އާދަމް ޝަރީފު: ތަޢުލީމާއި ތަޖުރިބާއަށް ބަލާއިރު އެފަދަ ދެވަނައެއް ނެތް!
1964ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު މާޅޮސްމަޑުލު އުތުރުބުރީ ފައިނަށް އުފަންވެ ވަޑައިގެންނެވި އާދަމް ޝަރީފް ޢުމަރަކީ ރ. މީދޫއާއި މާލެއާއި މެލޭޝިއާގެ އިތުރުން އިނގިރޭސި ވިލާތުން ތަޢުލީމު ޙާޞިލު ކުރައްވާފައިވާ، އުނގެނުމަށް ލޯބި ކުރައްވާ ބޭފުޅެކެވެ.   އެ މަނިކުފާނު ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އީސްޓް އެންގްލިއާ އިން މާސްޓަރ އޮފް އާރޓްސް އިން އެޑިއުކޭޝަން ޙާޞިލުކުރައްވާ، އަދި އިންޑިއާ، ސްރީލަންކާ، މެލޭސިއާ، ތައިލޭންޑް، އިނގިރޭސި ވިލާތް ސިންގަޕޯރ، އޮސްޓްރޭލިއާ، ބަނގްލާދޭޝް، ސައުތު އެފްރިކާ، ސައުތު ކޮރެއާ، ޗައިނާ، ތުރުކީ، މެކްސިކޯ ސިޓީ، ހަވާއީ، ޕާކިސްތާން، ސަޢުދީ އަރަބިއާ ފަދަ ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގެ ތަޢުލީމީ، ސިޔާސީ އަދި އިޖުތިމާޢީ ތަފާތު ކަންކަމުގެ ތަޖުރިބާ ހޯއްދަވާފައެވެ.
އާދަމް ޝަރީފު ޢުމަރު ޤައުމަށް ޚިދުމަތް ކުރައްވަން ފައްޓަވާފައިވަނީ 1981 ވަނަ އަހަރުގައެވެ. އޭރު އެމަނިކުފާނުގެ އުމުރުފުޅަކީ އެންމެ 17 އަހަރެވެ. ޕްރައިމަރީ ޓީޗަރުކަމުން ފެށިގެން ޔުނިވަރސިޓީގެ ލެކްޗަރާކަމާއި ހަމައަށް ކިޔަވައިދެއްވުމުގައި މަސައްކަތްކުރެއްވިއިރު، ސްކޫލްތައް ހިންގެވުމާއި ސުޕަވައިޒް ކުރެއްވުމާއި މުދައްރިސުންގެ ފަންނީ ތަމްރީނުތައް ހިންގެވުމާއި ޢިލްމީ އަދި ތާރީޚީ ފޮތްތައް ލިޔުއްވުމާއި ދިރާސާ ކުރެއްވުމާއި ދައުލަތުގެ މުއައްސަސާތައް ހިންގެވުމުގައި މެދުކެނޑުމެއްނެތި މިއަދާހަމައަށް 37 އަހަރު މަސައްކަތް ކުރައްވާފައިވުމަކީ އާދަމް ޝަރީފުގެ ތަޖުރިބާއާއިމެދު ޝައްކު އުފެއްދުމުގެ ޖާގަނެތްކަން ހާމަކޮށްދޭ ކަމެކެވެ.
އާދަމް ޝަރީފު ފާހަގަކުރެވިފައިވަނީ ފޮތްލިޔުއްވުމުގައިވެސް ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން އެމަނިކުފާނު ލިޔުއްވާފައިވާ ފޮތްތަކުގެ ތެރޭގައި ދަރިވަރުންގެ ފެންވަރު ވަޒަންކުރުން، ކްލާސްރޫމް އިންތިޒާމް ކުރުން، ދަރިވަރުންނާ ރައްޓެހި ސްކޫލް ޤާއިމު ކުރުން، މުދައްރިސުންގެ ފަންނީ އޮނިގަނޑު، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން ހިންގުމުގެ މެނުއަލް ހިމެނެއެވެ. އަދި ރާއްޖޭގެ މުދައްރިސުންގެ ތަޢުލީމުގެ ރިހިފޮތާއި ސާސްކަފުގެ 17، ފަދަ ފޮތްތައް އެކުލަވާލުމުގައި ވެސް އާދަމް ޝަރީފު ޢުމަރު ވަރަށް މުހިންމު ދައުރެއް އަދާކުރެއްވާފައިވެއެވެ.
