ކައުންސިލަށް ދޮޅު އަހަރު، ތަސައްވުރު ކުރިކަންތަކުން ހާޞިލްވީ ކިހާ މިންވަރެއް؟!
 މިހާރު ހިނގަމުން މިދާ މީދޫ ކައުންސިލްގެ ތިން ވަނަ ދައުރުގެ ކައުންސިލް މެމްބަރުން މަޤާމާއި ހަވާލުވެޑައިގެންނެވިތާ 1 އަހަރާއި ހަ މަސް މި ހިނގާ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ވަނީ ފުރިގެން ގޮސްފައެވެ. މި ކައުންސިލްގެ ބާކީ ދެން އޮތީވެސް 1 އަހަރާއި 6 މަސް ދުވަހެވެ.   ރައްޔިތުންގެ ފޮނި އުއްމީދުތަކަކާއިއެކު ވަރުގަދަ ތަސައްވުރަކާއިއެކު ކައުންސިލް މެމްބަރުކަމާއި ހަވާލުވެވަޑައިގެންނެވި ޕީ.ޕީ.އެމްގެ ތިން ކައުންސިލް މެމްބަރުން މަޤާމާއި ހަވާލުވެވަޑައިގެންނެވިތާ ދޮޅު އަހަރުވީއިރު ތަސައްވުރު ކުރި ކަންތައްތަކުގެ ތެރެއިން ހާސިލްވީ ކިތައް ކަންތައްބާވައެވެ.   ކެމްޕެއިން ދުވަސްވަރު މި ތިން މެމްބަރުންނާއި އަތޮޅު ކައުންސިލްގައި މަޑުއްވަރީ ދާއިރާ ތަމްސީލް ކުރައްވާ މެމްބަރު އެކުގައި ފުރިހަމަ ކުރުމަށް ބޮޑު 10 ތަސުއްވުރެއްވަނީ ތައްޔާރުކޮށްފައެވެ. މި މެމްބަރުން މަޤާމަށް އިންޠިހާބުވެ ވަޑައިގެންނެވީ މި ބޮޑެތި ތަސައްވުރުތައް ހިމެނޭ މެނިފެސްޓޯ ރައްޔިތުންނަށް ވިއްކައިގެންނެވެ..   އެ މެމްބަރުން ކެމްޕެއިން ދުވަސްވަރު ކުރެއްވި ތަސައްވުރުގައި ހިމެނޭ ކަންތައްތަކަށް ބަލައިލަމާ ހިނގާށެވެ. އޭގެ ތެރެއިން އެއް ކަމަކީ ތަޢުލީމީ ގޮތުން އިތުރު ފުރުސަތުތަކެއް ހޯދައިދިނުމުގެ ގޮތުން ޔުނިވާސިޓީގެ ކެމްޕަހެއް ޤާއިމް ކުރުމެވެ. ދޮޅު އަހަރު ވެގެންދިޔައިރު މިކަން ހާސިލްވެފައެއް ނުވެއެވެ. އޭގެ ބަދަލުގައި ފެނިގެން ދިޔައީ ކުރީ ކައުންސިލުން ފެށި މާސްޓާސް އޮފް އެޑިއުކޭޝަން ކޯހުގެ ފުރަތަމަ ބެޗު ނިމުމާއިއެކު ކޯސް ހުއްޓާލެވުނު މަންޒަރެވެ.   ދެ ވަނަ ކަމަކީ، ބިމުގެ ދަތިކަން ހައްލުކުރުމަށް ބިން ހިއްކުމެވެ. މި ކައުންސިލް މެމްބަރުން މަޤާމާއި ހަވާލުވެވަޑައިގެންނެވި ފަހުން ދެ ބަޖެޓެއް ފާސްކުރެވުނު އިރުވެސް މި މަޝްރޫޢުއެއް ބަޖެޓުގައި ހިމެނިފައެއްނުވެއެވެ. އެހެންކަމުން މިކަންވެސް އަދި ހާޞިލްވެފައިނުވާކަން ފާހަގަކޮށްލެވެއެވެ.     ތިން ވަނަކަމަކަށް ތަސައްވުރުކުރި ކަމަކީ ރަށާއި އަދި ކައިރި ރިސޯޓުތަކަށް ސިއްހީ ހިދުމަތް ފުޅާ ކުރުމަށް ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް އަޕްގްރޭޑް ކުރުމެވެ. މީދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް އަޕްގްރޭޑް ކުރުމަށް އެންމެ ފަހުން ފާސްކުރި 2019 ވަނަ އަހަރުގެ ބަޖެޓުގައިވަނީ ހިމެނިފައެވެ. އެހެންކަމުން މިކަންތައް މިހާރުވަނީ ހާޞިލްވުމުގެ މަގުމަތީގައެވެ. 2019 ވަނަ އަހަރުގެ ތެރޭގައި ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް އަޕްގްރޭޑް ކުރެވިގެންދާނެކަމަށް ބެލެވެއެވެ.   ރަށުގައި މިހާރު ކުރިއަށްދާ މަގު ހެދުމުގެ ޕްރޮޖެކްޓުގެ ދަށުން އިތުރު މަގުތަކެއްގައި ގާ އެތުރުމަކީވެސް އޭރު ކައުންސިލް މެމްބަރުން ތަސައްވުރު ކުރިކަންތަކުގެ ތެރެއިން އެއްކަމެވެ. މިކަން ކައުންސިލުންވަނީ ހާޞިލްކޮށްފައެވެ. އެގޮތުން އޭރު ހަމަޖެހިފައިވާ މަގުތަކުގެ އިތުރަށް އެއް މަގުގައިވަނީ ގައު ޖަހާފައެވެ.   