އާދަމް ޝަރީފަކީ މީދުއަށް ނުއުފަންނަ މީދޫ ދަރިއެއް!
ކުރީގެ ޑިފެންސް މިނިސްޓަރ އޮނަރަބަލް އާދަމް ޝަރީފު ޢުމަރު، މަޑުއްވަރީ ދާއިރާއަށް ކުރިމަތި ލައްވާނެކަން އިޢުލާން ކުރެއްވުމާއެކު އެމަނިކުފާނާއި، މިދާއިރާއާ ހުރި ގުޅުމާބެހޭގޮތުން ބައެއް މީހުން ދަނީ ސުވާލު ކުރަމުންނެވެ. އެމަނިކުފާނަކީ ރ.އަތޮޅު ފައިނަށް އުފަން ބޭފުޅެކެވެ.   ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވުމަށް، ޤާނޫނުއަސާސީގައި ބަޔާންކުރާ ޝަރުތުތަކުގެތެރޭގައި ކުރިމަތިލާ މީހަކީ ދާއިރާގެ ރައްވެއްސަކަށްވުން ލާޒިމު ނުވިޔަސް، އެ އެމީހެއްގެ ފިކުރާ ދިމާނުވާ މީހަކު ދާއިރާއަށް ކުރިމަތިލާނަމަ އެސުވާލު ކުރަމުން އެބަދެއެވެ.   އެގޮތުން، މަޑުއްވަރީ ދާއިރާއަށް ޝަރީފު ކުރިމަތި ލައްވާތީވެ، އެމަނިކުފާނާއި މި ދާއިރާއާ ހުރި ގުޅުމާބެހޭގޮތުން ކުރެވޭ އެ ސުވާލަށް މީދޫގެ އިސް ރައްވެހިންނާއި ހަރުކުލައިގެ ގިނަ މީހުން ދެނީ ވަރަށް ތަފާތު ޖަވާބެކެވެ. ގިނަ ބަޔަކު ބުނަނީ "ޝަރީފަކީ މީދުއަށް ނުއުފަންނަ މީދޫ ދަރިއެއް" ކަމަށެވެ.   ޝަރީފުގެ ތަޢުލީމީ ޙަޔާތް ފެށުނީ މީދޫގެ ރައްޔިތުން ހިންގި މަދަރުސަތުއްނޫރުންނެވެ. އޭރު މަދަރުސާ ހިންގުމާ ޙަވަލުވެ ހުންނެވީ މ. ލިޔާގޭ އަލްމަރުޙޫމް އަޙުމަދު މުޙައްމަދެވެ. މިހާރުގެ ކައުންސިލްގެ ރައީސް ޙުސައިން ޢަފީފާއި ދޭލިޔާގޭ ޢަބުދުﷲ ކަމާލަކީ އާދަމް ޝަރީފުގެ މުދައްރިސުންނެވެ. ޝަހީދު ޑރ. އަފުރާޝީމް ޢަލީ އާއި މީދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާ، ފީރޯޒުގެ މުޙައްމަދު ޢަލީއާއި ފެންފިޔާޒުގެ ޢަބުދުލް މުޙުސިނަކީ ޝަރީފާއިއެކުގައި ތަޢުލީމު ޙާޞިލުކުރި ދަރިވަރުންނެވެ. އެ ދުވަސްވަރު ސްކޫލްގެ ޕްރިފެކްޓް ކަމާއި އިންސްޕެކްޓަރކަން ވެސް ކުރެއްވިއެވެ. ސަފު ހަދައިގެން މަދަރުސާ ކުދިން ނަމާދަށް ގެންދާއިރު، ކުދިންގެ ސަފުތައް ބެލެހެއްޓުމުގައި މަދަރުސާއިން ނަގާފައިތިބޭ އިސް ވަރިވަރުންގެ ތެރޭގައި އޭނާ ހިމެނުނެވެ. ރާއްޖެއަށް ކޮލެރާ ފެތުރުނު ދުވަސްވަރު ވެސް ޝަރީފު ހުންނެވީ މީދޫގައެވެ.   