ޤާސިމް އަހުމަދު: އިޖްތިމާޢީ ޚިދުމަތުގައި މުޅި މީދޫ ފަޚުރުވެރިވުން ޙައްޤު!!
ރ. މީދޫ ހުދުފިނިފެންމާގޭ އަލްފާޟިލް ޤާސިމް އަޙުމަދު ފާހަގަކުރެވިފައިވަނީ އެބޭފުޅާގެ މުޅި ޙަޔާތް އިޖްތިމާޢީ ޚިދުމަތުގައި ހޭދަކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. މިހާރު ޢުމުރުފުޅުން 83 އަހަރުވެފައިވާ ޤާސިމް އަހުމަދުގެ އިޖްތިމާޢީ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން މިދިޔަ މަހު މީދޫ ކައުންސިލުން ދެއްވަން ފެއްޓެވި އިޖްތިމާޢީ ޚިދުމަތުގެ އިނާމު ލިބިލެއްވި ދެބޭފުޅުންގެ ތެރޭގައިވެސް ޤާސިމް އަހުމަދުވަނީ ހިމެނިފައެވެ. 
ޤާސިމް އަހުމަދުވަނީ ޖުމްލަ 3 ކައިވެންޏެއް ކުރައްވާފައެވެ. މީގެތެރެއިން 2 ކައިވެންޏަކަށް 16 ބޭފުޅުން ލިބިލައްވާފައެވެ. އެހެންނަމަވެސް މިވަޤުތު ދުނިޔޭގައި ހުންނެވީ މީގެތެރެއިން 13 ބޭފުޅުންނެވެ.
ޤާސިމް އަހުމަދުގެ ތަޢުލީމީ ޙަޔާތަށް ބަލާލާއިރު އެންމެ ފުރަތަމަ ކިޔަވަން ވަޑައިގަތީ އުނގޫފާރުގައި ހުންން އަތޮޅު މަދަރުސާއަށެވެ. އުނގޫފާރުގައި ހުންނަ އަތޮޅު މަދަރުސާއަށް ކިޔަވަން ދުރުވީ އުމުރުފުޅުން އެންމެ 12 އަހަރު ފުޅުގައެވެ.  ޤާސިމް އަހުމަދު ފާހަގަކުރެއްވިގޮތުގައި އެކަން ދިމާވި ގޮތަކީ އޭރުގެ އަތޮޅުވެރިންނަށް ޤާސިމް އަހުމަދު އަތިރިމަތީގައި ކުޅެން އުޅުއްވަނިކޮށް ފެނިވަޑައިގެން، އޭރު ރަށްވެހިގެކައިރީގައި ހުންނަވާ ގޮވާލައްވާފައި އުނގޫފާރު އަތޮޅު މަދަރުސާއަށް ކިޔަވަން ދާނެކުއްޖަކު ނުވެގެން އެވާހަކަ ދެންނެވުމުންކަމުގައެވެ. އަތޮޅުވެރިންގެ އެ ދަޢުވަތު ލިބުމާއެކު ޤާސިމް އަހުމަދުގެ މަންމާފުޅުގެ އިޛުނައާއެކު އުނގޫފާރަށް ކިޔަވާވިދާޅުވާން ދުރުވިއެވެ. ޤާސިމް އަހުމަދާއެކު ދޭލިޔާގޭ ކަތީބު އީސަބެވެސް ތަޢުލީމު ޙާސިލުކުރެއްވުމަށް އުނގޫފާރަށް ދުރުވިއެވެ.   އުނގޫފާރުގައި ދެ އަހަރެއްހާ ދުވަސް ވަންދެން ތަޢުލީމު ޙާސިލުކުރައްވަން އުޅުއްވުމަށްފަހު ޤާސިމް އަޙުމަދު އެނބުރި މީދޫއަށް ދުރުވީ އެއަހަރުގެ ރޯދަމަހަށެވެ. އެއަށްފަހު މާލެ ދުރުވި ދަތުރުފުޅެއްގައި ހ. ވައިޖެހޭގެއިން އަތޮޅުވެރިންނާ (ކުރިން ހުންނެވި އަތޮޅުވެރިއެއް ނޫން) ދިމާވެ، މާލެފޭބުމަށް ލިބުނު ދަޢުވަތުވެސް ޤާސިމް އަޙުމަދު ޤަބޫލުފުޅުކުރެއްވިއެވެ. އެއާއެކު 10 ވަރަކަށް ދުވަހު އަތޮޅުވެރިންގެ ގޭގައި ހުންނެވުމަށްފަހު ޤާސިމް އަހުމަދު އަތޮޅުވެރިންގެ އަރިހުގައި އަމީރު އަޙުމަދު ސްކޫލަށް ދުރުވެ، އެސްކޫލަށް ޤާސިމް އަހުމަދު ވެންނެވުމުގެ އިންތިޒާމް ހަމަޖެއްސެވިއެވެ. އެގޮތުން އެ ސްކޫލަށް ވަނުމަށް ހައްދަވަން ޖެހިވަޑައިގެންނެވި އިމްތިހާން ވަރަށް ފަސޭހަފުޅު ކަމާއެކު ޤާސިމް އަހުމަދު ފުރިހަމަކުރެއްވިއެވެ. އެދުވަސްވަރު އަމީރު އަޙުމަދު ސްކޫލުގެ ނާޡިރަކަށް ހުންނެވީ ޢަލީ އަހުމަދުކަމަށް ޤާސިމް ވިދާޅުވިއެވެ. ސްކޫލަށް ވެންނެވުމަށް ދިން އިމްތިހާނުން ފާސްވެ ވަޑައިގަތުމާއެކެ ޤާސިމް އަހުމަދު ކިޔަވައިވަޑައިގަތުމަށް މާލޭގައި ހުންނެވީވެސް ޢަލީ އަޙުމަދުގެ ގެކޮޅު (މާދޫގެ) ގައެވެ.
އަމީރު އަހުމަދު ސްކޫލުގައި 2 އަހަރު ތަޢުލީމު ޙާސިލުކުރެއްވުމަށްފަހު ޤާސިމް އަޙުމަދު ދެން ބަދަލުވެވަޑައިގަތީ މަދްރަސަތުލް މަޖީދިއްޔާ (މިހާރުގެ މަޖީދިއްޔާ ސްކޫލް) އަށެވެ. ޤާސިމް އަހުމަދު ފާހަގަކުރެއްވިގޮތުންނަމަ މަޖީދިއްޔާގައި 7 ވަނަ ގްރޭޑާ ހަމައަށް ތަޢުލީމު ހާސިލުކުރެއްވުމަށްފަހު އެނބުރި ރަށަށް ވަޑައިގަތީ އަތޮޅު ކޮމިޓީގެ ފަރާތުން މަޑުއްވަރީ ދޮންކަލޭފާނު ބަލައި ދުރުވުމުންނެވެ. އެއަށްފަހު ދޮންކަލޭފާނާއެކު ރަށަށް ދުރުވެ ހަފްތާއެއްހާ ދުވަހު ރަށުގައި ހުންނެވުމަށްފަހު މާކުރަތު މުދިންކަލޭފާނުގެ އަރިހުގައި ދެން ވަޑައިގަތީ އުނގޫފާރަށެވެ. އުނގޫފާރަށް ވަޑައިގަތުމަށްފަހު އެރަށުގައި ހުންނަ އަތޮޅު އޮފީހާއި އުނގޫފާރު މަދަރުސާއާއި ޙަވާލުވެވަޑައިގެންނެވިއެވެ. 3 އަހަރެއްހާ ދުވަހު އަތޮޅު މަދަރުސާއާއި ހަވާލުވެހުންނެވުމަށްފަހު އަހުމަދު ޝަފީޤުގެ އަތޮޅުވެރިކަމުގައި ރަށަށް ބަދަލުވެވަޑައިގެން ރަށަށް ޚިދުމަތްކުރައްވަން ފެއްޓެވިއެވެ.   އެނބުރި ރަށަށް ވަޑައިގެން މީދޫ ރައްޔިތުންގެ މަދަރުސާގައި ކިޔަވަދެއްވުމުގެ މަސައްކަތް ޤާސިމް އަޙުމަދުކުރެއްވިއެވެ.  އެދުވަސްވަރު ސްކޫލު ހިންގެވުމުގެ ޒިންމާވެސް ޤާސިމް އަދާކުރެއްވިއެވެ. ރަށު މަދަރުސާގައި ޚިދުމަތްކުރައްވަން ހުންނެވި ދުވަސްވަރު ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ރާއްޖޭގެ ޒަޢާމަތާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ރަށްރަށުގައި އުފެއްދެވި ރަށް ކުރިއަރުވާ ކޮމިޓީ (ރކ ކޮމިޓީ) ގެ ރައީސަކަށް ޤާސިމް އަހުމަދު ހޮއްވެވިއެވެ.
