އެމް.ކޯކޯ ބީޗް، ހަޑި އަތިރިމައްޗަކުން ހިތްގައިމު ޕިކްނިކް މަންޒިލަކަށް!
މާޒީގެ ތެރެއަށް ބަލައިލާނަމަ ވާހަކަ މިދައްކާ 'އެމް.ކޮކޯ ބީޗް' ނުވަތަ ހުޅަނގު ބޯޅަ ދަނޑާއި ދިމާ އަތިރިމައްޗަކީ ދޯނި އެހެލާ އެ މަސައްކަތުގެ ސަބަބުން ހަޑިވެފައިވާ ސަރައްހަދެކެވެ. ދޯންޏަކަށްފަހު ދޯންޏެއް އެހެލުމަށްފަހު އެ ސަރަހައްދު ސާފުނުކޮށް ދޫކޮށްލުމަކީ އޭރު އާއްމު ކަމެކެވެ.   އެހެންނަމަވެސް މިއީ މިއަދު މާޒީއެވެ. މިއަދު އެއީ މީދޫގައި އޮތް އެންމެ ހިތްގައިމު އެންމެ މަންޒިލެވެ. ކުދި އާއިލާތަކާއި ކުދިބޮޑު އެންމެންވެސް ރަށުގެ ސަރަހައްދަކަށް ޕިކްނިކްދާނަމަ އެންމެ ފުރަތަމަ ޙިޔާރު ކުރާނެ މަންޒިލަށް މިއަދު މި ބީޗްވެފައިވަނީ ބައެއްގެ ބުރަ މަސައްކަތާއިއެކުއެވެ.   'މަރަށްތެޅޭ'ގެ ނަމުގައި ރަށަށް މަޝްހޫރުވި، ފަހުން 'އެމް.ކޮކޯ' ގެ ނަމުގައި މި އަތިރިމަތި ސާފުކުރަމުން އަންނަ ވޮލިއިންޓިއަރ ގުރޫޕްގެ ބުރަ މަސައްކަތެވެ. އެ ގުރޫޕުން މި މަސައްކަތް ކުރަނީ އަމިއްލަ ހިތްހަމަ ޖެހުމަށް، މާ ބޮޑު ފާއިދާއެއް ލިބޭތީއެއް ނޫނެވެ.   ކޮންމެ ރަށެއްގައިވެސް ޕިކްނިކް ދާނެ ސަރައްހަދެއް ކަނޑައެޅުމަށް ރައީސް ސޯލިހް ނިންމަވާފައިވާއިރު މީދޫގެ ޕިކްނިކްދާ ސަރަހައްދެއްގެ ގޮތުގައި އެމް.ކޮކޯ ބީޗް ކަނޑައެޅުމަކީވެސް މިއަދު ގިނަ ވިސްނުންތަކަކަށް ނުގޮސް ނިންމަން ރަނގަޅު ނިންމުމެކެވެ.   ޕިކްނިކް އަންނަ ފަރާތްތަކަށް އެމް.ކޮކޯގެ ފަރާތުން އެދެނީ ތަން ސާފުކޮށް ބޭއްވުމަށް އެންމެންވެސް މަސައްކަތްކޮށްދިނުމެވެ. އެގޮތުން އެމް.ކޮކޯގައި އިސްކޮށް އުޅޭ އަބްދުﷲ ރަޝީދު ބުނީ، ތަނުގެ ބޭނުން ހެޔޮ ގޮތުގައި ބޭނުން ކުރެވޭނީ އެންމެންގެވެސް އެހީތެރިކަމާއި އެއްބާރުލުން ލިބިގެންކަމަށެވެ. އެހެންކަމުން ތަން ސާފުކޮށް ބޭއްވުމަށް އެންމެންވެސް އަހައްމިއްޔަތުކަން ދިނުމަށް އެދޭކަމަށް އަބްދުﷲ ރަޝީދު ބުންޏެވެ.   މިފަދަ ހިތްގައިމު ތަނެއް ހިތްގައިމުކަންމަތީ އަބަދަށް ބޭއްވޭނީ އެންމެންގެވެސް މަސައްކަތާއިއެކުއެވެ. ތަން ރީތިކޮށް ބޭއްވުމަކީ އެންމެންނަށްވެސް އޭގެން ފައިދާކުރާނެކަމެއްކަން ޔަގީނެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...