މީދޫއިން ގިނަ އަދަދެއްގެ ޕީޕީއެމް މެމްބަރުން ޕީއެންސީއަށް!
ރައީސް ޔާމީނަށް ތާއީދުކުރައްވާ ފަރާތްތަކުން އަލަށް އުފައްދާ ސިޔާސީ ޕާރޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ރ. މީދޫގެ ޕީޕީއެމްގެ ގިނަ އަދަދެއްގެ މެމްބަރުން ސޮއިކޮށްފިއެވެ.    ރައީސް ޔާމީންގެ ފަރާތްޕުޅުން ޕީއެންސީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަހީމް ޢަބްދުﷲ އެވެ.    ޕީޕީއެމްގެ ކުރިމަގާމެދު ގޮތެއް ނުނިމި ލަސްވަމުންދާތީ އުފައްދާ ޕީއެންސީ ރަޖިސްޓަރީކުރުމަށް ބޭނުންވާ 3000 މީހުންގެ ސޮއި ހޯދުމުގެ މަސައްކަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްވެ ކުރަމުންދަނީ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާނެކަން ކުރިން އިއުލާނުކޮށްފައިވާ ފަރާތްތަކުންނެވެ.    އެގޮތުން މަޑުއްވަރީ ދާއިރާގައި ޕީއެންސީއަށް މެމްބަރުން ވެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދަނީ މަޑުއްވަރީ ދާއިރާއަށް ކުރިމަތިލާނެކަން އިއުލާނުކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރާއި ޕީއެސްއެމްގެ ޕްރެޒެންޓަރ މުޙައްމަދު ޞާދިޤެވެ. މީދޫ ޓައިމްސްއަށް މައުލޫމާތުދެއްވަމުން އާދަމް ޝަރީފް ޢުމަރު ވިދާޅުވީ މީދޫއިން މިހާތަނަށް 200 އަށްވުރެ ގިނަ ޕީޕީއެމް މެމްބަރުން ޕީއެންސީއަށް ބަދަލުވުމަށް ސޮއިކޮށްފައިވާކަމަށެވެ. މަޑުއްވަރީއިންވެސް 200 އަށްވުރެ ގިނަ ފަރާތްތަކުން ޕީއެންސީއަށް ބަދަލުވެފައިވާކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ. މިއީ ހަމައެކަނި އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކުން ކުރި މަސައްކަތުން ޕީއެންސީއަށް ބަދަލުވި މެމްބަރުންކަންވެސް އާދަމް ޝަރީފު ފާހަގަކުރެއްވިއެވެ.    މުޙައްމަދު ޞާދިޤަށް ތާއީދުކުރައްވާ ފަރާތްތަކުންވެސް ޕީއެންސީއަށް މެމްބަރުންވެއްދުމުގެ މަސައްކަތް ވަރަށް ފޯރިއާއެކު ކުރިއަށް ގެންދިޔަކަން ފާހަގަކޮށްލެވެއެވެ. ޞާދިޤުގެ ފަރާތުން މީދޫ ޓައިމްސްއަަށް މައުލޫމާތުދެއްވަމުން އިސްމާއީލް އަޒުހަރު ބުނީ މަޑުއްވަރީއިން އެކަނިވެސް 180 ފަރާތަކުން މިހާތަނަށް ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައިވާކަމަށެވެ.    ޕީއެންސީ ރަޖިސްޓަރީކުރުމަށް މާދަމާ އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާނެކަމަށްބެލެވެއެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...