ރަށް ކުރިއަރުވާ ކޮމިޓީގެ ރައީސަކަށް ޤާސިމް އަހުމަދު ހުންނެވި ދުވަސްވަރު މީދޫގެ ތަރައްޤީއަށް ބޮޑެތި މަޝްރޫޢުތަކެއް ހިންގަވާފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ރަށުގެ ރައްޔިތުން ގޮވައިގެން ސަރުކާރުން ދެއްވި ތަކެތީގައި ސްކޫލް އިމާރާތްކުރުމަށް ބިންސާފުކުރުމާ ބިން ދެއްކުމަށް  މަސައްކަތްކުރެވިގެންދިޔުމަކީ ޤާސިމް އަހުމަދު ފާހަގަކުރައްވާގޮތުގައި އެބޭފުޅާގެ ރައީސްކަމުގައި ރކ ކޮމިޓީއިންކުރެވުނު އެންމެ މުހިއްމު އެއް މަސައްކަތެވެ.
ރ. އަތޮޅު ތަޢުލީމީ މަރުކަޒު ބިނާކޮށް ހުޅުވުމާހަމައަށް އޭރުގެ ރައްޔިތުންގެ މަދަރުސާގައި ޤާސިމް އަހުމަދު ޚިދުމަތްކުރެއްވިއެވެ. މަދަރުސާއިން ވަކިވެވަޑައިގަތުމަށްފަހުގައިވެސް ރކ ކޮމިޓީގެ ރައީސްކަން ޤާސިމް އަހުމަދު ދިގުމުއްދަތަކަށް ކުރެއްވިއެވެ. ޤާސިމް އަހުމަދުގެ ދައުރުގައި ރަށްކުރިއަރުވާ ކޮމިޓީއިން ކުރެވުނު މުހިއްމު މަސައްކަތްތަކުގެ ތެރޭގައި ސްކޫލު ބިނާކުރުމުގެ އިތުރުން ރަށުގެ ހުކުރު މިސްކިތް (މަސްޖިދުއް ޛިއްނޫރައިނި) ބިނާކުރުމާއި މިހާރުގެ ރަށު އޮފީސް ހުރިބިމަށް ކުރިން އަތިރިމަތީގައި ހުރި އޮފީސް ބަދަލުކުރުން ފާހަގަކުރެވެއެވެ. މީގެއިތުރުން ރަށުގެ ޤަބުރުސްތާނުގެ ވަށާފާރު ރޭނީވެސް ޤާސިމް އަހުމަދު މީދޫ ރކ ކޮމިޓީގެ ރައީސްކަމުގެ ދައުރުގައިކަން ފާހަގަކޮށްލެއެވެ.
ޤާސިމް އަހުމަދުގެ ޚިދުމަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އަނެއް ޚިދުމަތަކީ މީދޫ އެކުވެރި ކުލަބު ވުޖޫދަށް ގެންނެވުމާ އެކުލަބު ހިންގެވުމުގައި ކުރެއްވި މަސައްކަތެވެ. ޤާސިމް ފާހަގަކުރެއްވި ގޮތުގައި އެކުވެރި ކުލަބު ވުޖޫދަށް ގެންނެވުމުގެ މަސައްކަތް ކުރެއްވީ ޤާސިމް ގެ އިތުރުން ޢީސަބެއާ ދެބޭފުޅުންނެވެ. އޭގެއިތުރުން ބަހާރުގޭ އިބްރާހީމް ޢަފީފު މިމަސައްކަތުގައި އެހީތެރިވެލެއްވިކަމަށްވެސް ޤާސިމް އަހުމަދު ފާހަގަކުރެއްވިއެވެ. ޤާސިމް އަހުމަދު މާކަނޑޫދޫއަށް ކުރެއްވި ދަތުރުފުޅެއްގައި ތާރަ ޖަހާތަން ފެނިވަޑައިގެން ރަށަށް އެނބުރި ވަޑައިގެން އެކަން ކުރެއްމުގެ މަސައްކަތް ޖަންބުމާގޭ މޫސަބޭގެ ގޭގައި ކުރައްވަން ފައްޓަވާފައި އެކަން ރަސްމީކޮށްކުރެއްވުމުގެ ގޮތުން އެކުވެރި ކުލަބު އުފެއްދެވީއެވެ.   އެކުވެރި ކުލަބުގެ މަސައްކަތް އޯކިޑުމާގޭގައި ކުރެއްވުމަށް އެންމެ ފުރަތަމަ ކުލަބުގެ އޮފީސް ބިނާކުރެއްވި ފަނުންކަމަށް ޤާސިމް އަހުމަދު ވިދާޅުވިއެވެ. އެއަށްފަހު މިހާރު އެހުރި އޮފީސް އިމާރާތް ބިނާކުރުމުގެ ކުރިން އަދި އެހެން ޢިމާރާތެއްވެސް ހަމަ އޯކިޑުމާގޭގައި ބިނާކުރެވުނެވެ. މިހުރިހާ މަސައްކަތެއްގައިވެސް ޤާސިމް އަހުމަދު ބައިވެރިވުން އެންމެ މަތީ ސަފުގައި ފެނިގެންދިޔައެވެ.