ފޮތްލިޔުއްވުމުގެ އިތުރުން އެމަނިކުފާނު ފާހަގަކުރެވިފައިވަނީ ތަޢުލީމީ ދިރާސާތައް ކުރެއްވުމުގައިވެސް ފާހަގަކޮށްލެވޭ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން އެމަނިކުފާނު ހައްދަވާފައިވާ ދިރާސާތަކުގެތެރޭގައި ރާއްޖޭގެ މުދައްރިސުންގެ ފަންނީ ކުރިއެރުމަށް ހިންގާ ސްކޫލްބޭސްޑް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓުން ޙާޞިލުވާ ކަންކަމާބެހޭގޮތުން ހެދި ދިރާސާއާއި ޔުނިސެފްގެ އެހީގައި ރާއްޖޭގައި ހިންގި ޗައިލްޑް ފްރެންޑްލީ ސްކޫލު މަޝްރޫޢުން ނިކުތް ނަތީޖާއާބެހޭގޮތުން ހެދި ދިރާސާއަކީ ފާހަގަކޮށްލަންޖެހޭ 2 ދިރާސާއެވެ.
މެދުނުކެނޑި 37 އަހަރު ދަޢުލަތަށް ޚިދުމަތްކުރެއްވިއިރު އެމަނިކުފާނު އަދާކުރައްވާފައިވާ ފާހަގަކޮށްލެވޭ މަޤާމުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޓީޗަރ އެޑިޔުކޭޓަރކަމާއި  ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ލެކްޗަރަރކަމާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސީނިއަރ ސުޕަވައިޒަރކަމާއި ޕްރިންސިޕަލްކަމާއި ޓީޗަރ އެޑިޔުކޭޓަރ ކޯޑިނޭޓަރކަމާއި އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްކަމާއި ޑެޕިޔުޓީ ޑިރެކްޓަރ ޖެނެރަލްކަމާއި ޑިރެކްޓަރ ޖެނަރަލްގެ މަޤާމާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން އަދި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަޤާމު ފާހަގަކޮށްލެވެއެވެ.
ދިވެހިރާއްޖޭގެ ތަޢުލިމު ކުރިއަރުވާ މަރުކަޒުން ޓީޗަރ ރިސޯސް ސެންޓަރތަކާއި މުދައްރިސުންގެ ޕްރޮފެޝަނަލް ޑިވެލޮޕމަންޓް ޕްރޮގްރާމްތައް ހިންގި ދުވަސްވަރަކީ އާދަމް ޝަރީފުގެ ހިންގުންތެރިކަން އެންމެ ބޮޑަށް ފާހަގަވެގެންދިޔަ ދުވަސްވަރެވެ.  އޭގެފަހުން، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން އުފައްދަވައި، އެ އިންސްޓިޓިއުޓްގެ ލަނޑުދަޑިތައް ހާސިލްކުރެއްވުމަށް އަގުހުރި މަސައްކަތްތަކެއް އާދަމް ޝަރީފު ކުރައްވާފައިވެއެވެ. މިގޮތުން މަދަރުސީ ތަޢުލީމުގެ އާ ޤައުމީ މަންހަޖު ފަރުމާކޮށް، ތަންފީޒު ކުރެއްވުމަށްޓަކާ ކުރެއްވި މިންނެތް މަސައްކަތްތަކާއި މުދައްރިސުންގެ ފެންވަރު މަތިކުރުމަށް ހިންގެވި ކޯސްތަކާއި ބައިނަލްއަޤުވާމީ މުދައްރިސުންގެ ކޮންފަރެންސްތައް ރާއްޖޭގައި ބާއްވައި، ރާއްޖޭގައި ބޭރުގެ ކޮންފަރެންސްތައް ބޭއްވުމުގެ ސަޤާފަތެއްވެސް އާދަމް ޝަރީފު އުފެއްދެވިއެވެ.
