މި ހިތްގައިމު މަންޒަރުން ދައްކުވައިދެނީ އަޅާލުމާ އޯގާތެރިކަމުގެ ނަމޫނާއެއް!
ދިވެހިންނަކީ އަބަދުވެސް އެކަކު އަނެކަކަށް އަޅާލުމާއި އޯގާތެރިވެ އެހީތެރިވުމުގައި ނަމޫނާ ދައްކަމުން އަންނަ ބައެކެވެ. ޖެހިގެން ހުރި ގޭގެ ބަތްތެލީގެ ފޫ ކަހާލާ އަޑާއިއެކު އެގެއަށް ބަތް ގެންގޮސްދިނުމުން ފެށިގެން އެންމެ ބޮޑެތި ކަންތައް ކުރިމަތިވާއިރުވެސް އެކަކު އަނެކަކަށް އެހީވުމަކީ ދިވެހިންގެ ތެރޭގައި އަށަގަނެފައިވާ އެންމެ ރީތި އެއް އާދައެވެ.   މިއަދު ބޮޑުވަމުން އަންނަ ކުދިންގެ ކިބައިގައިވެސް އެކަކު އަނެކަކަށް އަޅާލުމާއި އޯގާތެރިކަމުގެ ރީތި ސިފަ އެކުލެވިފައިވާކަން މަތީގައި އެވާ މަންޒަރުން ވަރަށް ރަނގަޅަށް ސާބިތުކޮށްދެއެވެ. އެ ފޮޓޯއިން ފެނިގެން އެދަނީ އިއްޔެ ރ. އަތޮޅު ތަޢުލީމީ މަރުކަޒުން ފެނިގެންދިޔަ ހިތްގައިމު މަންޒަރެކެވެ.   ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 7 ގައި ކިޔަވަމުން އަންނަ ރައްޔާން މުހައްމަދަކީ ހިނގާ ބިނގާވެ އުޅުމުގެ ނަސީބު ލިބިފައިނުވާ ކުއްޖެއް ނަމަވެސް އެންމެ ދުވަހެއްވެސް ވައްޓާނުލާ ބަރާބަރަށް ސްކޫލަށް ގޮސް ރަނގަޅު ނަތީޖާއެއް ހޯދަމުން އަންނަ ދަރިވަރެކެވެ. ފޮޓޯއިން ފެނިގެން އެދަނީ ރައްޔާންއަށް އޭނާއަށް އެންމެ އަޅާލާ އޭނާގެ 'ބެސްޓް ފްރެންޑް' ސްކޫލްގެ ތެރޭގައި އެހީތެރިވަމުން އަންނަ މަންޒަރެވެ.   މި ފޮޓޯ މީސް މީޑިޔާއަށް ދޫކޮށްލުމާއިއެކު އެތައް ބަޔަކު އަންނަނީ މި ފޮޓޯއިން ފެންނަ ހިތްގައިމު މަންޒަރަށް ތަޢުރީފްކޮށް ރައްޔާން އަދި އޭނާގެ އެކުވެރި ޝާހީންއަށް ތަޢުރީފް ކުރަމުންނެވެ. އެންމެންވެސް ބުނަމުން އަންނަނީ މިއީ އަޅާލުމާއި އޯގާތެރިކަމުގެ ނަމޫނާއެއްކަމަށެވެ.   ރައްޔާންގެ މަންމަ ރަޝީދާ އަބްދުﷲ ބުނި ގޮތުގައި ޝާހިން އަކީ ހުރިހާ ކަމެއްގައިވެސް ރައީއަށް ވަރަށް އެހީތެރިވާ ކުއްޖެކެވެ. އަދި ޝާހިންގެ އެ އެހީތެރިކަމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށްވެސް ފޮޓޯއަށް ކޮމެންޓް ކުރަމުން ރައްޔާންގެ މަންމަ ބުނެފައިވެއެވެ.   ބޮޑުވަމުން އަންނަ ކުދިންގެ ކިބައިން މި ފަދަ ހިތްގައިމު މަންޒަރުތައް ފެންނަމުންދާކަމީ އަޅުގަނޑުމެންގެ މި މުޖުތަމަޢުގެ މުސްތަޤުބަލް އުޖާލާވާނެކަމުގެ އަލި ގަދަ ހެއްކެތްވެސްމެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...