( އެއީ ކޮންކަހަލަ އެކުވެރިންތަކެއް ހެއްޔެވެ ؟ ( ހަޤީޤީ ވާހަކަ
މިއީ ޝެއިޚަކު ކިޔަދީފައި އޮތް ޙަޤީޤީ ވާހަކައެކެވެ. ޝެއިޚް ކިޔާދީފައިވެއެވެ. " ތިމަންމެންނަށް ޚަބަރެއް އައެވެ. ޒުވާން އުމުރު ފުރައިގެ ކުއްޖަކު ނުބައި މަގު ދޫކޮށް ހެޔޮ މަގުގައި ޘާބިތުވިކަމުގެ ޚަބަރެވެ. އޭނާ ފަރުޟު ފަސް ނަމާދަށް ރައްކާތެރިވާން ފެށިއެވެ. އަދި ކީރިތި ޤުރުއާން ހިތުދަސްކުރަން ފެށިއެވެ. ނަމަވެސް އޭނާގެ ހިތަށް، އޭނާ ކުރިން އެކު އުޅުނު ރައްޓެހިންގެ މަތިން ހަނދާންވިއެވެ. އެމީހުން އަދިވެސް ތިބީ ފާފައިގެ ކަނޑުގައި ޣަރަޤުވެފައެވެ. އެހެންކަމުން އިޞްލާޙް ވާނެ ކަމުގެ އުއްމީދުގައި އެމީހުންގެ ކައިރިއަށް އޭނާ ނަސޭހަތްތެރިވުމަށް ދިޔައެވެ. އޭނާ އެމީހުންގެ ކައިރިއަށް ނުދިޔަނަމަ ކޮންފަދަ ހެއްޔެވެ! އަދި ތިމަންނަގެ ނަސޭހަތަކީ ދީނަށް އެނބުރި އަންނަ ކޮންމެ ކުއްޖަކުވެސް، އޭނާ ކުރިން އެކު އުޅުނު ނުބައި ރައްޓެހިންގެ ގާތަށް އެކަނި ނުދިޔުމަށެވެ. ދާކަމުގައި ވާ ނަމަ، ތިމާ އާ އެކު ޞާލިޙު ރަނގަޅު ބަޔަކު، އެބައިމީހުންނަށް ހެޔޮ މަގަށް ގޮވާލަން ގެންދިޔުމަށެވެ. 

ކޮންމެއަކަސް އެ އެކުވެރިންނަށް ހިދާޔަތް ލިބުމުގެ އުއްމީދުގައި ނަސޭހަތްތެރިވުމަށް އޭނާ އެކަނިމާ އެކަނި ދިޔައެވެ. އެކުވެރިން ކައިރިއަށް ދިޔުމާއެކު އެމީހުންގެ އެކިއެކި ބަސްތަކުގެ ހަމަލާތައް އޭނާއާ ދިމާއަށް އައެވެ. " އެކު އުޅުނު އެވެނި މިވެނި ދުވަހެއްގެ މަތިން ހަނދާން އެބަހުރި ހެއްޔެވެ ؟ " އެއާ އެކު އަޑުތައް ގަދަވެ އެމީހުން ނުލަފާ ހެނުމުގެ އަޑުތައް އިވެންފެށިއެވެ. ކުރިން އުޅުނު މާޟީގެ ދުވަސްތައް އޭނާގެ ހިތަށް ވަދެ، އެންމެފަހުން  އެތަނުން ދުރަށް އޭނާ ދިޔައެވެ.
