ރަށު ކައުންސިލްތަކުން މިނިސްޓްރީތަކާއި ބައްދަލުކުރާއިރު މީދޫ ކައުންސިލް ނިދާފައި!
ފާއިތުވެދިޔަ ދެ މަސް ދުވަހަކީ ގިނަ ކައުންސިލްތަކުން ސަރުކާރާއި ބައްދަލުކޮށް ބުރަ މަސައްކަތްތަކެއް ކުރަމުން އައި ދުވަސްތަކެކެވެ. ވެރިކަން ބަދަލުވެ އާ ސަރުކާރަކާއި އާ ވަޒީރުންތަކެއް ވުޒާރާތަކާއި ހަވާލުވުމުން އެ ވަޒީރުންނަށް ރަށްރަށުގައި ހުރި މައްސަލަތައް ގާތުން ކިޔައިދިނުމަށް ކައުންސިލްތަކުން އަވަސްވެގަތް މަންޒަރު ފެނިގެންދިޔައެވެ.   އެކި ކައުންސިލްތަކުގެ ފޭސްބުކް ޕޭޖުތަކާއި މިނިސްޓްރީތަކުގެ ޓުވީޓުތަކުން ރަށްރަށުގެ ކައުންސިލްތަކުން އެ މިނިސްޓްރީތަކާއި ބައްދަލުކޮށްފައިވާ މިންވަރު އެނގިގެންދެއެވެ. ރ. އަތޮޅުގެ ބައެއް ރަށްތަކުގެ ކައުންސިލްތަކުންވެސް މާލެގޮސް އެ ރަށްރަށުގައި ދިމާވެފައިވާ މައްސަލަތަކާއި އިތުރަށް ގެންނަން ބޭނުންވާ ތަރައްޤީގެ މަސައްކަތްތައް ކަމާއި ބެހޭ މިނިސްޓްރީތަކާއި ހިއްސާކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
މަޑުއްވަރީ ކައުންސިލުން އިސްލާމިކް މިނިސްޓްރީއާއި ބައްދަލުކޮށްފައި | ފޮޓޯ: މަޑުއްވަރީ ކައުންސިލް
އެހެންނަމަވެސް، އާ ސަރުކާރު ހުވާ ކުރިތާ ދެ މަސް ދުވަސް ވެގެންގޮސްފައިވާއިރުވެސް މީދޫ ކައުންސިލުން މިނިސްޓްރީތަކާއި ބައްދަލުކުރުމަށް އެއްވެސް މަސައްކަތެއްކޮށްފައިނުވާތީ ގިނަ ބަޔަކު އަންނަނީ ކައުންސިލަށް ފާޑުކިޔަމުންނެވެ. ބައެއް މީހުން ބުނާގޮތުގައި މިއީ ކައުންސިލަރުންގެ ފިކުރާއި އިދިކޮޅު ފިކުރުގެ ސަރުކާރެއްކަމުން ކައުންސިލްގެ އެއްބާރުލުން ނުލިބެނީކަމަށެވެ.   އެގޮތުން އެމް.ޓީއާއި ވާހަކަދެއްކި މީދޫ ޒުވާނަކު ބުނި ގޮތުގައި ސަރުކާރުގެ ވުޒާރާތަކާއި ކައުންސިލުން އިސްވެ ބައްދަލުކުރުމަކީ މުހިއްމުކަމެއް ކަމަށާއި ރަށުގެ ތަރައްޤީއަށް ކޮންމެހެން ކުރަން ޖެހޭކަމެއްކަމަށްވެސް އޭނާ ބުންޏެވެ.