އާދަމް ޝަރީފް ޢުމަރަކީ ކުރައްވާ ކޮންމެ މަސައްކަތެއްވެސް އެންމެ ރަގަޅަށް ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއްކަން ވޭދުވެދިޔަ 37 އަހަރުދުވަހު ފާހަގަވެފައިވެއެވެ. މިގޮތުން މުވައްޒަފުންގެ މެދުގައި ހަމަހަމަކަން ޤާއިމްކުރުމާ އޮފީހުގެ ހިންގުން ހަރުދަނާކުރެއްވުމަށް އުސޫލުތައް ލިއުއްވައި ތަންފީޒު ކުރެއްވުމުގެ ނަތީޖާއަކަށްވީ ހުރިހާ ފަންތިއެއްގެ މުވައްޒަފުންނަށްވެސް އޮފީހުގެ ކަންކަން ހިނގާނޭގޮތުގެ އުޞޫލުތައް ލިޔުމުން ފެންނަން އޮތުމެވެ. އަދި މަސައްކަތް ހަލުވިވެ އެންމެން އެއް ރޫޙެއްގައި މަސައްކަތްކުރުމުގެ ޝައުޤުވެރިކަން އިތުރުވެގެންދިޔަކަން ފާހަގަކުރެވުނެވެ.
އާދަމް ޝަރީފް ޢުމަރު، ދިވެހިރާއްޖޭގެ ދިފާއީ ވަޒީރުކަމުގެ މަޤާމާއި ހަވާލުވެވަޑައިގެންނެވީ ވަރަށްވެސް ހުޟޫރަތްތެރި، ނާޒުކު ހާލަތަކަށް މި ޤައުމު ވެއްޓިފައިވާ ދަނޑިވަޅެއްގައެވެ. ދިވެހިރާއްޖޭގެ ޤައުމީ ދިފާއީބާރުގެ ކަންކަން ހަރުދަނާކުރެއްވުމުގައި ޤައުމާއި ދައުލަތަށް ވަފާތެރި އިޚްލާސްތެރި ބޭފުޅަކަށް ނިހާޔަތަށް ބޭނުންވެފައިވާ މުހިންމު ދުވަސްވަރެއްގައި. އެ ޒިންމާ އެމަނިކުފާނު ވަރަށް ފުރިހަމައަށް އަދާކުރެއްވިއެވެ.
އެ މަނިކުފާނު ދިފާޢީ ވަޒީރުކަމުގައި ހޭދަކުރެއްވި ދުވަސްތަކަށް ބަލާލުމުން އެ މަނިކުފާނަކީ ކޮންމެ އޮޑިޔަކަށްވެސް ހެޔޮވަރު މާލިމީއެއްކަން ހާމަވެގެންދެއެވެ. ކޮންމެ ދާއިރާއެއްގައިވެސް ނުހަނު އަވަހަށް އެ ދާއިރާއެއްގެ މަސައްކަތްތައް ދަސްކުރުމުގެ ހުނަރާއި ޤާބިލްކަން ލިބިފައިވާ ބޭފުޅެއްކަން އާދަމް ޝަރީފު ދައްކުވައިދިނެވެ. ރާއްޖޭގައި ދެމެމުންދާ ބާރުގަދަ ސިޔާސީ އޮއިވަރުން ދިވެހި އަސްކަރިއްޔާ ސަލާމަތްކޮށް ސިފައިންނަށް އަސްކަރީ ސިފަވަންތަ އަޚްލާޤުގެ މަތީގައި ސާބިތުވެ ތިބުމަށް ހިތްވަރުދެއްވާ އެ ދާއިރާއަށްވެސް އިސްލާހީ ބަދަލުތަކެއް ގެނުވިއެވެ.