އޭގެ ދުވަސްކޮޅެއް ފަހެވެ. އެ ނުބައި އެކުވެރިން އޭނާގެ ކައިރިއަށް އައެވެ. އަދި އެމީހުން " ކާރެއް ގަތުމަށްޓަކައި " މާ ދުރުނޫން ހިސާބަކަށް ދަތުރެއް ރާވާފައިވާ ކަމާއި އެ ދަތުރުގައި އޭނާ އެމީހުންނާ އެކު ބައިވެރިވުމަށް އެދުނެވެ. އެމީހުން ބުނީ ތިމަންމެންނަށް ﷲ މަތިން ހަނދުމަކޮށްދޭނޭ މީހަކު ބޭނުންވާކަމާއި އެމީހުންނަށް ދަތުރު މަތީގައި ނަމާދުކުރުމަށް އިމާމަކު ބޭނުންވާ ކަމާއި އަދި ޖަމްޢު ޤަޞްރު ކުރާނެ ގޮތް ކިޔާދޭނެ މީހަކު ބޭނުންވާ ކަމަށެވެ. ކޮންމެއަކަސް އޭނާ އެ ޚިޔާލަށް ވަރަށް ތާއީދުކުރިއެވެ. އަދި އެބައިމީހުންނާއެކު އެ ދަތުރުގައި ބައިވެރިވުމަށް ނިންމިއެވެ. އޭނާ އެނިންމުން ނުނިންމި ނަމަ ކޮންފަދަ ހެއްޔެވެ ؟
އެ ނުބައި އެކުވެރިން، ޒިނޭ ކުރާ ފާޖިރު އަންހެނާއެކު ޑީލްއެއް ހެދިއެވެ. ﷲ އަކްބަރު! އެބައިމީހުންގެ މުދާ އެބައިމީހުން ހޭދަކުރީ ﷲ ގެ މަގުން މީސްތަކުން ދުރުކުރުމަށެވެ. ދަތުރުގައި އޭނާގެ އެކުވެރިޔާއަށް ޚާއްޞަވެފަ އިން ކޮޓަރިއަށް އެ ފާޖިރު އަންހެނާ ރަލާއި މިޔުޒިކާ އެކު އެބައިމީހުން ވެއްދިއެވެ. އަދި އެ ފާޖިރު އަންހެނާ އޭނާގެ ކޮޓަރީގައި މަޑުކުރިއެވެ. އެންމެ ފަހުން ރާ ތައްޓެއް އޭނާއަށް ދިނުމަށް ދާންދެނެވެ. ދެން އެއަށްފަހު ދެވަނަ ރާ ތައްޓެވެ. ދެން އެއަށްފަހު ތިންވަނަ ރާ ތައްޓެވެ. ދެން އެއަށްފަހު ޙަރާމްކުރެވިގެންވާ ޒިނޭގެ ބޮޑު ފާފަ ހިންގައިފިއެވެ. އަދި އޮރިޔާން ހާލުގައި މަސްތުވެފައި ވަނިކޮށް އެރޭ އޭނާ ނިދައިފިއެވެ. ﷲ ގެ ހަޟްރަތުން ރައްކާތެރިކަމަށް ތިމަންނަ އެދެމެވެ. އެ އެކުވެރިންނަށް ހަލާކު ހުއްޓެވެ! އަދި އެބައިމީހުން ކަހަލަ ކޮންމެ ބަޔަކަށްވެސް ހަލާކު ހުއްޓެވެ!
އޭނާ އެ ހާލަތުގައި އެނދުގައި ވަނިކޮށް އެ ނުބައި އެކުވެރިން ހެމުން ހެމުން އެ ކޮޓަރިއަށް ވަނެވެ. އެމީހުން އޭނާ ހޭލެއްވުމަށް މަސައްކަތްކުރިއެވެ. އޭނާގެ ނަމުން ގޮވާ ގޮވާވެސް އޭނާ ނުހޭލިއެވެ. އަނެއްކާވެސް އެމީހުން އޭނާއަށް، އޭނާގެ ނަމުން ގޮވަން ފެށިއެވެ. ދެންވެސް އޭނާ ހޭލާގޮތެއް ނުވިއެވެ. އެއަށްފަހު އޭނާގެ ގައިގައި އަތްލައި ދެކޮޅަށް ދެކޮޅަށް ތަޅުވާވެސް އޭނާ ހޭލާ ގޮތެއް ނުވިއެވެ.   ހިތާމަވެރި ޚަބަރު އަޑުއަހާށެވެ! އޭނާ ރާ ބުޔެވެ! އަދި ޒިނޭ ކުރިއެވެ! ދެން އެއަށްފަހު އެ ހާލުގައި ނިދިއެވެ! އޭނާ އެގޮތުގައި އެރޭ މަރުވެގެން އެ ދިޔައީއެވެ! އެއީ ކޮންކަހަލަ އެކުވެރިންތަކެއް ހެއްޔެވެ ؟ އެއީ ކޮންކަހަލަ އެކުވެރިންތަކެއް ހެއްޔެވެ ؟ އޭނާ އެރޭ މަރުވެގެން އެ ދިޔައީ ނުބައިވެގެންވާ މަރަކުންނެވެ. އިއްނާ ލިއްލާހި ވައިއްނާ އިލައިހި ރާޖިޢޫން! އެއީ ކޮންކަހަލަ އެކުވެރިންތަކެއް ހެއްޔެވެ ؟ "
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
...