ސުނާމީގެ ބިރުވެރި ދުވަހު ރ. އަތޮޅުގެ ރައްޔިތުން ދައްކުވަދިނީ އެއްބައިވަންތަކަމުގެ ނަމޫނާއެއް!
2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހަކީ ރާއްޖޭގެ ތާރީޚުގައި ބޮޑު އަކުރުން ލިޔެވިގެން ގޮސްފައިވާ ދުވަހެކެވެ. ދިވެހިންނާއި ދުވަހަކުވެސް ކުރިމަތިވެފައި ނުވާ ފަދަ ބިރުވެރި ހާދިޘާއަކާއި ދިވެހިން ކުރިމަތިލީ ބިރުވެރި ދުވަހެކެވެ. އެދުވަހުގެ ފަތިހު އޭޝިއާއަށް އައި ބާރުގަދަ ބިންހެލުމާއިއެކު އެރި ސުނާމީގެ ބޮޑެތި ރާޅުތަކުގައި އެތަކެއް ދިވެހިންނެއް ހާލުގައި ޖެހިގެންދިޔައެވެ.   މީގެ ތެރެއިން އެންމެ ބޮޑަށް ހާލުޖެހިގެންދިޔަ އެއް ބަޔަކީ ރ. އަތޮޅު ކަނދޮޅުދޫގައި ދިރިއުޅެމުން އައި ރައްޔިތުންނެވެ. 12 ފޫޓުގެ އުސް ރާޅެއް އަރާ މުޅި ކަނދޮޅޫ ފެނުގެ އަޑިއަށް ދުއްވާލިއެވެ. އެރި ބޮޑު ރާޅާއިއެކު މުޅި ކަނދޮޅުދޫ ސުންނާފަތިކޮށްލިއެވެ. އުމުރު ދުވަހުގެ މަސައްކަތުން އެޅި ގެދޮރު ވީރާނާވެގެންދިޔައީ ލޮލު ކުރިމަތީގައެވެ. ހަނދާނެ އެއްވެސް ގޮތެއްނެތި ކަނދޮޅުދޫގެ ރައްޔިތުން އެދުވަހުގެ ހަވީރު ވަންދެން ތިބެން ޖެހުނީ މިސްކިތުގައެވެ.   އެއަށްފަހު ހިތްހަމަޖެހުމެއް ލިބިގެންދިޔައީ ކަނދޮޅުދޫގައި ހާލުގައި ޖެހިފައިވާ ރައްޔިތުން ބަލައި އަތޮޅުގެ އެހެން ރަށްތަކުން މީހުން އަންނަ ފެށުމާއިއެކުގައެވެ. ރ. އަތޮޅު މީދޫ، މަޑުއްވަރީ، އުނގޫފާރު، އަލިފުށި އަދި ހުޅުދުއްފާރުންވެސް ކަނދޮޅުދޫގައި ތިބި އަޚުންނާއި އުޚުތުން ބަލައި ދޯނި ފަހަރުތަކުގައި ކަނދޮޅުދޫއަށް ދިޔައެވެ. އެހާ ހިސާބުން ކަނދޮޅުދޫގައި ދިރިއުޅެމުން އައި ރައްޔިތުން އަތޮޅުގެ އެކި ރަށްރަށް ބެހިގެންދިޔައެވެ.   ހާލުގައި ޖެހިފައިވާ ކަނދޮޅުދޫގެ ރައްޔިތުންނަށް އެހީވުމަށް އެ ދުވަހު ރ. އަތޮޅުގެ ރަށްތަކުގެ ރައްޔިތުންގެ ފަރާތުން ފެނިގެންދިޔަ އެއްބައިވަންތަކަމާއި އަޚުވަންތަކަމުގެ ނަމޫނާ މިސާލެކެވެ. އަމިއްލަ އެނދުތަންމަތީގައި އެކުވެރި ކަނދޮޅުދޫގެ ރައްޔިތުންނަށް ވަގުތީ ބޯހިޔާވަހިކަމެއް ލިބެންދެން ނިންދެވި ހަނދާން އަދިވެސް ދުވާފަރު ރައްޔިތުން ހުންނާނެކަމީ ޝައްކެތް ވެސް ނެތް ކަމަކެވެ.   މިއަދު ދުވާފަރުގައި ކުރިއަށްދިޔަ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ދުވާފަރު ކައުންސިލްގެ ރައީސްގެ ވާހަކަފުޅުގައިވެސް އަތޮޅުގެ މި ރަށްތަކުން ލިބިގެންދިޔަ އެހީތެރިކަމުގެ މައްޗަށްވަނީ އަލި އަޅުވާލައްވާފައެވެ. ހަމައެއާއިއެކު ފަސް ރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދުވާފަރުގެ ރައްޔިތުންގެ ފަރާތުން ހަނދާނީ ފިލައެއްވެސް ވަނީ އަރުވާފައެވެ.   މިއަދުވެސް އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންނާއި ދުވާފަރު ރައްޔިތުން ގެ މެދުގައި މި އޮންނަ ގާތްގުޅުމުގެ ސިއްރަކީ އެ ދުވަހު އަތޮޅުގެ ރައްޔިތުންގެ ފަރާތުން ލިބިގެން ދިޔަ އެއްބާރުލުންކަމާއި މެދު އެއްވެސް ޝައްކެތްނެތެވެ. ރ. އަތޮޅުގެ ރައްޔިތުންނަކީ އެއްބައެއްވަންތަ އަޙުވަންތަބައެއްކަން ސުނާމީގެ ބިރުވެރި ހާދިޘާ ކުރިމަތިވި ހިނދު ރައްޔިތުންވަނީ ސާބިތުކޮށްދީފައެވެ.   މި އެކުވެރިކަން މަތީގައި އަބަދުމެ ތިބެއްޖެނަމަ އަތޮޅަށާއި އަތޮޅުގެ ރަށްތަކަށް އަންނަ ކުރިއެރުން އިތުރުވެގެންދާނެކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ. ރ. އަތޮޅުގެ ރައްޔިތުންނަކީ އަޙުވަންތަބައެއް ކަމުގައި އަބަދުވެސް ލައްވާށި. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...