ޢަރަފާތްދުވަހުގެ އެންމެ ފުރިހަމަ ދަރުމަ ލިބަގަތުމަށް ހުރިހާ މުސްލިމުންވެސް އެދުވަހު ރޯދައަށް ހުރުމަކީ ގަދަވެގެންވާ ސުންނަތެއް- ޝައިޚް ނިމާލް
ޢަރަފާތުދުވަހުގެ އެންމެ ފުރިހަމަ ދަރުމަ ލިބިގަތުމުގެ ގޮތުން އެދުވަހު ރޯދައަށްހުރުމަށް ޝައިޚް ނިމާލް މުޙައްމަދު އިރުޝާދު ދެއްވައިފިއެވެ.   ޝައިޚް ނިމާލް މިކަމަށް އިރުޝާދުދެއްވީ ޢަރަފާތުދުވަހުގެ މަތިވެރިކަމާއި ގުޅޭގޮތުން މީދޫ ޓައިމްސްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ. ޝައިޅް ނިމާލް ވިދާޅުވީ ރަސޫލާ ﷺ ޙަދީޘްފުޅު ކުރައްވާފައިވާގޮތުގައި ޢަރަފާތުދުވަހަކީ ﷲ ސުބުހާނަހޫ ވަތަޢާލާ މިބިންމަތީގައި ލައްވާފައިވާ އެންމެ މާތް ދުވަސްކަމުގައެވެ.  އެހެންކަމުން  މިމާތްދުވަހުގެ  މަތިވެރި ދަރުމައާއި ޘަވާބުލިބިގަތުމުގެ ގޮތުން އެންމެހާ މުސްލިމުންވެސް މި މާތް  ދުވަހުގެ  ރޯދަހިފުމަށް  ޝައިޚްވަނީ އިރުޝާދުދެއްވާފައެވެ.   މީގެ އިތުރުން އެދުވަހުގެ މާތްކަމާއި މަތިވެރިކަން އިތުރުވެގެންދާ އަނެއްކަމަކީ އެދުވަހަކީ ﷲ ސުބުހާނަހޫ ވަތަޢާލ އެންމެ ގިނަ މީސްތަކުން ނަރަކައިން މުއްތިކުރައްވާނޭދުވަސްކަމުގައި  ބަޔާންވެފައިވާތީކަމަށްވެސް  ޝައިޚް  ފާހަގަކުރެއްވިއެވެ. މީގެއިތުރުން ޢަރަފާތުދުވަހު ދުނިޔޭގެ އެކިކަންކޮޅުތަކުން މީސްތަކުން އައިސް ޢަރަފާތުބިމަށް  ޖަމާވެ އެއިލާހަށް  އަޅުކަންކުރައްވާމަންޒަރު ބައްލަވާވޮޑިގެންވާ ޙާލު، އެއިލާހު މަލާއިކަތްބޭކަލުންނަށް މުޚާތަބުކުރައްވާ އެއަޅުތަކުން  ބޭނުންވަނީ  ކޮންކަމެއްތޯ  ވަޙީކުރައްވާކަމަށެވެ.  އަދި  އެއިލާހުގެ  އަޅުތަކުން  އެދިލައްވާގޮތަށް  އަޅުތަކުންގެ ފާފަ އެއިލާހު ފުއްސަވާދެއްވާނެކަމަށްވެސް ޝައިޚް ބަޔާންކުރެއްވިއެވެ.   ޢަރަފާތުދުވަހަކީ ﷲ ސުބުހާނަހޫ ވަތަޢާލާ ޢަރަފާތުގެ އަހުލުވެރީންނަށް ރަޙުމަތުގެ ބެއްލެވުމަކުން ބައްލަވާދުވަސްކަމަށާއި އެދުވަހު ޢަރަފާތުގައި ތިބޭ  އަހުލުވެރީންގެ  ފާފަ  އެއިލާހު  ފުއްސަވާދެއްވާނެކަމަށް  ނަބަވީ  އިރުޝާދު  އައިސްފައިވާކަމަށްވެސް  ޝައިޚް ނިމާލް ފާހަގަކުރެއްވިއެވެ.      ޢަރަފާތުދުވަހުގެ ރޯދައަކީ ހައްޖުގެ އަޅުކަން އަދާކުރާ މީހުން ފިޔަވައި ރޯދަހިފުމުގެ ޝަރުތު ފުރިހަމަވާ އެންމެންނަށް  ސުންނަތްކަން ގަދަވެގެންވާ ރޯދައެކެވެ. ރަސޫލާ ﷺ ހަދީޘް ކުރައްވާފައިވަނީ   ﷲގެ  ޙަޟްރަތުން ޢަރަފާތުދުވަހުގެ ރޯދައިގެ ސަބަބުން  އިސްވެދިޔައަހަރުގެ  ފާފަތަކާއި  އަންނަންއޮތް  އަހަރުގެ  ފާފަފުއްސެވުމަށް  ތިމަންކަލޭގެފާނު  އުއްމީދުކުރައްވަމެވެ.    މީގެ އިތުރުން އަޅުގަނޑުމެންގެ ތެރެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ނުލިބޭ މީހުންނަށްވެސް އެދުވަހު ފުރިހަމަ ހައްޖަކާއި ޢުމްރާއެއްގެ  ޘަވާބު  ހޯދުމުގެ  ފުރުޞަތު  އެބައޮތްކަމަށް  ޝައިޚް  ފާހަގަކުރެއްވިއެވެ. އެގޮތުން އެދުވަހު ރޯދައަށްހުރުމުގެ އިތުރަށް އެދުވަހުގެ  ފަތިސް ނަމާދު ޖަމާޢަތުގައި ކުރުމަށްފަހު އިރުއަރަންދެން މިސްކިތުގައި ﷲ އަށް ޛިކުރުކުރުމުގައި  އިށީނދެ، އިރުއެރުމުން 2 ރަކްޢަތް ނަމާދެއްކޮށްފި މީހާއަށް ފުރިހަމަ  ޙައްޖަކާއި  ޢުމްރާއެއްގެ  ޘަވާބު ލިބޭނެކަމަށްވެސް  ޙަދީޘްގައި  އައިސްފައިވާކަމަށް  ޝައިޚް  ފާހަގަކުރެއްވިއެވެ. މިކަމަކީ  ޙައްޖުދުވަސް  ނޫން  އެހެންދުވަސް ދުވަހުވެސް ހުރި  ދަރުމައެއްކަމަށާއި ޙައްޖުމަހުގެ  މިމާތް ދުވަސްވަރު  މިފަދަ  އަޅުކަމަކުން  މިކަމުގެ  ދަރުމަ  އެތައްގުނައެއް  އިތުރުވެގެންދާނެކަމަށް  ޝައިޚް  ފާހަގަކުރެއްވިއެވެ.    އެހެންކަމުން ޝައިޚް ވިދާޅުވީ، ހައްޖުދުވަހު މާތް އަޅުކަން ކުރެވޭތޯ ބަލަންޖެހޭކަމަ ހައްޖުދުވަހުގެ ރޯދަ ހިފޭތޯ ދަދައަޅައި މަސައްކަތްކުރަންޖެހޭކަމަށެވެ.   
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
...