ރައްޒާން ޕީޕީއެމްއާއި ފެޔަށް؟!
މީދޫގެ ސިޔާސީ މައިދާނުގައި މިވަގުތު އެންމެންވެސް ދައްކަމުންދަނީ އެއްވާހަކައެެވެ. ޕީޕީއެމްގެ ޓިކެޓުގައި މީދޫ ކައުންސިލަށް އިންތިޚާބުވެ، މިހާރުވެސް ޕީޕީއެމް މެމްބަރެއްގެ ގޮތުގައި ހުންނެވި މީދޫ ކައުންސިލް މެމްބަރު ރައްޒާން ޒަރީރު، ސަރުކާރުގެ ސިޔާސަތުތަކާއި ފާޅުގައި ދެކޮޅު ހައްދަވަމުން ގެންދާ ވާހަކައެވެ.
ކައުންސިލް އިންތިޚާބަށް ކެމްޕެއިން ކުރައްވަމުން ގެންދެވި އިރު އަޑަށް ބާރުލައްވާ ޕީޕީއެމްގެ މޮޅު ވާހަކައާއި ސަރުކާރުގެ މޮޅު ވާހަކަދައްކަވަމުން ގެންދެވި ރައްޒާނަށް މިވަރުގެ ބޮޑު ބަދަލެއް އައީ ކީއްވެބާ؟ ހަގީގަތުގައިވެސް ރައްޒާނުގެ ވިސްނުމާއި ޕީޕީއެމްގެ ވިސްނުން ދިމާނުވަނީބާ؟ މިއީ ހައްތާވެސް ރައްޔިތުންގެ ހިތްތަކުގައި މިވަގުތު އުފެދިފައިވާ ސުވާލުތަކެކެވެ.
މީގެ އިތުރުން މިދިޔަ އަހަރުގެ ފަހުކޮޅު ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މީދޫއަށް ޒިޔާރަތްކުރެއްވި ދުވަސްވާރާއި ދިމާކޮށްވެސް ރައްޒާންވަނީ ޕީޕީއެމްގެ ހަރަކާތްތަކުން ގެއްލިފައެވެ. އެފަހަރުވެސް ރައްޒާން ޕީޕީއެމުން ވަކިވެ އިދިކޮޅު އެމްޑީޕީއާއި ގުޅެން އުޅޭ އަޑުތަކެއް ރަށުތެރޭގައި ފެތުރިގެން ދިޔައެވެ. އެއަށްފަހު މިދުވަސްވަރު ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ހަރަކާތްތަކުން ރައްޒާން ފެންނަމުންނުދާތީ އާއްމުންދަނީ
 އެކަމާއި ސުވާލު އުފައްދަމުންނެވެ. އޭގެއިތުރުން ސަރުކާރުން މީދޫގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތަކާއި ދެކޮޅަށްވެސް މީސްމީޑިޔާގައި ފަހަކަށް އައިސް ރައްޒާން އަންނަނީ ކޮމެންޓުކުރަމުންނެވެ.

މިކަމާއިގުޅޭގޮތުން މީދޫ ޓައިމްސްއަށް މައުލޫމާތުދެއްވަމުން ރައްޒާން ވިދާޅުވީ ޕާޓީގެ ހަރަކާތްތަކާއި ދުރުން ފެންނަނީ ޕާޓީ ތެރޭގައިވެސް ހިތްހަމަނުޖެހޭ ކަންތައްތަކެއް ހުރުމުން ކަމަށާއި  ޚާއްޞަގޮތެއްގައި އަނިޔާވެރިގޮތަކަށް މަރާލެވުނު ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރާއިމެދު ރާއްޖޭގެ  ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ވާހަކަފުޅުތަކެއް ނޫންކަމަށެވެ. 
މީގެ އިތުރުން އަނަސްގެ މަރަށް އިންސާފު ނުލިބި ލަސްވެގެން ދިޔުމަކީވެސް ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކުން ރައްޒާން ނުފެންނަ އެއްސަބަބުކަމަށްވެސް ރައްޒާން ފާހަގަކުރިއެވެ. 

ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކުން ދުރުގައި ހުންނެވި ނަމަވެސް އިދިކޮޅު އެމްޑީޕީއާއި ގުޅުމުގެ އެއްވެސް ވިސްނުމެއް
 އެއްވެސް އިރަކު ނުގެންގުޅުއްވާކަމަށްވެސް ރައްޒާން ވިދާޅުވިއެވެ. 

 މީދޫ ޓައިމްސްއަށް މައުލޫމާތުދެއްވަމުން ޕީޕީއެމްގެ މީދޫ ގޮފީގެ ކެމްޕެއިން އެޑްމިނިސްޓްރޭޓަރ ޢަލީ ޙަމީން ވިދާޅުވީ ރައްޒާންގެ އެވިސްނުންފުޅަކީ އޭނާގެ އަމިއްލަ ވިސްނުންފުޅު ކަމަށާއި ރައްޒާން ކައުންސިލްގެ ގޮނޑިއަށް އިންތިޚާބުވީ ޕީޕީއެމް މެމްބަރުންގެ މަސައްކަތުންކަމަށެވެ. ރައްޒާންގެ ފިކުރަކީ ޕީޕީއެމްގެ ފިކުރުކަމުގައި ބުނެ މަޤާމަށް ހޮވުމުން، ދިމާ އިދިކޮޅަށް މަސައްކަތްކުރައްވާތީ ހިތާމަކުރައްވާކަމަށްވެސް ހަމީން ފާހަގަކުރެއްވިއެވެ. ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުރެ ޕާޓީގެ ފިކުރާއިދެކޮޅަށް މަސައްކަތްކުރުމުން ރައްޒާނާއިމެދު ޕާޓީއިން އެއްވެސް ފިޔަވަޅެއް ނާޅަންތޯ ސުވާލުކުރުމުން ހަމީން ވިދާޅުވީ އަދި އެއްވެސް ފިޔަވަޅެއް އަޅަން ވިސްނާފައިނުވާކަމަށެވެ. 

ރައްޒާން ފާހަގަކުރެވިފައިވަނީ ކައުންސިލަށް ހޮވިވަޑައިގަތުމަށްފަހު ޒުވާނުންނާއި ގާތްގުޅުމެއް ބާއްވަވަމުންގެންދަވާ މެމްބަރެއްގެ ގޮތުގައެވެ. ރައްޒާން ޕީޕީއެމްއާއި ފެޔަށް ވަޑައިގެންފިނަމަ އެކަން ވެގެންދާނީ ޕީޕީއެމްއަށާއި މީދޫގެ ޒުވާނުންނަށްވެސް ލިބޭނެ ދެރައަކަށްކަން ޔަޤީނެވެ.
     
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
...