'ކުރެޑިޓަށް' މުދާ ނެގުން އޯކޭ، އޯކޭ ނޫނީ ނުދައްކާ ގިނަ ދުވަސް ކުރުން!
 ވިޔަފާރިވެރިން ވިޔަފާރި ކުރުމުގައި ބޭނުންކުރާ 'އުކުޅެއް' ކަމުގައިވާ ކަސްޓަމަރުންނަށް ކުރެޑިޓަށް ތަކެތި ދޫކުރުމަކީ އާއްމު އުކުޅެކެވެ. ރީޓެއިލްކޮށް މުދާ ވިއްކާ ހަމަ ގިނަ ފިހާރަތަކުންވެސް މިކަން ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. އެ ފަރާތްތަކުން މިކަން ކުރަނީ އެ ފަރާތްތަކަށް ކޮންމެވެސް ކަހަލަ ފައިދާތަކެއް މިކަމުންވާނެތީކަން ޔަޤީނެވެ. ނަމަވެސް، ބައެއް ވިޔަފާރިވެރިންގެ ފަރާތުން މަޢުލޫމާތު ލިބޭ ގޮތުގައި ބައެއް ކަސްޓަމަރުންދަނީ މިކަން ނާޖާއިޒު ގޮތުގައި ބޭނުން ކުރަމުންނެވެ. ވިސްނާލުމެއްނެތި ނާޖާއިޒު ފައިދާތައް ނަގަމުންދާ ފަރާތްތަކުން އެކުރަނީ ވަރަށްވެސް ދަށު ދަރަޖައިގެ ނުބައި ޢަމަލެކެވެ.   މަޢުލޫމާތު ލިބޭ  ގޮތުގައި މިހާރުވެސް މީދޫގެ ބައެއް ފިހާރަތަކުން ކުރެޑިޓަށް ނަގާފައިވާ ތަކެތީގެ ޖުމްލަ އުޅެނީ 50،000 ރުފިޔާއިން މަތީގައެވެ. މީގެ އިތުރުން މީގެ ކުރިން ހިންގާ، ބަންދުކުރި ބައެއް ކެފޭ ތަކާއި ފިހާރަތައްވެސް ބަންދު ކުރަންޖެހުނު މައިގަނޑު ސަބަބަކީ އެ ތަންތަނަށް މީހުން ދައްކަން ޖެހޭ އަދަދު މަތިވެ، ތަން ހިންގަން ހުރަސްތައް އެޅުމެވެ.    ގައިމުވެސް މިއީވެސް ހަމަ ކޮންމެސް ބައެއްގެ ބޮލުގައި އެޅިފައިވާ ދަރަންޏެކެވެ. ކޮންމެވެސް ބަޔަކު ޒިންމާވާން ޖެހޭނޭކެމެކެވެ. ހަނދާންނެތިގެންނަމަވަސް ނުވަތަ ގަސްދުގައި ކުރި ކަމެއް ކަމުގައި ވީނަމަވެސް މިއީ ވަރަށްވެސް ހިތާމަހުރިކަމެކެވެ. މިކަމުގެ ގެއްލުން ކުރެޑިޓަށް ނަގާ ނުދައްކާ މީހުންނަށް ދުނިޔެ މަތީގައި ނުކުރި ކަމުގައި ވީނަމަވެސް، ތިމާގެ އުމުރު ހަމަވުމަށްފަހު ދެން ތިމާ އަށް ކުރިމަތިވާ ބިރުވެރި ދުވަސްތަކުގައި މިކަމުގެ ވޭނާ ޢަޒާބު ތިބާއަށް ލިބޭނެއެވެ.   މިގޮތަށް ކުރެޑިޓަށް ތަކެތި ދޫކުރާ މީދޫގެ ބައެއް ވިޔަފާރިވެރިންގެ ބަސްވެސް މިކަމުގައި ހޯދާލީމެވެ. އެގޮތުން ނަން ނުޖެހުމަށް ޝަރުތުކޮށް މީދޫގައި ފިހާރައެއް ހިންގަމުން އަންނަ ވިޔަފާރިވެރިއެއް ބުނި ގޮތުގައި ކުރެޑިޓަށް ތަކެތި ދޫކުރަނީ ކަސްޓަމަރުންނަށް ފަސޭހައަކަށް ކަމަށާއި، ކަސްޓަމަރުން ފައިސާ ނުދައްކާ ގިނަ ދުވަސް ވުމުން ކުދި ފިހާރަތަކަށް ބޮޑެތި ދަތިތަކާއި ކުރިމަތިވާކަމަށެވެ. މީގެ އިތުރުން އެ ވިޔަފާރިވެރިޔާވަނީ ވަރަށްވެސް ކަންބޮޑުވާ ވާހަކައެއް ހިއްސާ ކޮށްފައެވެ. އެ ވިޔަފާރިވެރިޔާ ބުނީ "ދައްކަން ބުންޏަސް، ބިލް ފޮނުވިޔަސް ދައްކަން ބޭނުންނުވާ މީހުންނެއް ނުދައްކާ". މިއީ ވަރަށްވެސް ބޮޑު މައްސަލައެކެވެ.   ކުރެޑިޓަށް ތަކެތި ނަގާ ފަހުން ފައިސާ ނުދެއްކުން، ދީނީ ނަޒަރަކުން ބަލައިލަމާތޯ!    އާދެ! އަޅުގަނޑުމެންގެ މާތް ސާހިބާ މުހައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ ހަދީޘްތައްވެސް ހުރުމާއިއެކު މިކަމަކީ ދީނީ ގޮތުންވެސް ރަނގަޅުކަމެއް ނޫންކަން އެނގިގެންދެއެވެ. އެގޮތުން މާތް ނަބިއްޔާ މުހައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރައްވާފައިވެއެވެ. "(މަރުވާއިރު ދަރަންޏެއްވާ) މުއުމިން އަޅާގެ ކިބައިން ދަރަނި އަދާކޮށްފުމަށް ދާންދެން، އޭނާގެ ފުރާނަވަނީ ކަށްވަޅުގައި ރަހީނު ކުރެވިފައެވެ." މި ހަދީޘުންވެސް އެފަދަ ދަރަނިތައް ނުދައްކާ ހުރުމުގެ ބިރުވެރިކަމާއި ނުބައިކަން އެނގިގެންދެއެވެ. އެހެންކަމުން މި ފަދަ ކަމަކަށް އަޅުގަނޑުމެން އަރައިގަންނަންވީ ކީއްވެގެންތޯއެވެ؟   ލޮބުވެތި އަޙުންނާއި އުޙުތުންނޭވެ! ފިހާރަތަކުން ދަރަންޏަށް އެއްޗެއް ނެގިނަމަވެސް ތިމާއަށް ދެއްކޭހާ އަވަހަކަށް އެ ދައްކާ ޙަލާސްކުރުމަށް ހަނދާންކުރާށެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...