މައިދާނުގައި ޢީދު ނަމާދުކުރުމަކީ ސުންނަތެއް!
މާދަމާއަކީ ބަރަކާތްތެރިވެގެންވާ ފިޠުރު އީދު ދުވަހެވެ. އެދުވަހުގައި ކުރެވޭ އެންމެ ޚާއްސަ އަޅުކަމަކީ ފިޠުރު އީދު ނަމާދު ކަމާ މެދު ޝައްކެތް ނެތެވެ. އަޅުގަނޑުމެންގެ ހިތުގައި އުފެދޭ ސުވާލަކީ ފިޠުރު އީދު ނަމާދުކުރުން އެންމެ ރަނގަޅީ މިސްކިތުގައިތޯ ނުވަތަ ހު ސް މައިދާނުގައިތޯ ؟ ޝައްކެތްވެސް ނެތް ގޮތުގައި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަ ސުންނަތުން ސާބިތުވާ ގޮތުގައި ފިތުރު ނަމާދު ވިއްސާރަވުން ފަދަ އުޒުރެއް ކުރިމަތި ނުވާހާ ހިނދަކު އެކަލޭގެފާނު ކުރައްވާފައިވަނީ ހުސް މައިދާނެއްގައެވެ.
  އިބުނު ޤުދާމާ އަލް ހަންބަލީ ، އަލް މުޣްނީ އޭ ކިޔުނު ފޮތުގައި ވިދާޅުވެފައިވެއެވެ. " ސުންނަތް ގޮތަކީ އީދު ނަމާދު މައިދާނުގައި ކުރުމެވެ. " އަދި އެކަމަށް ބާރު ދެއްވުމުގެ ގޮތުން އެކަލޭގެފާނު ވިދާޅުވެފައިވަނީ ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަ މިސްކިތްކޮޅު ދޫކުރައްވާ އީދު ނަމާދު ކުރައްވާ އުޅުއްވީ މައިދާނުގައި ކަމަށެވެ. އަދި އެކަލޭގެފާނަށް ފަހު އައި ޚަލީފާއިންވެސް ކަންތައް ކުރައްވާފައި ވަނީވެސް ހަމަ އެފަދައިން ކަމަށެވެ. އިލްމުވެރިއެއް ކަމުގައިވާ އިބްނު އަލް ހާޖް މަދްޚަލް އޭ ކިޔުނު ފޮތުގައި ވިދާޅުވެފައިވެއެވެ. " އީދު ނަމާދާއި ބެހޭ ގޮތުން ސުންނަތުން ސާބިތުވާ ގޮތުގައި އީދު ނަމާދު ކުރަން ޖެހޭނީ މައިދާނުގައެވެ. ސަބަބަކީ ރަސޫލާ ސައްލﷲ އަލައިހި ވަސައްލަމަ ހަދީޘް ކުރައްވާފައި ވަނީ " ތިމަން ކަލޭގެފާނުގެ މި މިސްކިތް ކޮޅުގައި ( މަސްޖިދުއް ނަބަވީ ) ކުރާ ނަމާދު އެހެން މިސްކިތެއްގައި ކުރާ 1000 ނަމާދަށް ވުރެ ހެޔޮވެގެން ވެއެވެ. މަސްޖިދުލް ހަރާމް ފިޔަވައެވެ. " ( ބުޚާރީ 1190، މުސްލިމް 1394 ).   ކަން މިހެން ހުރުމާއެކުވެސް އެކަލޭގެފާނު ވަނީ މިސްކިތްކޮޅު ދޫކޮށްލައްވާ މައިދާނަށް ނިކުމެ އީދު ނަމާދު ކުރައްވާފައެވެ. އެހެންކަމުން މިކަމުން ސާފުކޮށް އެނގެން އޮތް ކަމަކީ އީދު ނަމާދު މައިދާނުގައި ކުރަން އޮތް އަމުރަކީ ސާބިތު ކަމެކެވެ. އަދި އެއީ ސުންނަތެއް ކަމެވެ. "   މީގެ އިތުރުން ބައެއް މީހުންގެ ހިތުގައި އުފެދިދާނެ އެއް ސުވާލަކީ އޭރުގައި އީދު ނަމާދު މައިދާނުގައި ކުރައްވާފައި ވަނީ މިސްކިތްކޮޅު ފުރިގެން ނޫންބާވައެވެ ؟ ނަމަވެސް މީ ކުށް ހީއެކެވެ. ނަބިއްޔާގެ މިސްކިތްކޮޅު ފުރިގެން މައިދާނަށް ނިކުމެވަޑައިގެން ކަމަށް އޮތް އެއްވެސް ދަލީލެއް ފެންނާކަށް ނެތެވެ. އަދި އޭރުގައި ކަންތައް އޮތްގޮތުން މިސްކިތް ފުރިގެން މިސްކިތް ބޭރުގައި ނަމާދު ކުރެވެންވެސް އޮތެވެ. އެކަމަކުވެސް ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަ އެހެން ކަންތައް ކުރެވުމުގެ ބަދަލުގައި މިސްކިތްކޮޅު ދޫކުރައްވާ މައިދާންގައި އެކަން ކުރުމުން އެއިން އެނގިގެން ދަނީ އެއީ ސުންނަތް ގޮތްކަމެވެ.   މީގެ އިތުރުން އެ ރަށެއްގައި އުޅޭ އެންމެން ، ފިރިހެނުންނާއި ، އަންހެންވެރިންނާއި ، ކުދި ބޮޑު އެންމެން އެއް ބިމަކަށް އެއްވެ އެއް އިމާމެއްގެ ފަހަތުގައި ނަމާދުކޮށް ހެދުމުން އެންމެންގެ މެދުގައި އެއްބައިވަންތަކަން އާލާވުމުގެ ފައިދާ ހާސިލްވެގެންދެއެވެ. އަދި މައްސަރު ކަންތަކުގައި އުޅޭ އަންހެންވެރިންނަށްވެސް ނަމާދުގައި ބައިވެރި ނުވެވުނުކަމެއް ކަމަކު އީދު ނަމާދު ކުރާ ހިސާބަށް ގޮސް ހެޔޮ ކަންތަކުގައި ބައިވެރިވެ އަދި މުސްލިމުންގެ ދުއާގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދެއެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...