އެންމެ ފުރަތަމަ ޝަރީފު ކިޔަވަން ހުރީ މީދޫ ފެންފިޔާޒުގޭގައެވެ. އެގޭ ފާތުމާމަނިކެ ދައިތައަކީ ޝަރީފާއި ތިމާގެ، ފައިނު މީހެކެވެ. ދެވަނައަށް މީދުއަށް ކިޔަވަން އައިސް ހުރީ ބުލްބުލްގޭގައެވެ. އެގޭ ކަތްދަދައިތައަކީވެސް ފައިނު މީހެކެވެ. މީދޫގައި ޝަރީފު ކިޔަވަން ހުރި ދުވަސްވަރަކީ ރަށުގައި އެއްގޮތަކަށްވެސް ކަރަންޓް އޮތް ޒަމާނެއް ނޫނެވެ. ދެނަމާދު ދޭތެރޭގައި ޔާސީން ސޫރަތް ކިޔަވަނީ އަދި ރޭގަނޑު އިޝާ ނަމާދަށްފަހު ފިލާވަޅު ދަސްކޮށް، ހޯމްވަރކް ހަދަނީ އަތްބައްތި ދިއްލައިގެންނެވެ.   ތިންވަނަ ފަހަރަށް ޝަރީފު މީދުއަށް ވަޑައިގަތީ 1983 ވަނަ އަހަރު ރ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީޗަރެއްގެ ގޮތުގައެވެ. ޓީޗަރެއްގެގޮތުގައި 2 އަހަރު ދުވަހު މީދުއަށް ޚިދުމަތް ކުރެއްވިއެވެ. އެ މުއްދަތުގެ ތެރޭގައި ދަރިވަރުންނާއެކުގައި ދަރިވަރުންގެ ޖަމިއްޔާ ހިންގުމާއި ތަޢުލީމީ މަރުކަޒުން ނެރުނު ފާރު ނޫސް ނެރުއްވުމުގައި ދަރިވަރުންނާ ވަރަށް ގުޅިގެން މަސައްކަތް ކުރެއްވިއެވެ. ތަޢުލީމީ މަރުކަޒުގެ ކާނި ހައުސްގެ މުރުޝިދަކީ ވެސް ޝަރީފެވެ. މީގެ އިތުރުން ދަރިވަރުންނަށް ސަޤާފީ ކަންކަން ދަސްކޮށްދެއްވުމުގައި ރަށުގެ އިސްބޭކަލުންގެ އެހީތެރިކަން ހޯއްދަވައިގެން ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އެ ދުވަސްވަރު ތަޢުލީމު ޙާޞިލުކުރި ގިނަ ދަރިވަރުންނަކީ މިއަދު ހަރުދަނާ ޒުވާނުންނެވެ. މޮޅު ޓީޗަރުންނެވެ. ކާމިޔާބު ޕްރިންސިޕަލުންނެވެ. ފައިނު ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ވަސީމަކީ އެ ދުވަސްވަރުގެ އިސް ދަރިވަރެކެވެ.   ހަތަރުވަނައަށް ޝަރީފު މީދުއަށް ވަޑައިގެންނެވީ 1993 ވަނަ އަހަރު އިނގިރޭސި ވިލާތުގެ ބޭފުޅެއްކަމުގައިވާ ޖެފްރީ ޑިކްޝަންއާއި އެކުގައެވެ. އެފަހަރު ވަޑައިގަތީ މުދައްރިސުން ތަމްރީނު ކުރުމާއި ބެލެނިވެރިން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއް އަތޮޅުގައި ހިންގަވާށެވެ. އަތޮޅުގެ އެކިރަށްރަށުގައި މުދައްރިސުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ހިންގެވިއިރު، މަރުކަޒަކަށް ހެއްދެވީ ރ.އަތޮޅު ތަޢުލީމީ މަރުކަޒެވެ. އެ ދަތުރަށްފަހު ޝަރީފުގެ މަޤުބޫލުކަން މުޅި އަތޮޅުގައި އިތުރުވިއެވެ. އަތޮޅުގެ ތަޢުލީމީ ކަންކަން ތަރައްޤީ ކުރެއްވުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާތީއެވެ.   