ބޭންކާއިއެކު ރަށުގެ މަލަމަތި އިތުރަށް ހިތްގައިމުވެ ރައްޔިތުންނަށް ބޮޑު ލުއިފަސޭހައެއް!
  2000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ރ. އަތޮޅު މީދޫއަކީ މިހާރު ރ. އަތޮޅުގައި އެންމެ ބާރު ސްޕީޑެއްގައި ތަރައްޤީވަމުން އަންނަ ރަށޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ފެނާއި ނަރުދަމާ ފަދަ އަސާސީ ހުރިހާ ހިދުމަތެއް ފުރިހަމަވެ ފެންވަރު ރަނގަޅު މަގުތަކާއިއެކު މީދޫއަކީ މިހާރު ތަރައްޤީގެ ރޮނގުގައި 'ފައްކާ' ވެފައިވާ ރަށެކެވެ.   ނަމަވެސް، މިއަދާއި ހަމައަށްވެސް މީދޫއަށް ނުލިބިފައިވާ އެންމެ މުހިއްމު އެއް ހިދުމަތަކީ ބޭންކުގެ ހިދުމަތެވެ. މިއަދު މީދޫގައި ބޭންކް އޮފް މޯލްޑިވްސްގެ ބުރާންޗެއް، އޭ.ޓީ.އެމް މެޝިނާއިއެކު ހުޅުވިގެންދިޔުމަކީ މީދޫ ރައްޔިތުންގެ ގިނަ ދުވަސްވީ ހުވަފެނެއް ހަޤީގަތަކަށްވެގެންދިޔުމެވެ. ގިނަ ދުވަސްތަކެއް ވަންދެން އެދިއެދި ތިބި ކަމެއް މިއަދު މިވަނީ ހަޤީޤަތަކަށްވެގެން ގޮސްފައެވެ.
ބޭންކު ހުޅުވި ޙަބަރާއިއެކު މީދޫ ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ޝުއޫރުތަކުންވެސް މިކަން ފާހަގަވެގެންދެއެވެ. "ބޭންކުގެ ހިދުމަތަކީ މީދޫއަށް މަދުވެފައިވާ އެންމެ މުހިއްމު އެއް ހިދުމަތް، މިއަދު ބޭންކު ހުޅުވުމުން ވަރަށް އުފާވެއްޖެ، މުސާރަ އެކައުންޓަށް ޖަމާވުމާއިއެކު ކޭޝް ނުލިބިގެން ދެން އުޅޭކަށް ނުޖެހޭނެ" އެމް.ޓީ އާއި ވާހަކަދެއްކި މީދޫގެ ޒުވާނަކު ބުންޏެވެ. މިއީ މި ފަދަ ހުރިހާ ޒުވާނުންގެވެސް އަދި އެހެން ހުރިހާ ރައްޔިތުންގެވެސް ޝުޢޫރެވެ.
މީދޫ ރައްޔިތުންގެ އިތުރުން މީދޫގެ ވަށައިގެން ހަދާފައިވަ ގިނަ ރިޒޯޓުތަކުގައި އުޅޭ މުވައްޒަފުންނަށްވެސް މީދޫގައި އޭޓީއެމް އާއިއެކު ބޭންކުގެ ހިދުމަތް ދޭން ފެށުމުން ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ދިގަލި ރިޒޯޓުގެ ސްޓާފުންގެ ބޭންކިންގ ބަލަހައްޓާ މުވައްޒަފަކު އެމް.ޓީއާއި ވާހަކަދައްކަމުން ބުނި ގޮތުގައި މީދޫގައި ބޭންކުގެ ހިދުމަތް ލިބެން ފެށުމާއިއެކު ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށް ޤަބޫލުކުރާކަމަށާއި ބޭންކުގެ ހިދުމަތް ރިޒޯޓާއި ގާތުން ލިބެން ފެށުމުން ވަރަށް 'ބޮލަށް ފަސޭހަ' ވުމުގެ އިހުސާސެއް ކުރެވޭ ކަމަށްވެސް އޭނާ ބުންޏެވެ.
ބޭންކުގެ ބުރާންޗު ޤާއިމުކޮށްފައިވަނީ ކުރީގެ ގެސްޓު ހައުސް ހުރި ބިމުން ބައެއްގައެވެ. މިކަމުގެ ސަބަބުން މީދޫގެ މަލަމަތި އިތުރަށް ރީތިވެ ތަރައްޤީގެ ސިފަ ރަށަށް އަރާ ފައިބާ ކޮންމެ މީހަކަށްވެސް ފެނިގެންދާނެކަން ފާހަގަކޮށްލެވެއެވެ. ހަމައެއާއިއެކު މި ބިމުގައި ބޭންކުގެ އިމާރާތް އެޅުމާއިއެކު ރަށަށް އަރާ މީހުންނަށް ފަސޭހަކަމާއިއެކު ބޭންކުގެ ހިދުމަތް ބޭނުންވެސް ކުރެވޭނެއެވެ.
ބޭންކުގެ ހިދުމަތް ލިބެން ފެށުމާއިއެކު މީދޫގެ ތަރައްޤީއަށް އައު ބޮޅެއް މިއަދު މިވަނީ އިތުރުވެފައެވެ. ބޭންކުގެ ބުރާންޗު މީދޫ ރައްޔިތުން ބަލައިގެންފައިވަނީ ހިތްހަމަ ޖެހުމާއި އުފާވެރިކަމާއިއެކުއެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...