ދިވެހި އަސްކަރިއްޔާ ހަރުދަނާ ކުރެއްވުމަށްޓަކައި އަސްކަރިއްޔާގައި ކުރިން ޚިދުމަތް ކުރައްވާފައިވާ އިސް ބޭކަލުންނާއި އެމް.އެން.ޑީއެފްގެ މިހާރުގެ އިސް ލީޑަރޝިޕާއި ތަޢުލީމީ މުފައްކިރުން ހިމެނޭ ފިކުރީ މަޖިލީހެއް (ތިންކް ޓޭންކް) އުފައްދަވައި، ޚިޔާލާއި މަޝްވަރާ ހޯއްދެވިއެވެ. އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓްޑީޒް އުފެއްދުމުގެ އިތުރުން އަސްކަރިއްޔާގައި ދިރާސާކުރުން ހަރުދަނާކުރުމަށް ރިސާޗް އެންޑް ޑިވެލޮޕްމަންޓްގެ ނަމުގައި ޑިޕާޓްމަންޓެއް އުފައްދަވައި، ރިސާޗް ކޮންފަރެންސްތައް ދިވެހި އަސްކަރިއްޔާގައި ފެއްޓެވުމުންވެސް އާދަމް ޝަރީފަކީ ތަފާތު ބޭފުޅެއްކަން ހާމަވެއެވެ.
ދިފާއީ ދާއިރާގެ އަސްކަރިއްޔާއަށް އެ މަނިކުފާނު ގެންނެވި އުމްރާނީ ތަރައްޤީއަށް ބަލާލާއިރު ކައްދޫގައި އިސްކަންދަރު އެއަރ ބޭސް ޤާއިމުކުރުމާއި، އެމް.އެން.ޑީ.އެފް ނޮދަން އޭރިއާގެ ހެޑްކުއާރޓާޒް ޅ. މަޑިވަރުން، ޅ. މާފިލާފުއްޓަށް ބަދަލުކުރުމާއި، ބަންޑާރަކޮށީގެ 9 ބުރީގެ އިމާރާތް ކުރުމާއި، ހުވަދު އަތޮޅު ތިނަދުއާ އަރިއަތޮޅު މާމިގިލީގައި ސިފައިންގެ ބިލްޑިންގއެއް އިމާރާތްކުރުމަކީ ފާހަގަކޮށްލެވޭ ކަންކަމެވެ. މީގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ސިފައިން ހިންގަންޖެހޭ ޚާއްޞަ އޮޕަރޭޝަންތައް ހިންގުމަށްޓަކައި އެމް.އެން.ޑީ.އެފް ކޯސްޓްގާޑް ފާސްޓް އިންޓަރސެޕްޓް ކްރާފްޓް 5 އުޅަނދު ހޯއްދަވައިދެއްވުމަކީ ފާހަގަކޮށްލަންޖެހޭ މުހިންމު މަސައްކަތެކެވެ. އަދި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޤާއިމުކުރެވިފައިވާ ސީ އެންބިއުލާންސްގެ ޚިދުމަތް ހަރުދަނާކުރައްވައި، ވަސީލަތްތައް ހޯއްދަވައި، ކާރިސާތަކުން މީހުންނާއި މުދާ ސަލާމަތް ކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ކުރެއްވި މިންނެތް މަސައްކަތުން ރައްޔިތުންނަށް ގިނަގުނަ ޚިދުމަތްތަކެއް ފަހިކޮށްދެއްވާފައިވެއެވެ.
