މީދޫ ޖަމުޢިއްޔަތުއް ޞަލާހުގެ "މީދޫގެ ތަރި" ގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
  މީދޫ ޖަމުޢިއްޔަތުއް ޞަލާހުން ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާއި ދިމާކޮށް ބާއްވަމުން އަންނަ "މީދޫގެ ތަރި" ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އެ ޖަމުޢިއްޔާއިން އާއްމުކޮށް ހުޅުވާލައިފިއެވެ.   ޖަމުޢިއްޔަތުއް ޞަލާހުން ނެރެފައިވާ އިޢުލާނުގައިވާ ގޮތުން މީދޫއަށް ނިސްބަތްވާ އުމުރުން 13 އަހަރުން މަތީގެ ކޮންމެ ފަރާތަކަށްވެސް މި މުބާރާތުގައި ބައިވެރިވެވޭނެއެވެ. މީގެ އިތުރުން މުބާރާތުގެ ޝައުޤުވެރިކަން އިތުރުކޮށް ވާދަވެރިވި މުބާރާތަކަށް ހެދުމަށާއި މުބާރާތުގައި ބައިވެރިވާ ބައިވެރިންގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން މުބާރާތް ފެށުމުގެ ކުރިން ތަމްރީން ޕްރޮގްރާމްތަކެއް މިއަހަރު ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވާކަމަށްވެސް އިޢުލާނުގައިވެއެވެ.   މީދޫ ޖަމުޢިއްޔަތުއް ޞަލާހުން މަޢުލޫމާތު ދެއްވި ގޮތުގައި މިއަހަރު މުބާރާތަށް ނަންނޯޓު ކުރުމުގެ ފުރުޞަތު އަހަރުގެ ކުރީކޮޅު ހުޅުވާލީ ކުރިއަށް އޮތް ދުވަސްތަކުގައި ބައިވެރިން ޤުރުއާން ހިތުދަސްކުރާ މިންވަރު ޖަމުޢިއްޔާއިން ބެލުމަށްޓަކާކަމަށެވެ. މިކަން މި ގޮތަށް ކުރަން ނިންމީ ބައިވެރިންގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށްކަމަށްވެސް ޖަމުޢިއްޔާއިން މަޢުލޫމާތުދެއްވިއެވެ.   މި މުބާރާތުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ހިނގާ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން 7992844 ނަމްބަރު ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކޮށް ނަން ނޯޓު ކުރުމަށް އެ ޖަމުޢިއްޔާއިން އެދިލައްވައެވެ.       މީދޫގެ ތަރި މުބާރާތަކީ މީދޫގައި މިހާތަނަށް ބާއްވަމުން އަންނަ އެންމެ އަގުބޮޑު އަދި ފެންވަރު ރަނގަޅު ޤުރުއާން މުބާރާތްކަން ފާހަގަކޮށްލެވެއެވެ. މި މުބާރާތުގެ އެއް ވަނަ އަށް 2018 ވަނަ އަހަރު ހޮވުނު ބައިވެރިޔާއަށް ސުރިއްޔާ ފައުންޑޭޝަންގެ ފަރާތުންވަނީ އުމްރާ ދަތުރެއް ދެއްވާފައެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...