ކުޑަކުދިންވެސް އަތިރިމަތި ސާފުކުރުމުގައި، ހިތްގައިމު މަންޒަރެއް!
  ދިވެހިންނަކީ ހިތްގައިމު ގޮނޑުދޮށްތަކެއްގެ އުފާ ދުނިޔޭގައި ލިބިފައިވާ މަދު ބައެއްގެ ތެރެއިން އެއް ބައެވެ. މި އަތިރިމަތި ރީތިކޮށް ސާފުކޮށް ބޭއްވުމަކީ ބަޔަކު މީހުން ކުނި އެޅި ނަމަވެސް ބައެއް ދިވެހިން ވަރަށް ކުރާ ހިތުން ކުރާކަމެއްކަން ފާހަގަކޮށްލެވެއެވެ. މާޒީގެ ތެރެއަށް ބަލައިލާއިރު މީދޫގެ އަތިރިމަތިތައް ސާފުކުރުމަކީ މާ އަހައްމިއްޔަތުކަން ދީގެން އެއްވެސް ބަޔަކު ކުރަމުން އައި ކަމެއް ނޫނެވެ.   އެހެންނަމަވެސް މިކަން ބަދަލުކޮށްލީ 'އެމް.ކޮކޯ' ގްރޫޕުން ހުޅަނގު ބޯޅަ ދަނޑާއި ދިމާ އަތިރިމަތި ސާފުކުރަން ފެށި ހިސާބުންނެވެ. އެ ގުރޫޕުގެ މަސައްކަތުން ދަސްވެނިވެ އުމުރުން ތޭރަ ސާދަ އަހަރުގެ ކުޑަކުދިންވެސް މިހާރު މީދޫގެ އަތިރިމަތި ރީތިކޮށް ސާފުކޮށް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަކަމީ ހިތައް ފިނިކަން ގެނެސްދޭކަމެކެވެ. މިއީ މުސްތަޤުބަލަށް އެޅިގެންދާ ވަރަށް ރަނގަޅު ބިންގަލެކެވެ.   ކޮންމެ ދުވަހަކުން އެކުދިން ސާފުކޮށް ބަލަހައްޓަމުން އަންނަ ސަރަހައްދަށް އެއްވެފައިވާ ކުނި އެކުދިން ނަގަމުން އަންނަނީ އެއީ ފަރުދީ ޒިންމާއެއްކަމުގައި ދެކި އުފަލާއިއެކުއެވެ. މަސައްކަތް ކުރަމުންދަނީ އަމިއްލަ ހިތްހަމަޖެހުމަށް މަސައްކަތް ކުރާ ހިތުންކަން އެ ކުދިން މަސައްކަތް ކުރިއަށް ގެންދާ ގޮތުން އެނގިގެންދެއެވެ.   މި ކުދިންނާއިއެކު މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ އުމުރުން 15 އަހަރުގެ ކުޑަކުއްޖަކު ބުނީ، މިކަމަކީ އެ ކުދިންނަށް އަމިއްލައަށް ފެނިގެން ވަރަށް ކުރާ ހިތުންކުރާ ކަމެއްކަމަށާއި އެކުދިންގެ އުއްމީދަކީ އަބަދުވެސް އެ ސަރަހައްދު ސާފުކޮށް ބޭއްވުން ކަމަށެވެ. ހަމައެއާއިއެކު އެ ސަރަހައްދަށް އެއްވެސް މީހަކު ކުނި ނޭޅުމަށްވެސް އެދިވަނީ އެންމެންގެ ކިބައިން އެދިފައެވެ.   'އެމް.ކޮކޯ' ގުރޫޕުގެ އިތުރުން މި ކުޑަކުދިން ކުރަމުންދާ މަސައްކަތަށްވެސް ބޭނުންވަނީ އާއްމުންގެ އެއްބާރުލުމެވެ. ރީތިކޮށް ބަލަހައްޓަމުން އަންނަ މި ސަރަހައްދުން އެ ގޮތުގައި ހުންނަނީ އެންމެންވެސް މިކަމަށް އެއްބާރުލުންދީ ސުޕާރި ކޮތަޅުން ފެށިގެން ޕްލާސްޓިކް ފުޅިކަހަލަ އެއްވެސް ޒާތެއްގެ ކުންޏެއް އެ ސަރަހައްދަށް އަދި އެހެނިހެން ސަރަހައްދުތަކަށްވެސް އެޅުން ހުއްޓުވައިގެންނެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...