ފަސްވަނައަށް މީދުއަށް ވަޑައިގަތީ 1995 ވަނަ އަހަރުއެވެ. އެފަހަރުވެސް ވަޑައިގަތީ މުޅި އަތޮޅަށް ޚާއްޞަކޮށްގެން މުދައްރިސުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ހިންގަވާށެވެ. ކުރީ ފަހަރާ ޚިލާފަށް މިފަހަރު މީދުއަށް ވަޑައިގަތީ މުޅި އާއިލާއާއެކުގައެވެ. މީދޫގައި ދިރިއުޅުމަށެވެ. ޝަރީފުގެ ދަރިކަލުން ފާތުމަތު ނިޝާނާއާއި މުޙައްމަދު ޝިފާނާއި އަޙުމަދު ސިނާނާއި އިސްމާޢީލް އަރީޝް ގޮވައިގެންނެވެ. އެހެންކަމުން އެކުދިންގެ ކިޔެވުމުގެ ބިންގާ އެޅުނީވެސް ރ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. ނިޝާނާ، ގްރޭޑް 7 ފުރިހަމަކުރީ އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އެ ފަހަރު ވަރަށް ގިނަ ދުވަހު ކުދިން ގޮވައިގެން މީދޫގައި ދިރިއުޅުނެވެ. މިދެންނެވި ދުވަސްތަކުގައި ޝަރީފު ވަނީ މީދޫގެ ރައްޔިތުންނާ ވަރަށް ގާތް ގުޅުމެއް ބާއްވާފައެވެ.   1993 ގައި ރ.އަތޮޅުގައި ހިންގަން ފެށި މުދައްރިސުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ހިންގަމުންދިޔައިރު މަޑުއްވަރީގައި ވެސް މަސައްކަތް ކުރެއްވިއެވެ. އެދުވަސްވަރަކީ މިހާރާ ޚިލާފަށް މަޑުއްވަރީ ސްކޫލްގެ ޙާލަތު ނިސްބަތުން ދަށް ދުވަސްވަރެކެވެ. މަދު ފަހަރަކު ނޫނީ މަޑުއްވަރީ ސްކޫލްގައި ޕްރިންސިޕަލަކު ހަރެއް ނުލައެވެ. ބެލެނިވެރިންގެ ކަންބޮޑުވުން އިންތިހާއަށް އެ ދުވަސްވަރު އޮތެވެ. މަޑުއްވަރީ ސްކޫލްގެ އެހާލަތު ބަދަލު ކުރުމަށް އެދުވަސްވަރު އެކިފަހަރުމަތިން ޝަރީފު މަޑުއްވަރީއަށް ގޮސް އެރަށުގައި ހުރެގެން، ރަށު އޮފީހާއި ސްކޫލްގެ ޓީޗަރުންނާއި ބެލެނިވެރިންނާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ.   ޝަރީފަކީ ރ. އަތޮޅަށް ވަރަށް ގިނަ ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. މަޑުއްވަރީ ދާއިރާއާ ނުހަނު ގުޅުން އޮތް ބޭފުޅެކެވެ. ދާއިރާގެ ވަރަށް ގިނަ ޒުވާނުންގެ ޓީޗަރެކެވެ. ވަރަށް ގިނަ ޓީޗަރުންގެ ޓީޗަރ އެޑިޔުކޭޓަރެކެވެ. މިހުރިހާ ސަބަބުތަކާހެދި މީދޫގެ ގިނަ ބަޔަކު ޤަބޫލުކުރާގޮތުގައި "ޝަރީފަކީ މީދުއަށް ނުއުފަންނަ މީދޫ ދަރިއެކެވެ". މިދާއިރާގެ މީހެކެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...