މީގެ އިތުރުން މުބާރާތް ބޭއްވޭ ފެންވަރުގެ ފުޓުބޯޅަ ސްޓޭޑިއަމެއް އެޅުމަކީވެސް މި ކައުންސިލްގެ ތަސައްވުރުގެ ތެރޭގައި ހިމެނޭ ކަމެއްކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް މިކަން ހާޞިލްކުރުމަށް މާ ބޮޑު މަސައްކަތެއް ދޮޅު އަހަރުގެ ތެރޭގައި ކުރެވިފައިވާތަނެއް ނުފެނެއެވެ. އެހެންނަމަވެސް 2019 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި މީދޫގައި ފުޓުބޯޅަ ދަނޑެއް ހެދުމަށް 900.000 ރުފިޔާ ހިމަނާފައިވާކަން ފާހަގަކޮށްލެވެއެވެ.   މީގެ އިތުރުން ހިތްހަމަޖެހިލައިގެން މޫދަށް އެރެވޭނެ ސަރަހައްދެއް މީދޫގައި ޤާއިމްކުރުމަކީވެސް މި ކައުންސިލްގެ ތަސައްވުރުގެ ތެރޭގައި ހިމެނިފައިވާ ކަމެކެވެ. ކައުންސިލަރުން މަޤާމާއި ހަވާލުވެވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކައުންސިލްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް މިފަދަ ސަރަހައްދެއްގެ ތަސައްވުރު ކައުންސިލުން ދެކޭ ގޮތުގެ ކުޑަ ވީޑިއޯކޮޅެއް އާއްމުކުރި ނަމަވެސް މިކަމުގައިވެސް ހަޤީޤީ ކުލަޖެއްސުމަށްޓަކައި މާބޮޑުކަމެއް ދޮޅު އަހަރުގެ ތެރޭގައި ކުރެވިފައެއްނުވެއެވެ.   ހަމައެއާއިއެކު މީދޫގައި މަދުވެފައިވާ ކުޑަކުދިންނަށްޓަކައި 'ޕާކުތައް' ޤާއިމްކުރުމަކީވެސް މި ކައުންސިލްގެ ތަސައްވުރުގެ ތެރޭގައި ހިމެނިފައިވާ ބޮޑުކަމެކެވެ. ކައުންސިލަށް ދޮޅު އަހަރު ވެގެންދިޔައިރު މިކަން ހާޞިލްކުރުމަށްވެސް މާ ބޮޑު ޢަމަލީ މަސައްކަތެއް ކުރެވިފައިނުވާކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން އޮޑިވެރިންނާއި މަސައްކަތްތެރިންގެ ފަސޭއަކަށް ސްލިޕްވޭ އެއް ޤާއިމްކުރުމަކީވެސް މި ކައުންސިލުން 3 އަހަރު ދުވަހުގެ ތެރޭގައި ކުރުމަށް ތަސައްވުރުކުރި 10 ކަންތަކުގެ ތެރެއިން އެއް ކަންތައްކަން ފާހަގަކޮށްލެވެއެވެ. ދޮޅު އަހަރު ވެގެންދިޔައިރު މިކަމަށްވެސް ޢަމަލީ ސިފައެއް ގެނެއުމަށްޓަކައި ކުރެވުނު އެއްވެސް ކަމެއް ފެންނާކަށްނެތެވެ.
ބޭންކުގެ ޙިދުމަތް ދިނުމުގެ ގޮތުން އެ ބޭންކުގެ ގޮތްޕެއް ޤާއިމްކުރުމަކީވެސް އެ މެމްބަރުންގެ ތަސައްވުރުގައި ހިމެނުނު ކަމަކެވެ. މިކަން މިހާރުވަނީ ހާޞިލްވެގެންގޮސްފައެވެ. މިހާރު މީދޫއިން އޭ.ޓީ.އެމްގެ ހިދުމަތަކާއިއެކު ބޭންކުގެ ހިދުމަތް އަންނަނަނީ ލިބެމުންނެވެ.
މި ތަސައްވުރު ކުރެވިފައިވާ ކަންތަކުން ހާޞިލްކުރެވުނު މިންވަރެއް ހޯދާލުމަށް މީދޫ ކައުންސިލް ހިންގެވުމާއި ހަވާލުވެ ހުންނެވި ކައުންސިލްގެ ނައިބު ރައީސް ނާޖިހު ޖަމީލްގެ ބަހެއް ހޯދާލުމަށް ކުރި މަސައްކަތްވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.  
ދޮޅު އަހަރުގެ ތެރޭގައި މި ތަސައްވުރުގެ ތެރޭގައި ހިމެނޭ 10 ކަންތަކުގެ ތެރެއިން ހާޞިލްވެފައިވަނީ މީދޫގައި ބޭންކުގެ ހިދުމަތް ލިބޭނެ ގޮތް ހެދުމަށް ތަސައްވުރުކުރި ކަންތައް އެކަންޏެވެ. އަނެއް 9 ކަންތަކުގެ ތެރެއިން އެއްވެސް ކަމެއް ހާޞިލްވެފައިނުވާކަން ފާހާގަކޮށްލެވެއެވެ. ސުވާލަކީ ކުރިއަށް މިއޮތް ދޮޅު އަހަރުގެ ތެރޭގައި މި ނުވަ ކަންތައް ހާޞިލްވެގެންދާނެބާވައެވެ؟
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...