އެކުވެރި ކުލަބު ވުޖޫދަށް ގެންނެވުމަށްފަހު ކުލަބު ހިންގާނެ ފައިސާ ހޯއްދުވުމުގެ ގޮތުން ރޮދު އެޅުމުގެ މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި އެދުވަސްވަރު ކުރެވިގެން ދިޔަ ކަމަށް ޤާސިމް ފާހަގަކުރެއްވިއެވެ. ކުޅިވަރު ކުޅުމަކީ އޭރު އެކުވެރި ކުލަބުގައި ވަރަށްފޯރިއާއެކު ކުރަމުން އައި ކަމެއްކަންވެސް ޤާސިމް އަހުމަދު ފާހަގަކުރެއްވިއެވެ. ތާރަ ޖެހުމާއި ގާއޮޑި ޖެހުމުގެ އިތުރުން ބޮޑުބެރުޖެހުމަކީ އެދުވަސްވަރު އެކުވެރި ކުލަބުން ކުޅެމުން އައި ބައެއް ކުޅިވަރުކަންވެސް ޤާސިމް ފާހަގަކުރެއްވިއެވެ.
ޤާސިމް އަހުމަދު އިޖްތިމާޢީ ޙަޔާތުގައި އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވީ ރަށުގެ ބަނދަރު ހެދުމަށް ފަޅުކޮނުނު ދުވަސްވަރު ދިމާވި ކަންތައްތައްކަމަށް ޤާސިމް އަހުމަދު ފާހަގަކުރެއްވިއެވެ. އެގޮތުން އަވަށު ވާދައިގައި ކުރިއަށްދިޔަ އެމަސައްކަތުގައި ރކ ކޮމިޓީގެ ރައީސްގެ ގޮތުގައި ޤާސިމް އަހުމަދު ހުންނެވިއިރު ޤާސިމް ނިސްބަތްވެވަޑައިގަންނަވާ ހުޅަނގު އަވަށު ވެރިއަކަށް ހުންނެވީ ޤާސިމް އަހުމަދުގެ އެއްބަނޑު އެއްބަފާ ބޭފުޅެއްކަމަށްވާ ޖަންބުމާގޭ މޫސާ އަހުމަދުކަމަށްވެފައި ކޮމިޓީގެ ރައީސަކަށް ޤާސިމް ހުންނެވުމުން އެކަމުގައި އެއްވެސް ފަރާތަކަށް ނުޖެހި ކަންކުރަން ޖެހުނުޖެހުން އެއީ އެންމެ ދަތިކަމަކަށް ދިމާވި ކަންތައް ކަމަށް ޤާސިމް ފާހަގަކުރެއްވިއެވެ.
ފަޅުކޮނުމުގެ ކަންތަކުގައި މިފަދަ ބޮޑެތި ގޮންޖެހުންތަކަކާ ދިމާވި ނަމަވެސް ޤާސިމް އަހުމަދުގެ އިޖްތިމާޢީ ޙަޔާތުގައި އެންމެ އުފާވި ދުވަހެއްގެ ގޮތުގައި ފާހަގަކުރައްވަނީވެސް މީދޫގެ ފަޅުކޮނެ ނިމި، ބަނދަރުގެ ބޭނުން މީދޫ ރައްޔިތުންނަށް ކުރެވެން ފެށުނު ދުވަސްކަމަށް ޤާސިމް ފާހަގަކުރެއްވިއެވެ. މިކަމުންވެސް ޤާސިމް އަހުމަދުގެ ލޭގައިވީ ޤައުމީ އަދި ވަތަނީ ރޫހުކަން އެނގި ހާމަވެގެންދެއެވެ.