ފައިނު ކައުންސިލްގެ ރައީސް ހޯމް މިނިސްޓަރާއި ބައްދަލުކުރަނީ | ފޮޓޯ: ފަައިނު ކައުންސިލް
"ނުރޯދަރިއަކަށް ކިރެއް ނުލިބޭނެ، އިދިކޮޅު ސަރުކާރެއް އޮތަސް ބައްދަލުކުރެވޭނެ މަގު ވަރަށް ސާފުކޮށް ހުޅުވިފައި އޮތީ، އެހެންވީމާ ބެލެވެނީ ކައުންސިލަރުންގެ ޒިންމާދާރުކަން ކުޑައީކަމަށް" މީދޫ ޓައިމްސްއާއި ވާހަކަ ދެއްކި ޒުވާނާ ބުންޏެވެ.   ހަޤީޤަތުގައިވެސް އެބުނީ ހެޔޮ ވާހަކައެކެވެ. ރާއްޖޭގައި ކަން ހިނގާ އުސޫލުން 'ނުރޯ ދަރިޔަކަށް ކިރެއް ނުލިބޭނެއެވެ.' ކުރަން ހުރި ތަރައްޤީގެ މަސައްކަތްތައް އަވަސް ސްޕީޑުގައި ކުރިއަށް ގެންދެވޭނީ ވީހާވެސް ގިނައިން ސަރުކާރުގައި އާދޭސް ދަންނަވައިގެންނެވެ. 2019 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތައް އަވަސް ކުރުމަށްވެސް މިކަން ކުރުން ވަރަށް މުހިއްމެވެ.   މިކަމާއި ގުޅޭ ގޮތުން މީދޫ ކައުންސިލްގެ ރައީސް ހުސެއިން އަފީފް ވިދާޅުވީ، މީދޫ ކައުންސިލުން މިނިސްޓްރީތަކާއި ބައްދަލުކުރުމަށް ނިންމާފައިވާކަމަށާއި އެހެންނަމަވެސް ދާއިރާގެ މެމްބަރު އަމީތު އާއިއެކު ބައްދަލުކުރުމަށް ޤަސްތުކުރައްވާތީ މެމްބަރު އަމީތު ޗުއްޓީގައި ހުރުމުގެ ސަބަބުން ލަސްވީކަމަށެވެ. ހަމައެއާއިއެކު މިހާރު މެމްބަރު އަމީތުވެސް މާލެ ވަޑައިގެންފައިވާތީ ވަރަށް އަވަސް މުސްތަޤުބަލެއްގައި މިނިސްޓްރީތަކާއި ބައްދަލުކުރުމަށް ކައުންސިލަރުން މާލެދާ ގޮތަށް ހަމަޖެހިފައިވާކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.   އެހެންކަމުން ކައުންސިލްގެ ފަރާތުން މިނިސްޓްރީތަކާއި ބައްދަލުނުކުރުމުގެ ސަބަބުން ހިތްނުތަނަވަސްވެފައިވާ އެތައް ބަޔަކަށް ކައުންސިލްގެ ރައީސްގެ މި ވާހަކަފުޅުން ހިތްހަމަޖެހުމެއް ލިބިދާނެކަމަށް ބެލެވެއެވެ.    ކޮންމެއަކަސް ރަށުގެ ތަރައްޤީއަށް ކުރަން ހުރި ބޮޑެތި މަޝްރޫޢުތަކާއި ދިމާވެފައިވާ މައްސަލަތައް ވުޒާރާތަކުގެ އިސްވެރިންނާއި ހަމައަށް ގެންދެވުމަކީ ރަށުގެ ތަރައްޤީގެ ދުވެލި އަވަސްކުރުމަށް އެޅިގެންދާނެ މުހިއްމު ބޭނުންތެރި ފިޔަވަޅެކެވެ. ނަމަވެސް އަދި މީދޫ ކައުންސިލްގެ ފަރާތުން މިކަން ކުރުމަށް މަސައްކަތް ނުކުރާކަމީ ހިތާމަހުރި ކަމެކެވެ. ރަށްރަށު ކައުންސިލުން މިކަން ކުރާއިރު ހަޤީޤަތުގައިވެސް މީދޫ ކައުންސިލް ނިދާފައޭ ބުނުމަކީ ދޮގެއްނޫނެވެ.
ކިޔުންތެރިންގެ ހިޔާލް

2019-01-22 07:06:26
Iboo
Saabahey
އެންމެ މަގުބޫލު: 7 ދުވަސް

...