ދިފާއީ ވަޒީރުކަމުގައި ހުންނެވިއިރު ބައެއް ނުރައްކާތެރި އޮޕަރޭޝަންތައް ވަރަށް ގާތުން ބައްލަވާ ތަޖުރިބާކުރެއްވުމުން އާދަމް ޝަރީފުގެ މަޤުބޫލުކަން އިތުރުވެގެންދިޔައެވެ. ގުދުރަތީ ކާރިސާތަކުންނާއި އެނޫން ހާދިސާތަކުން ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށްޓަކައި ހޭލުންތެރިކުރުމަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ހަރުދަނާ މަސައްކަތްތަކެއް އާދަމް ޝަރީފު ކުރެއްވިއެވެ.
އާދަމް ޝަރީފް ޢުމަރުގެ މާލިމީކަމުގައިވަނީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު އުފައްދަވައި ރާއްޖޭގައި ފެތުރެމުންދާ ހަރުކަށި ދީނީ ފިކުރުތަކާ ލާދީނީ ފިކުރުތަކަށް ރައްޔިތުން ހޭލުންތެރި ކުރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މިގޮތުން ބައިނަލްއަޤުވާމީ ކޮންފަރެންސްތަކާއި ތަފާތު ވޯކްޝޮޕްތަކާއި ދިރާސާތައް ދިވެހި އަސްކަރިއްޔާގައި ކުރިއަށްގެންދެވިއެވެ.
1981 ވަނަ އަހަރު، އުމުރުން 17 އަހަރުގައި  ޤައުމަށް ޚިދުމަތް ކުރައްވަން ފެއްޓެވިގޮތަށް މިއަދާހަމައަށް މެދުކެނޑުމެއްނެތި  އަދާކުރެއްވި ވަޒީފާތަކުގައި މަސައްކަތްތައް ކުރެއްވިގޮތާއި ގެންގުޅުއްވި އުޞޫލުތަކުން އާދަމް ޝަރީފް ޢުމަރަކީ ނަޒާހަތްތެރި، ވަޒީފާއަށް ކިޔަމަންތެރި ބޭފުޅެއްކަން ވަނީ ސާބިތުކޮށްދެއްވާފައެވެ.
އާދަމް ޝަރީފަކީ ދިވެހި ޤައުމިއްޔަތާއި އާދަކާދައާއި ސަޤާފަތަށް ލޯބި ކުރައްވާ، ދިވެހި ބަހަށް ޚާއްޞަ ޝައުޤުވެރިކަމެއް ބަހައްޓަވާ ބޭފުޅެކެވެ. ދިވެހި ބަހުން ވާހަކަ ދެއްކެވުމުގައި ބޭރު ބަސްތައް މަސްހުނި ކުރެއްވުން މަދު، ބަސްމޮށުންތެރިކަމަށް ކުޅަދާނަ، ދިވެހިބަހުގެ މުއްސަނދިކަން އިތުރުކުރެއްވުމަށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. ޤައުމީ މުނާސަބަތުތަކާ ގުޅޭގޮތަށް ޤައުމީ ލަވަތައް ހެއްދެވުމަކީ އާދަމް ޝަރީފު ފޫހިކަމެއްނެތި ކުރެއްވި މަސައްލަތެކެވެ. އާދަމް ޝަރީފުގެ ޝާއިރުކަން ފާހަގަވެގެންދިޔަ މި ލަވަތައް ރާއްޖޭގެ ޤައުމީ ޓީވީ މިހާރުވެސް ދުރަށް ފޮނުވަމުންދެއެވެ.   އެހެންކަމުން އާދަމް ޝަރީފު ފާހަގަވެފައިވަނީ އެމަނިކުފާނު އަދާކުރެއްވި ކޮންމެ ވަޒީފާއެއް، އެމަނިކުފާނުގެ ޢިލްމީ ޤާބިލުކަމާ މަސައްކަތުގެ ތަޖުރިބާގެ ބޭނުން ހިފައިގެން ވީ އެންމެ ފުރިހަމައަށް އަދާކުރައްވާފައިވާ ބޭފުޅެއްގެ ގޮތުގައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...