އިޖްތިމާޢި އެތައް ޚިދުމަތްތަކެއް މީދޫއަށް ކުރެއްވުމަށްފަހު އެޚިދުމަތްތަކާ ދުރަށް ޖެހިވަޑައިގަތުމަށް ޤާސިމް އަހުމަދު ނިންމެވީ އެމަސައްކަތްތަކުގައި ކުދިކުދި މައްސަލަތައްޖެހި، ޤާސިމް އަހުމަދުގެ ބޭބޭފުޅު ޖަންބުމާގޭ މޫސާ އަހުމަދުގެ ލަފާފުޅުގެ މަތިންނެވެ. އެހެންކަމުން ރކ ކޮމިޓީގެ ރައީސްކަމުން ވަކިވާން ބޭނުންވާ ވާހަކަ ބަޔާންކޮށް އަތޮޅު އޮފީހަށް ސިޓީއެއް ފޮނުއްވި ކަމަށާއި އެހެންނަމަވެސް އެސިޓީގެ ޖަވާބުގައި އަތޮޅު އޮފީހުން އެންގެވީ ޤާސިމް އަހުމަދު ރކ ކޮމިޓީގެ ރައީސްކަމުން ވަކިކުރެވެން ނެތްކަމުގައިކަމަށެވެ. އެއަށްފަހު އަނެއްކާވެސް ދުވަސްކޮޅެއްފަހުން ލޮލުގެ ޙާލަތު ދަށްކަމުން ރކ ކޮމިޓީގައި ޚިދުމަތްކުރެވެންނެތްކަމަށް ބަޔާންކޮށް އަތޮޅުވެރިޔާ އިންނަމާދޫ ސަޢުދަށް ސިޓީ ފޮނުއްވި ކަމަށާއި އެއާއެކު އަތޮޅު އޮފީހުން ޤާސިމް އަހުމަދު ރކ ކޮމިޓީގެ ރައީސްކަމުން ވަކިކުރެއްވީކަމަށެވެ.
ކޮމިޓީގެ ރައީސްކަމުން ވަކިވެވަޑައިގެންނެވި ނަމަވެސް ކޮމިޓީގެ މެމްބަރެއްގެ ގޮތުގައި ދުވަސްކޮޅަކު މަސައްކަތްކުރެއްވުމަށްފަހު ޤާސިމް އަހުމަދުގެ ޢުމުރުފުޅުން ފަންސާހަށްވުރެ މައްޗަށް ދިޔަފަހުން ކޮމިޓީއިންވެސް ވަކިވެވަޑައިގެން އިޖްތިމާޢީ ޚިދުމަތުން އެއްފަރާތަށް ޖެހިވަޑައިގަތީމަކަމަށް ޤާސިމް ވިދާޅުވިއެވެ.
ދިގު މުއްދަތަކަށް ދެމިގެންދިޔަ ޤާސިމް އަހުމަދު އިޖްތިމާޢީ ހަޔާތަށްފަހު އަދުގެ ޒުވާނުންނަށްވެސް އަގުހުރި ނަސޭހަތެއް އެބޭފުޅާ ދެއްވެވިއެވެ. ޤާސިމް އަހުމަދުވަނީ ސަރުކާރުން ރަށުގެ ތަރައްޤީއަށް މަސައްކަތްތަކެއްކޮށްދެއްވިކަމުގައިވިޔަސް ރަށުގެ ރައްޔިތުންގެ އެއްބާރުލުން އެކަންކަން ދެމެހެއްޓުމަށްދެއްވުމަކީ މުހިއްމުކަމެއްކަން ފާހަގަކުރައްވާފައެވެ.
މާތް ﷲ، ޤާސިމް އަޙުމަދުގެ އިޖްތިމާޢީ ޚިދުމަތްތަކުގެ ހެޔޮ ބަދަލު މިންވަރު ކުރައްވާށި! އާމީން
ކިޔުންތެރިންގެ ހިޔާލް

2018-12-16 08:08:29
Mode
Good work..I am proud of him
އެންމެ މަގުބޫލު: 7 ދުވަސް

...