ކަނދޮޅުދޫ ލޮލަށް ނުފެންނަ ކުޑަ ކުއްޖާގެ ރަޖިސްޓްރީވެސް ކަނދޮޅުދޫގައި!
2004 ވަނަ އަހަރު ދިމާވި ސުނާމީ ކާރިޘާގައި އެންމެ ބޮޑު ގެއްލުމެއް ލިބިގެންދިޔަ އެއް ރަށަކީ ރ. ކަނދޮޅުދޫގައި ދިރިއުޅެމުން އައި ރައްޔިތުންކަމާއިމެދު އެއްވެސް ޝައްކެތްނެތެވެ. އެ ދުވަހުގެ ސުނާމީ އާއިއެކު ކަނދޮޅުދޫ ރައްޔިތުންނަށް އަމިއްލަ އުފަން ބިމުގައި ދެން ނޫޅެވޭ ވަރަށް ކަނދޮޅުދޫ ހަލާކުވެގެން ދިޔައެވެ. އެހެންކަމުން އެ ދުވަހުން އެދުވަހަށް ކަނދޮޅުދޫގެ ރައްޔިތުން ރ. އަތޮޅުގެ އެކި ރަށްތަކަށް ދިރިއުޅުން ބަދަލުކުރަން މަޖުބޫރިވިއެވެ.   މި ގޮތުގައި އެކި ރަށްތަކުގައި ދިރިއުޅުމަށްފަހު ކަނދޮޅުދޫ ރައްޔިތުން އެނބުރި އެއް ފަސްގަނޑަކަށް ބަދަލުވެގެންދިޔައީ 4 އަހަރު ފަހުން 2008 ވަނަ އަހަރުއެވެ. އެގޮތުން ކަނދޮޅުދޫ ރައްޔިތުން ބަދަލުކުރީ އަލަށް އާބާދުކުރި ރ. ދުވާފަރަށްށެވެ. މިއަދު ދުވާފަރުގައި ރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަމުން އަންނައިރު ކަނދޮޅުދޫ ރައްޔިތުން ދުވާފަރަށް އާބާދުކުރިތާ މިހާރު 10 އަހަރު ފުރިއްޖެއެވެ.   އެހެންނަމަވެސް، އަދިވެސް ދުވާފަރުގައި ދިރިއުޅެމުން އަންނަ ކަނދޮޅުދޫގެ ރައްޔިތުން ދިރިއުޅެމުން އަންނަނީ އުނދަގޫ ހާލަތެއްގައެވެ. އަދި އަދަށް ދާންދެންވެސް ކަނދޮޅުދޫ ލޮލަށްވެސް ނުފެންނަ ތުއްތު ކުއްޖާވެސް ރަޖިސްޓްރީ ކުރަމުން އަންނަނީ ފަޅުވެފައިވާ ކަނދޮޅުދޫއަށެވެ. ދުވާފަރު ރައްޔިތުންނަށް އެ ރައްޔިތުންނަކީ 'ރެފިއުޖީން'ގެ ގޮތުގައި އިޙުސާސްވާ ކަހަލައެވެ.   ރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ދުވާފަރު ކައުންސިލްގެ ރައީސްގެ ވާހަކަފުޅުގައި މިކަމުގެ ދަތިކަމުގެ މައްޗަށް އަލިއަޅުވާލާ މިކަން ހައްލުކޮށްދެއްވުމަށް ރާއްޖޭގެ ރައީސުލް ޖުމުޙޫރިއްޔާގެ އަރިހުގައިވަނީ ދަންނަވާފައެވެ. ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި މިކަމުގެ ސަބަބުން އިޖުތިމާޢީ ގޮތުންނާއި ޤާނޫނީ ގޮތުންވެސް ބޮޑެތި ގޮންޖެހުންތަކެއް އަންނަނީ ދިމާވަމުންނެވެ.   ދުވާފަރު ރައްޔިތުންގެ އުއްމީދަކީ ވީހާވެސް އަވަހަށް އެ ރައްޔިތުންނަކީ ދުވާފަރަށް ނިސްބަތްވާ ރައްޔިތުންތަކެއްގެ ގޮތުގައި ރަޖިސްޓްރީ ވެގެންދިޔުމެވެ.     ފޮޓޯ: މުހައްމަދު ކިޑޫ
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...