ވަޢުދެއްވެއްޖެނަމަ އެ ވަޢުދެއް ފުއްދާށެވެ.
 ދރިއުޅުމުގެ އެންމެހާ ކަންކަން ބަދަލުވެ އެކަކު އަނެކަކާއި ދޭތެރޭ އޮންނަ ވާދަވެރިކަން އިތުރުވަމުންދާއިރު އަޅުގަނޑުމެންނަށް ގިނައިން އިވެމުން އަދި ފެންނަމުން މިދަނީ އެކަކު އަނެކަކަށް ކަމެއް ހާސިލް ކުރުމުގައިވެސް ވަޢުދުތަކެއް ވަމުންދާތަނެވެ.   އަޅުގަނޑުމެން ދައްކާ ވާހަކައަކީ އޭގައި ބުރަދަނެއްހުރި ޔަޤީންކުރެވޭފަދަ ވާހަކައެއްނަމަ އެހެން މީހުންގެ އިތުބާރާއި ޔަޤީންކަން ލިބިގެންދާނެއެވެ. ހަމައެހެންމެ އެކަމުން ﷲ ސުބުޙާނަހޫ ވަތަޢާލާ ގެ ރުއްސެވުން ލިބިގެންދާނެއެވެ. ރަނގަޅު މަޤުސަދެއް އޭގައި އޮވެގެންވެސް މީހަކު ވަޢުދެއް ކޮއްފާނެއެވެ. ަނަމަވެސް އިސްލާމީ ރަނގަޅު އުޅުމެއް ހުންނަ މީހެއްނަމަ ޔަޤީނުންވެސް އެވީ ވަޢުދެއް ފުއްދާނެއެވެ. ވަޢުދު ފުއްދުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅާކަމެކެވެ.    ކީރިތި ޤުރުއާނުގެ އިސްރާ ސޫރަތުގެ 34 ވަނަ އާޔަތުގައިވެއެވެ. "އަދި ތިޔަބައިމީހުން އަޙްދު ފުއްދާށެވެ. ހަމަކަށްވަރުން އަޙްދަކީ އެއާމެދު ސުވާލު ކުރައްވާނޭ ކަމެއް ކަމުގައި ވިއެވެ." މި އާޔަތުންވެސް ވަޢުދު ފުއްދުމުގެ މުހިންމުކަން ހާމަވެގެންދެއެވެ. މިކަމަކީ ޤިޔާމަތް ދުވަހުން އަޅުގަނޑުމެންނާއި ސުވާލުކުރެވޭނޭ ކަމަކަށް ވީއިރު، އަޅުގަނޑުމެންނަކީ މުސްލިމުންނަށްވީތީ، މިއީ ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެކެވެ. ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ވަޢުދެއްވާއިރު އެ ވަޢުދެއް ފުއްދުމުގެ މުހިއްމުކަން ނޭނގުމެވެ. ވަޢުދު ދުއްދޭވަރުގެ ޤާބިލިއްޔަތުކަން ނެތްނަމަ މީހުން ކައިރީގައި 'ސަޅި' ވާހަކަދެއްކުމަކީ ތިމާގެ މޮޅުކަން ހާމަވާ ކަމެއްކަމުގައި ނުދެކޭށެވެ.     ވަޢުދެއްވުމުގެ ކުރިން އެއީ ތިމާއަށް ފުއްދޭނެވަރުގެ ވަޢުދެއްތޯ އަމިއްލަ ނަފްސާއި ސުވާލުކޮށްލަނީ ތީގެ ތެރެއިން ކިތައް ބޭފުޅުންތޯއެވެ؟ ބޮޑެތި ވަޢުދުތައްވާއިރު ދުލުން އެ ބޭރުކޮށްލެވެނީ ކިހާ ބޮޑު އަމާނާތެއްކަން އެނގިލައްވަނީ ކިތަށް ބޭފުޅުންނަށްތޯއެވެ؟ މާތް ﷲ ގެ އިރާދަފުޅާއެކީ އެ ވަޢުދު ފުއްދޭނެކަމުގެ ޔަޤީންކަން ނެތްނަމަ ވަޢުދުވުމަށްވުރެ ނުވުން ބުއްދިވެރިއެވެ. ނަމަވެސް ފުރިހަމަ ޔަޤީންކަން އޮތްނަމަ އެކަމުގައި ގޯހެއް ނެތެވެ.   އަޅުގަނޑުމެންނަކީ ވަޢުދު ފުއްދާ ބަޔަކުކަމުގައި ވެއްޖެނަމަ އަޅުގަނޑުމެންގެ އަމިއްލަ ނަފްސާއި ކުރެވޭ އިތުބާރު ބޮޑުވެގެންދާނެއެވެ. ހަމައެހެންމެ އެކަމުން އަމިއްލަ ނަފްސަށް ލިބޭ ހިތްހަމަ ޖެހުންވެސް ވަރަށް ބޮޑުވާނެއެވެ. ނަމަވެސް، ވަޢުދެއްވެ އެ ވަޢުދެއް ނުފުއްދާ ދޭދަވާ ކޮންމެ ދުވަހަކީ އެކަމުން ތިމާއަށް އެތައް ހިތްހަމަ ނުޖެހުމަކާއި ހިތް ނުތަނަވަސްކަމެއް ކުރިމަތިކުރުވާނެ ދުވަހެކެވެ.   ތިމާއަށް ވަޢުދެއްވެވިއްޖެނަމަ އެކަން ވެގެންދާނީ އެހެން މީހުން ތިމާއަށް ބަރޯސާވާން ލިބޭ ފުރުސަތަކަށެވެ. އެކަން ވާނީ ތިމާ ދެކޭގޮތުގައި ތިމާއަށް މާ މުހިއްމުކަމެއް ނޫނަސް އެހެން މީހުންނަށް ވަރަށް މުހިއްމު ކަމެއްކަމުގައެވެ. އެހެންވީމާ، ތިމާ ކުރާ ވަޢުދަކީ ކިތަންމެ ބޮޑު ވަޢުދަކަސް އަދި ކިތަންމެ ކުޑަ ވަޢުދަކަސް ފުއްދަން ޖެހޭނެ ވަޢުދެކެވެ. އެހެންކަމުން ވަޢުދެއްވާއިރު އެއީ ތިމާއަށް ފުއްދޭނެވަރުގެ ވަޢުދެއްތޯ ވިސްނާލުން މުހިއްމެވެ.   ތިމާ ވަޢުދެއްވާއިރު އެ ވަޢުދަކީ ރަނގަޅު ނިޔަތެއްގައި ވެވޭ ވަޢުދެއްތީ ވިސްނާލުން މުހިއްމެވެ. ކަންކަން ކާމިޔާބުވާނީ ރަނގަޅު ނިޔަތަކާއިއެކީ ހިތްވަރާއެކު އެކަން ކޮށްފިނަމައެވެ. މާތް ﷲ އަޅަމެންނީ ވަޢުދެއްވެއްޖެނަމަ އެ ވަޢުދެއް ފުއްދާ ބަޔަކުކަމުގައި ލައްވާށި. އާމީން!  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...