެއެވެ. އަދި މިސްކިތްތަކުގައި ވެސް ނަމާދުކުރާއިރާއި ޤުރުއާން ކިޔަވާއިރު "ގުލް" އުނިކޮށްގެން ކިޔުމަށް އިމާމުންނަށް އަންގާ މަޖްބޫރުކުރިއެވެ. ރޭޑިޔޯތަކުންވެސް ޤުރުއާން ފޮނުވާއިރު އެބަދަލު ގެނައުމަށާއި، ތަޢުލީމީ މުއައްސަސާތަކުން ފޮތްތައްވެސް އެފަދައިން ބަދަލުކުރުމަށް އަމުރުކުރިއެވެ. ކިހާ ބޮޑު ނުރައްކައުތެރި ބިރުވެރި ބަދަލެއް ހެއްޔެވެ؟ ޤުރުއާނަށް އުނިއިތުރެއް ގެނައީ ނޫންތޯއެވެ؟
މިޚަބަރު އިވިވަޑައިގަތުމުން، ސަޢުދީ ޢަރަބިއްޔާގެ ޢިލްމުވެރިޔާ އައްޝައިޚް ޢަބްދުލް ޢަޒީޒް ބިން ބާޒް (ރަޙިމަހުﷲ) ލީބިޔާގެ ލީޑަރަށް ފޯނުކުރެއްވިއެވެ. އަދި އެފަދައިން ސޫރަތްތަކުން "ޤުލް" ކަނޑާލުމަކީ ހުއްދަވާނެކަމެއް ނޫންކަން ބަޔާންކޮށްދެއްވިއެވެ. އަދި ކިޔެވުމުގައި "ޤުލް" ކިޔެވުމަކީ ވާޖިބެއްކަމުގައި ވިދާޅުވެ ނަޞޭޙަތްދެއްވެވިއެވެ. މިފޯނު ކޯލުގެ ސަބަބުން، ކުރަން އުޅުނު ކަމަކީ ދީނީ ގޮތުން ބުރަދަނެއް ނެތް ނުރައްކާތެރިކަމެއްކަން އެނގި އެބޮޑު ފިތުނަ ޙަޤީޤަތަކަށް ނުވެ ނިމިދިޔައީއެވެ. އިސްލާމީ ބޮޑު ޤައުމެއްގައި ޤުރުއާނަށް ރަސްމީ ފަރާތްތަކުން ގެންނަން އުޅުނު ބޮޑު ބަދަލު ވަޅުޖެހިގެން ދިޔައީއެވެ. މާތް ﷲ ޝައިޚް ބިން ބާޒްއަށް ހެޔޮ ރަޙްމަތް ލައްވާށިއެވެ!
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...